ސްކޫލެއްގައި ހިންދޫ ދީނުގެ ހަފުލާއެއް ބޭއްވި މައްސަލަ ފުލުހަށް ހުށަހަޅައިފި

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް ---

ސްކޫލެއްގައި ހިންދޫ ދީނުގެ ހަފުލާއެއް ބޭއްވި މައްސަލަ ތަހުގީގުކުރަމަށް މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ދީނީ ހަފްލާއެއް ފާހަގަކޮށްފިކަ މަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އިއްޔެ ފޮޓޯތަކެއް ދައުރުވެފަ އެވެ. އެ ފޮޓޯތަކުން ދައްކަނީ އިންޑިއާގެ ސަގާފީ "ރަންގޯލީ"އެއް ހަދާފައި ހުރި މަންޒަރެވެ. އެއީ ގޮވާންކުރާ ދުވަސްވަރާ ދިމާކޮށް، އިންޑިއާގެ ކެރެލާ ސްޓޭޓުގައި ފާހަގަކުރާ "އޯނަމް ފެސްޓިވަލް" ފާހަގަކުރުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިއަދު މިނިސްޓްރީގެ ސަމާލުކަމަށް އެ މައްސަލަ އައިސްފައިވާ ކަމަށާއި އެކާ ގުޅިގެން ސްކޫލާވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ.

"މިހާރު އެ މައްސަލަ ތަހުގީގު ކުރުމަށް ވާނީ ފުލުހަށް ހުށަހަޅާފައި. ލަފާ ކުރެވޭނީ ސްކޫލު ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ މިނިސްޓްރީންވެސް ދަނީ އިތުރަށް ބަލަމުން ކަމަށާއި މައްސަލައާ މެދު އެއްޗެއް ދެންނެވޭނީ، މައްސަލަ ބަލައި ނިމުމަށްފަހު ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައިސް އަބްދުއްލަތީފް ހަސަން "ސަން"އަށް ވިދާޅުވީ، ދައުރުވަމުންދާ ފޮޓޯތަކަކަކީ، މިދިޔަ ހުކުރު ދުވަހު ހެނދުނުން ފެށިގެން ހަވީރަށް އެ ސްކޫލުގެ ޓީޗަރުން ކުރިއަށް ގެންދިޔަ "ގެޓްޓުގެދާ" ހަރަކާތެއް ކަމަށެވެ. ދީނާ ހިލާފު އެއްވެސް ކަމެއް އެ ހަރަކާތުގައި ހިނގާފައި ނުވާކަމަށް ސްކޫލުގެ އިސްވެރިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހަރާކާތް ބޭއްވުމަށް ހުއްދަ ނެގުމަށް ސިޓީގައިވެސް އޮންނަނީ، ދީނީ އެެއްވެސް މި ހަރާކާތުގައި ނުހިގާނެ ކަމަށް. މިއީ ޓީޗަރުންގެ ގެޓްޓުގެދާއެއް ކަމަށް. ކުރީ އަހަރުތަކުގައިވެސް ސްކޫލުތަކުން ބާއްވާ ކަމަށް ޓީޗަރުންގެ ފަރާތުން މައުލޫމަތު ލިިބެނީ،" ކައުންސިލް ރައީސް އަބްދުއްލަތީފު ވިދާޅުވި އެވެ.

އަބްދުއްލަތީފު ވިދާޅުވީ، އެ ހަރަކާތް ބާއްވާފައިވަނީ، ސްކޫލުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އަދި ހަރަކާތުގައި ސްކޫލުގެ އިސްވެރިންނާއި ދިވެހި ޓީޗަރުންވެސް ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުރުވަމުންދާ ފޮޓޯތަކުން ދީންތަކުގެ ރަމްޒުތަކެއް ހުރި. އަޅުގަނޑުމެން މިހާރު ވާނީ، އެކަންތައް ހިނގައިދިޔަ ގޮތް ބަލަން ސްކޫލުގެ ޕްރިންސިޕަލަށް އަންގާފައި،" އޭނާ ވިދާޅުވިއެވެ.

"އެކަން އެގޮތަށް ހިނގައިފި ނަމަ، އެއީ މައްސަލައެއް. އެކަން ބަލާނަން،"

އަބްދުއްލަތީފު ވިދާޅުވި ގޮތުގައި އެ ހަރަކާތް ހިނގި ވަގުތު ފުލުހުންވެސް ސްކޫލަށްވެސް ދިޔަ ކަމަށާއި ނަމަވެސް ފުލުހުންނަށްވެސް އެތަނުން ދީނާ ހިލާފުކަމެއް ފެނިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް