ޖަރުމަނާއި އޮސްޓްރިއާގައި ރާއްޖެ އިޝްތިހާރު ކުރަނީ

ޖަރުމަނުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ޜޯޑްޝޯ --- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ޖަރުމަނުވިލާތާއި އޮސްޓްރިއާގައި ރޯޑް ޝޯއެއް ފަށައިފި އެވެ.

މިއީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން މިއަހަރު ކުރިއަށްގެންދާ މިފަދަ ހަވަނަ ހަރަކާތެވެ. މި ރޯޑްޝޯ ޖަރުމަނުގެ ކޮލޯން، ފްރޭންކްފާޓް އަދި މިއުނިކްގައި ކުރިއަށްގެންދާއިރު އޮސްޓްރިއާގެ ވިއޭނާގައިވެސް ކުރިއަށްގެންދާނެ އެވެ. ޖަރުމަނުގައު ރޯޑްޝޯ އޮންނާނީ މާދަމާގެ ނިޔަލަށެވެ. އޮސްޓްރިއާގައި ރޯޑް ޝޯ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

މި ރޯޑްޝޯގެ މަގުސަދަކީ ޖަރުމަނު ބަހުން ވާހަކަ ދައްކައި އެ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މި ރޯޑްޝޯ ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް އެމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާ ކުރާނެ އެވެ.

އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން މި ރޯޑް ޝޯގައި ބައިވެރިވެ އެވެ.

މި ރޯޑްޝޯގައި ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކުރުމާއި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންގެ ދިނުމުގެ
އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ އެވެ. މި ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުންނެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖަރުމަނު ވިލާތަކީ ފަސްވަނައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުްނ ޒިޔާރަތްކުރި ގައުމެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޖަރުމަނުވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތާއަޅާބަލާއިރު މިއަހަރުގެ ޖުލައި މަހާ ހިސާބަށް 4.10 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

އޮސްޓްރިއާއިން ވެސް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ޖުލައި މަހުގެ ނިޔަލަށް އެ ގައުމުން 415،13 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، 3.9 ޕަސެންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް