އެމެރިކާގެ މުސްލިމް މޭޔަރަކު އެއާޕޯޓުގައި ހިފަހައްޓައި ފޯނު އަތުލި މައްސަލަ ހޫނުވެއްޖެ

އެމެރިކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޚައިރުﷲ ދަނީ 2005 ވަނަ އަހަރުން ފެށިގެން ޕްރޮސްޕެކްޓް ޕާކުގެ މޭޔަރުކަން ކުރަމުން -- ފޮޓޯ: މުހައްމަދު ޚައިރުﷲ

ވޮޝިންޓަން (ސެޕްޓެމްބަރު 17): އެމެރިކާގެ މުސްލިމް މޭޔަރަކު ނިއު ޔޯކުގެ ޖޭއެފްކޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިފަހައްޓާ، އޭނާގެ ފޯނު އަތުލި މައްސަލަ ހޫނުވެއްޖެ އެވެ.

ނިއު ޖާޒީގެ ޕްރޮސްޕެކްޓް ޕާކުގެ މޭޔަރުކަން 2005 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މުހައްމަދު ޚައިރުﷲ ވިދާޅުވި ގޮތުގައި އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ)ގެ އޭޖެންޓުން އޭނާ އެއާޕޯޓުން ހިފެހެއްޓީ ތުރުކީގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ދިޔުމުން މިދިޔަ މަހުގަ އެވެ.

އެގޮތުން ސީބީޕީ އޭޖެންޓުން ޚައިރުﷲ ހިފެހެއްޓުމަށް ފަހު އޭނާ ތުރުކީގައި "އެއްވެސް ޓެރަރިސްޓަކާ ބައްދަލުކުރިންތޯ" އެހި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ނޫނެކޭ ބުނުމަށް ފަހު، އިންޓަވިއު ނިންމާލަން އެދުމުން އޭނާގެ ފޯނު ދިނުމަށް ސީބީޕީ އޭޖެންޓުން އެދުނު ކަމަށް ޚައިރުﷲ ބުންޏެވެ.

އޭރު އޭނާގެ އަންހެނުންނާއި 10 އަހަރާއި ނުވަ އަހަރާއި ދެ އަހަރާއި 14 މަހުގެ ހަތަރު ކުދިން ބޭރުގައި މަޑުކޮށްގެން ތިބި އެވެ. އަދި ސީބީޕީން ފޯނު ފާސް ކުރުމަށް ގިނަ ވަގުތު ނެގުމުން، ޚައިރުﷲގެ ފޯނު އަނބުރާ ދިނުމަށް އެދުނު ކަމަށާއި އެހާ ހިސާބުން ސީބީޕީން ނިންމީ ފޯނު އަތުލުމަށް ކަމަށް އޭނާ ބުންޏެވެ.

ޚައިރުﷲ ބުނި ގޮތުގައި އެއަށް ފަހު އޭނާގެ ފޯނު ލިބުނީ 12 ދުވަސް ފަހުންނެވެ.

އެމެރިކާގައި މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރާ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްގެ ލިޓިގޭޝަން ޑިރެކްޓަރު އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި އެއީ "މީހާގެ ސިފައަށް ބެލުމަށް ފަހު ތަފާތު ކުރުމުގެ" މައްސަލައެކެވެ.

"[ސީބީޕީން] އަމަލު ކުރީ ޓެރަރިސްޓަކާ މެދު އަމަލު ކުރާ ފަދައިން. އެއީ އެމެރިކާގެ އެއްވެސް ރައްޔިތަކު ގަބޫލުކޮށްގެންވާނެ އަމަލުތަކެއް ނޫން،" މުހައްމަދު ވިދާޅުވި އެވެ.

ޚައިރުﷲ ވިދާޅުވި ގޮތުގައި އެއާޕޯޓުން އޭނާ ހުއްޓުވި އޭޖެންޓު ވަނީ، އޭނާ ހުއްޓުވީ އެގައުމުގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހެދިކަން ހާމަ ނުކުރާ ކަމަށާއި އޭގެ ސަބަބު ހޯދަން ބޭނުންވާ ކަމަށް ޚައިރުﷲ ވިދާޅުވި އެވެ. އަދި އެމައްސަލަ ކޯޓަށް ގެންދިޔުމާ ބެހޭ ގޮތުން ވިސްނަމުންދާ ކަމަށް ޚައިރުﷲ ވިދާޅުވި އެވެ.

އެމައްސަލައިގައި ސީބީޕީން ވަނީ އެ އޭޖެންސީގެ ޕްރައިވެސީ އެކްޓުގެ ދަށުން ވަކި މީހުންގެ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއާޕޯޓުގައި މީހުން ހުއްޓުވާ، ފާސްކޮށް، ބައެއް ހާލަތްތަކުގައި ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމުގެ ބާރުވެސް ގާނޫނުން ސީބީޕީއަށް ދީފައިވާކަން ފާހަގަކޮށްފަ އެވެ.

އެމައްސަލަ ފެންމަތިވެފައި ވަނީ، ސީބީޕީން އިލެކްޓްރޯނިކް ވަސީލަތްތައް ފާސް ކުރާ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އާއި އިލެކްޓްރޯނިކް ފްރޮންޓަޔާ ފައުންޑޭޝަންއިން ހުށަހެޅި މައްސަލައިގައިވާ ގޮތުން ގަބޫލު ކުރެވޭ ފަދަ ޝައްކަކާ ނުލާ އަދި ކޯޓު އަމުރަކާ ނުލައި އިލެކްޓްރޯނިކް ވަސީލަތްތައް އަތުލާ، ފާސް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ވާނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް