ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް ބެޑްމިންޓަން މުބާރަތް ފަށައިފި

އައިއޯއައިޖީގައި ވާދަކުރ ރާއްޖޭގެ ނަބާހާއާއި ނަބީހާ --- އެމްއޯސީ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް މިއަދު ފަށައިފި އެވެ.

މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް ރާއްޖޭގައި ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތްތަކެއް ކުރިއަށްގެންދަން ރާވާފައިވާ އިރު މިއަދު ފެށި މި މުބާރާތަށް ފަހު މި މަހުގެ 24 އިން 29 އަށް އިތުރު މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު މި ފެށި މުބާރާތުގައި 15 ގައުމަކުން 108 ކުޅުންތެރިން ވާދަކުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މިއަދު ފެށި މުބާރާތް ނިމޭނީ އަންނަ އާދީއްތަ ދުވަހު އެވެ.

މި މަހުގެ ފަހުކޮޅު އޮންނަ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގައި 45 ގައުމަކުން 268 ކުޅުންތެރިން ވާދަކުރާނެ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މި ދެ މުބާރާތުގައި ވެސް ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ފެށި މުބާރާތުގައި ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ އަށް ކުޅުންތެރިން ވާދަކުރާ އިރު، އަންހެން ސިންގަލްސް ބައިގައި ހަ ކުޅުންތެރިން ވާދަކުރެ އެވެ. ފިރިހެން ޑަބަލްސް ބައިގައި ރާއްޖޭގެ ފަސް ޕެއާއެއް ވާދަކުރާ އިރު، އަންހެން ޑަބަލްސް ބައިގައި ރާއްޖޭގެ ދެ ޕެއާ ކުޅޭނެ އެވެ. އަދި މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިން ހިމެނޭ ތިން ޕެއާ އެއް ވާދަކުރާނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ އަހަރު ބާއްވަން ތާވަލްކުރި ބައިނަލްއަގްވާމީ މުބާރާތް ނުބޭއްވުނީ ބެޑްމިންޓަން ކޯޓުގެ ބައެއް ކަންތައްތައް ފުރިހަމަ ނުވެ ހުރުމުންނެވެ. ނަމަވެސް އެކަންކަން ރަނގަޅުކޮށް ޔޫތު މިނިސްޓްރީގެ އެއްބާރުލުމާ އެކު އިތުރު ދެ ކޯޓާ އެކު މިހާރު ވަނީ ނިންމާލައިފަ އެވެ. މިހާރު ކުޅިވަރު އެކުވެނީގައި ޖުމުލަ އަށް ކޯޓު އޮވެ އެވެ.

ޔޫތު މިނިސްޓްރީން ބުނީ މަރާމާތުކޮށް މިއަދު ކޯޓް ނިންމާލި އިރު 2.5 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ. އަދި ކުރިން އެންމެ ގިނަ ކުޅުންތެރިން ކުރަމުން އައި ޝަކުވާކަމަށްވާ ތަން ހޫނުވުމުގެ މައްސަލައަށް ހައްލެއް ގެނެސް 50 އިންސައްތަ ހޫނު ދަށް ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ބައިނަލް އަގުވާމީ ފެންވަރުގެ ޕިޗަކާއި ލައިޓުތައް ވެސް ބަދަލުކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއް ބޭއްވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުޅިވަރު އެކުވެނީގެ އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެ މުބާރާތް ނުބޭއްވުނެވެ.

comment ކޮމެންޓް