ސައޫދީ އަށް ހަމަލާދިނީ އީރާން ކަމަށްވިޔަސް އީރާނާ ހަނގުރާމަ ކުރެވޭކަށް ނެތް: ޓްރަމްޕް

ވައިޓް ހައުސް (ސެޕްޓެމްބަރު 17) : ސައޫދީ ތެލުގެ ދެ މަރުކަޒަކަށް މިދިޔަ ހޮނިހިރު ދުވަހު ދިން ޑްރޯން ޙަމަލާގެ ފަހަތުގައިވަނީ އީރާން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ސައޫދީ އިރުމަތީ ދެސަރަހައްދު ކަމަށްވާ ބަޤީޤް އާއި ހިޖްރަތު ޚުރައިސް ގައިވާ ތެލުގެ ދެ މަރުކަޒަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި އީރާން ބައިވެރިވާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށާ މިއާއެކު ވެސް އީރާނާއެކު ހަނގުރާމައަކަށްދާން އެމެރިކާ ބޭނުންނުވާ ކަމުގަ އެވެ. ނަމަވެސް ސައޫދީން އެމެރިކާއަށް އިތުރަށް ފައިސާ ދޭން ތައްޔާރަށް އޮތްނަމަ އީރާނުގެ ނުރައްކަލުން ސައޫދީ ހިމާޔަތްކުރަން ކުރަން ކުރިޔަށްވުރެ ބޮޑަށް މަސައްކަތް ކުރަން އެމެރިކާ ތައްޔާރަށް އޮތްކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާނުގެ ނުރައްކާ ސައޫދީ އަށް އިތުރަށް ބޮޑުވަމުންދާތީ ސައޫދީ އަށް އިތުރު ހަތިޔާރު ވިއްކަން އެމެރިކާ ތައްޔާރަށް އޮތްކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ސައޫދީ އިރުމަތީ ދެސަރަހައްދު ކަމަށްވާ ބަޤީޤް އާއި ހިޖްރަތު ޚުރައިސް ގައިވާ ތެލުގެ ދެ މަރުކަޒަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި އެދެމަރުކަޒު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާ އެކަމުގެ ސަބަބުން ސައޫދީން އުފައްދާ ތެލުގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށަށްގޮސްފައިވާ ކަމަށް ސައޫދީ މަސްއޫލުވެރިން ވަނީ ވިދާޅުވެފަ އެވެ.

ސައޫދީ އަކީ އެމެރިކާގެ ޒަމާނީ ހަތިޔާރު އެންމެ ގިނައިންހުރި ގައުމަށްވެފައި ސައޫދީ އަކީ އެމެރިކާއާއި ޗައިނާ ފިޔަވައި ދުނިޔޭގައި އަސްކަރީ ބަޖެޓް އެންމެ ބޮޑު ގައުމުކަމަށްވާއިރު ޔަމަންގެ ހޫޘީ ޖަމާއަތުން 10 ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތައް ދިފާއުނުކުރެވި ސައޫދީ ތެލުގެ އިންޑަސްޓްރީ އަށް މިހާބޮޑު ގެއްލުމެއް ލިބުނު ސަބަބާމެދުވަނީ ބޮޑެތި ސުވާލު ތަކެއް އުފެދިފަ އެވެ.

މި ހަމަލާތަކުގެ ނާޖާއިޒު ފައިދާނެގުމަށް ޓަކައި އެމެރިކާވަނީ ހަމަލާދިނީ ހޫޘީންގެ ބަދަލުގައި އީރާނުން ކަމަށްބުނެ ހަގީގަތް އޮޅުވާލުމުގެ މަސައްކަތް ފަށާފައި ކަމަށާ މިކަމުގައި އެމެރިކާގެ ބޭނުމަކީ އީރާނުގެ ބިރު ދައްކައިގެން އަނެއްކާވެސް ސައޫދީންގެ އަތުން އިތުރު ފައިސާތަކެއް ހޯދުން ނޫނީ އިތުރު ހަތިޔާރު ސައޫދީއަށް ވިއްކުމުގެ ފުރްސަތު ހޯދުން ކަމަށް އީރާނުން ބުނެއެވެ. ހޫޘީން ދިން ހަމަލާއެއްކަން އެމެރިކާ ކަށަވަރުކޮށްދީފި ނަމަ ސައޫދީން އަތުން އިތުރު ފައިސާ ހޯދުމުގެ ފުރްސަތު އެމެރިކާއަށް ނޯންނާނެ ކަމަށް ވެސް އީރާނުން ބުނެ އެވެ.

މިކަމަށް ޓަކައި އެމެރިކާ ވަނީ ސައޫދީ ތެލުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އީރާން ބައިވެރިވާކަމަށްބުނެ ސެޓެލައިޓް ފޮޓޯ ތަކާއި އިންޓަލިޖެންސް މައުލޫމާތު ވެސް ސައޫދީއަށް ފޯރުކޮށްދީފަ އެވެ. އަދި އެެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ޑްރޯންތައް ދަތުރުކޮށްފައިވާ މިސްރާބަށް ބަލާއިރު އެއީ ހޫތީން ދިން ހަމަލާތަކެއް ކަމަށް ނުބެލެވޭ ކަމަށާ ޑްރޯންތައް ހަމަލާދީފައިވަނީ އިރު އުތުރުން އީރާންއާ ދިމާއިން އައިސްގެންކަމަށް ބެލެވޭކަމަށް ވިދާޅުވެފަ އެވެ.

ސައޫދީން ހުރިހާކަމެއްގައި އަބަދުވެސް ބަރޯސާވަނީ އެމެރިކާ ބުނާއެއްޗަކަށާ އަދި އެމެރިކާ ދޭ މައުލޫމާތެއްއްގެ މައްޗަށެވެ. އަމިއްލައަށް ކަންކަންބަލައި ގޮތް ނިންމުމަކަށް ނޫނެވެ. އަދި އަމިއްލަ ނަފްސު ދިފާއުކުރުމަށް އަމިއްލައަށް ގޮތްތައް ނިންމައި އަމިއްލަ ނަފްސަށް ބަރޯސާވުމަކަށް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ވަނީ ސައޫދީ ތެލުގެ މަރުކަޒުތަކަށް ހޫޘީން ދިން ޑްރޯން ހަމަލާގައި ބައިވެރިނުވާ ކަމަށްބުނެ ޔަމަންގެ ހަނގުރާމައިގެ ހަގީގަތް ގަބޫލުކުރުމަށް ސައޫދީއަށް ގޮވާލާފަ އެވެ. މިގޮތުން ސައޫދީން ޔަމަނަށް ހަމަލާދޭއިރު އޭގެ ބަދަލު ޔަމަނުން ވެސް ހިފާނެކަމުގެ ހަގީގަތް ސައޫދީ ގަބޫލުކުރަން ޖެހޭ ކަމަށާ ހޫޘީންގެ ބާރަށް ވެސް ސައޫދީ އިއްތިރާފްވާންޖެހޭނެ ކަމަށް އީރާނުގެ ޚާރިޖި ވުޒަރާގެ ތަރްޖަމާން އައްބާސް މޫސަވީ ވަނީ ވިދާޅުވެފަ އެވެ.

ޔަމަންގެ ހަނގުރާމައިގެ ހަގީގަތަކީ ސައޫދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ޔަމަނުންވެސް ހިފާނެކަމުގެ ހަގީގަތެވެ. މިދިޔަ ހަފްތާގައި ސައޫދީން ޔަމަންގެ ޖަލަކަށް ހަމަލާދީ 137 މީހުން މަރާލި ޖަރީމާއަށް ވޭންދެނިބަދަލެއް ހިފާނެކަމުގެ އިންޒާރު ހޫޘީންވަނީ ދީފަ އެވެ.

ޔަމަންގެ ވެރިކަމުގައި މިހާރު ތިބި ހޫޘީން ވަނީ ޔަމަންގެ ހަނގުރާމަ ކުރިޔަށް ގެންދާނަމަ ސައޫދީ އިިގްތިސާދު ހަލާކުކޮށްލުމަށް ޓަކައި ސައޫދީ ތެލުގެ މަރުކަޒުުތަކަށާއި އެއާޕޯޓްތަކާއި އިގްތިސާދީ އިންފާރްސްޓްރަކްޗާ އަށް ބަދަލު ހިފުމުގެ ހަމަލާތައް ދޭނެކަމުގެ އިންޒާރު އެތަށް ފަހަރަކު ދީފައެވެ. އަދި ހޫޘީންވަނީ ސައޫދީ ތެލުގެ މަރުކަޒުތަކަށާއި ސައޫދީ ބައެއް އެއާޕޯޓްތަކަށްވެސް ޑްރޯން ހަމަލާއާއި މިސައިލް ހަމަލާތައް މީގެކުރިންވެސް ދީފައެވެ. ހޮނިހިރުދުވަހު ސައޫދީ ތެލުގެ މަރުކަޒުތަކަށް ދިން ޑްރޯން ހަމަލާތަކުގެ ޒިންމާ އުފުލާފައިވެސްވަނީ ހޫޘީންނެވެ.

ނަމަވެސް އެމެރިކާއާއި ސައޫދީގެ ފަރާތުން ފެންނަނީ ޔަމަންގެ ހަނގުރާމައިގެ މި ހަގީގަތް ގަބޫލުނުކޮށް ސައޫދީ އަށް ދޭ ހަމަލާތައް ހޫޘީންގެ ބަދަލުގައި އީރާނުގެ ބޮލުގައި އަޅުވައިގެން މައްސަލަ އެހެން ދިމާއަކަށް އަނބުރާލަން މަސައްކަތްކުރާ މަންޒަރުކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވަނީ ވިދާޅުވެފައެވެ.

ޑްރޯން ހަމަލާތަކަކަށްފަހު، ސައޫދީން ތެޔޮ އުފައްދާ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެގެންގޮސްފަ އެވެ. މިއާ އެކު އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 19 އިންސައްތައަށް މައްޗަށް ގޮސްފަ އެވެ.

ސައޫދީ ތެލުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ފަހަތުގައި އީރާން އޮތްކަމަށް ތުހުމަތުކުރައްވައި އެމެރިކާގެ ރައީސް ޓްރަމްޕް ވާހަކަ ދެއްކެވި ނަމަވެސް އީރާނާއެކު ހަނގުރާމައަކަށްދާން އެމެރިކާ ބޭނުންނުވާކަން ވެސް ޓްރަމްޕްވަނީ ހާމަކުރައްވާފަ އެވެ. މިއީ ސައޫދީ ނިކަމެތިކޮށް އެގައުމަށް އިހާނާތް ވާގޮތަށް ޓްރަމްޕް ދެއްކެވި ވާހަކަތަކެއް މުހައްލިލުން ސިފަކުރައްވަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް