ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ގައުމީ ފްރޭމްވޯކެއް!

ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ގައުމީ ފްރޭމްވޯކެއް އުފައްދައި، މިރޭ އެ ފްރޭމްވޯކް ލޯންޗުކޮށްފިއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފްރޭމްވޯކް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެ ފްރޭމްވޯކް މިރޭ ލޯންޗުކޮށްފައިވަނީ "ވޯލްޑް ޕޭޝަންޓް ސޭފްޓީ" ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ. ވޯލްޑް ޕޭޝަންޓް ސޭފްޓީ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17ގައި ފާހަގަކުރުމަށް ނިންމާފައިވާ ދުވަހެކެވެ.

މިރޭ ތައާރަފުކުރި އެ ފްރޭމްވޯކްއަކީ ސިއްހީ ދާއިރާގެ ހިއްސާއާއެކުގައި ރައްޔިތުންނަށް ރައްކާތެރި ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކުރި ފްރޭމްވޯކެކެވެ.

ބައިނަލްއަގުވާމީ ގޮތުން އަމަލުކުރާ އެންމެ ރަނގަޅު ގޮތްތައް އެ ފްރޭމްވޯކުގައި ހިމަނާފައިވާނެއެވެ. އޭގެ ސަބަބުން ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ސިއްހީ ހިދުމަތްތެރީންނަށް އެކި ކަންކަން ދަސްކުރުމަށާއި ހިދުމަތްތައް ރަނގަޅުކުރުމަށް މަގުފަހިކޮށްދޭނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : ހެލްތު މިނިސްޓްރީ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ބަލި މީހުންގެ ރައްކާތެރިކަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެއީ އޭގެ ސަބަބުން އެކި ކަހަލަ ނުރައްކާތެރި ހާދިސާތައް ކުރިމަތިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ހިދުމަތް ފޯރުކޮށްދިނުމުގައި ބަލި މީހުންނަށް ލިބެން ޖެހޭ ހިދުމަތް ނުލިބުމުގެ ސަބަބުން ދެ މިލިއަން މީހުން އެބަ މަރުވޭ،" އަމީން ވިދާޅުވިއެވެ.

ސިއްހީ ހިދުމަތުގެ ތެރޭގައި ހުންނަ އެއް ކަމަކީ އަސާސީ ކަމަކަށް ނުވި ނަމަވެސް އެއީ ވަރަށް މުހިންމު ކަމަކަށް ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިއްހީ ހިދުމަތުގެ ތެރޭގައި ހުންނަ ކޮންމެ އަސާސެއް ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންވާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް