ރާއްޖެއިން ނިއުޔޯކް ކޮންވެންޝަންގައި ބައިވެރިވެއްޖެ

ރާއްޖެއިން ނިއުޔޯކް ކޮންވެންޝަންގައި މިއަދު ވަނީ ސޮއިކޮށްފައި -- ފޮޓޯ/ އިބްރާހިމް ރިއްފަތު

އެހެން ގައުމުތަކުން ނިންމާ އާބިޓްރޭޝަން މައްސަލަތައް ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ "ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" ނުވަތަ ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

ނިއުޔޯކް މުއާހަދާއަކީ ގައުމުތަކުން ނިންމާ އާބިޓްރޭޝަންގެ މައްސަލަތައް ބަލައިގަނެ، އެ ތަންފީޒުކުރުމާ ގުޅޭގޮތުން 1958 ގައި އދގެ ޑިޕްލޮމެޓިކް ކޮންފަރަންސަކުން ފާސްކޮށް، ތަންފީޒުކުރަން ފެށި މުއާހަދާއެކެވެ. މި މުއާހަދާއަކީ އާބިޓްރޭޝަން މައްސަލަތައް ބައިނަލްއަގުވާމީ ގޮތުން ހިންގުމުގެ އެންމެ އަސާސީ ބިންގަލުގެ ގޮތުގައި ސިފަކުރެވެއެވެ.

ރާއްޖެއިން ނިއުޔޯކް ކޮންވެންޝަންގައި ބައިވެރިވުމުގެ ގޮތުން، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވަނީ އެ މުއާހަދާގައި ސޮއިކުރައްވާފައެވެ.

ރިއްފަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއުޔޯކް ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމަކީ ރާއްޖޭގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން ނުވަތަ ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ މެކަނިޒަމްތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

އަދި އެ މުއާހަދާގައި ބައިވެރިވުމުން ރާއްޖޭގައި އިންވެސްޓަރުންގެ އިތުބާރު ލިބި، ވިޔަފާރިކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތަށްވެސް އިތުރު ބާރެއް ލިބިގެން ހިނގައްޖެކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ރާއްޖެއަކީ ނިއުޔޯކް ކޮންވެންޝަންގައި ބައިވެރިވި 161 ވަނަ ގައުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރާއްޖޭގައި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރގެ ނަމުގައި އާބިޓްރޭޝަން ސެންޓަރެއް ގާއިމުކޮށްފައެވެ. އެ އިދާރާގެ ޗެއާމަނަކީ ގާނޫނީ ވަކީލު މުހައްމަދު ޝަހުދީ އަންވަރެވެ.

comment ކޮމެންޓް