އުނދަގޫ ހާލަތުން އަރައި ގަންނަން ޓީސީއިން ޝެއިހް ކަމާލް ކަޕަށް

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު: ފައިނަލުގައި ރާއްޖޭގެ ޓީސީ ވަނީ ދެކުނު ކޮރެއާގެ ޕޮޗިއޮންގެ މައްޗަށް ކުރި ހޯދާފައި ---

މާލީ ހާލަތު ގޯސްވެ ކުޅުންތެރިންނަށް މުސާރަ ނުދެވުމާއި، ކޯޗުގެ އިސްތިއުފާއާ އެކު އުނދަގޫ ހާލަތެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އެނބުރި ޓްރެކަށް އެޅުވުމަށްޓަކައި މި އަހަރު ބަންގްލަދޭޝްގައި ބާއްވާ ޝެއިޙް ކަމާލް ކަޕުގައި ކޮންމެ ގޮތެއް ހަދާފައިވެސް ބައިވެރިވާނެ ކަމަށް އެ ކުލަބުގެ ޗެއާމަން އަދި ފައުންޑަރ އަހްމަދު ނަޝީދު (ޑޭވް) ބުނެފި އެވެ.

ވޭތުވެ ދިޔަ ހަތަރު ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެ ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ފާހަގަވެފައި އޮތް ޓީސީ ވަނީ މިދިޔަ އަހަރުގެ ދިވެހި ލީގު ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރީ ތިން އަހަރުވެސް ލީގުގެ ދެވަނަ ހޯދި އިރު އެ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިޙް ކަމާލް ކަޕް ކާމިޔާބު ކުރުމެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބު: ފައިނަލުގައި ރާއްޖޭގެ ޓީސީ ވަނީ ދެކުނު ކޮރެއާގެ ޕޮޗިއޮންގެ މައްޗަށް ކުރި ހޯދާފައި ---

ނަމަވެސް އޭރު އެ ޓީމަށް ތަށި ހޯދައިދިން އިރު ޓީމުގައި ތިބި ގިނަ ކުޅުންތެރިން މިހާރު ޓީމަކު ނެތެވެ. އަދި އެ ތަށި ޓީމަށް އުފުލައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން ޓީމު ދޫކޮށްލާފަ އެވެ. އެއާ އެކު ދެން ކޯޗުކަމާ ހަވާލުވި މުހައްމަދު އާތިފް (އާތީ) ވެސް ހަވާލުވިތާ ފަސް މަސް ވެސް ހަމަ ނުވަނީސް ޓީމު ދޫކޮށްލައިފި އެވެ. ސަބަބަކަށްވީ ޓީމުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން މުސާރަ ނުދެވުމެވެ.

ޓީސީގެ ޗެއާމަން ޑޭވް "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ ޓީމު އޮތީ ވަރަށް ވެސް ދަތި ހާލަތެއްގައި ކަމަށެވެ. ސަރުކާރާއި އެހެނިހެން ފަރާތްތަކުން ވެސް ދޭން ބުނި ފައިސާ ކުލަބަށް ނުލިބޭ ކަމަށާއި ކިރިޔާ ވެސް އަޅާލުމެއް ލިބެނީ އެފްއޭއެމްގެ ފަރާތުން ކަމަށް ޑޭވް ބުންޏެވެ.

"ޓީމުގެ ހާލަތު ރަނގަޅެއް ނޫން. ކޯޗުގެ އިސްތިއުފާއާ އެކު ޓީމު ދޫކޮށްލަން ބޭނުން ކުޅުންތެރިއަކު ޓީމުން ދާން ހުއްދަ ދީފައި އޮންނާނީ. އެގޮތުން ޓީމުގެ ކީޕަރު މުހައްމަދު އިމްރާން (އިއްމަ) މެސެޖް ކުރި ދެން ޕްރެކްޓިހަށް ނުނިކުންނާނަމޭ. އަހަރެން ބުނިން މައްސަލައެއް ނެތޭ. އިންމަ އަށް ފެންނަ ގޮތަކަށް ކަންތައް ކުރާށޭ،" ޑޭވް ބުންޏެވެ.

15 މާޗް 2017: ޓީސީގެ ކާމިޔާބު ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން: އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް ޔާމީން---ފޮޓޯ ރައީސް އޮފީސް

ޑޭވް ބުނީ، މިހާރު ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ދެ މަސް ނުވަތަ ތިން މަސް ވެފައިވާ ކަމަށެވެ. އެއީ ކުލަބުން ބޭނުންވާ ގޮތް ނޫން ނަމަވެސް އިތުރު ގޮތެއް ނެތުމުން މުސާރަ ދެވެނެ ނެތީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިކަމުގައި މިނިސްޓަރު މަހްލޫފާއި ވެސް ބައްދަލު ކުރިން. ކުރިން އަލީ ވަހީދު ހުންނެވި އިރު އެބޭފުޅާއާ ވެސް ބައްދަލު ކުރިން. އޭރު ވިދާޅުވި ކުލަބުތަކަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ދޭނެ ކަމަށް. އެކަމު މިހާރު އިނގިއްޖެ ސަރުކާރުން ދޭން ބުނި ފައިސާ ނުދޭނެ ކަން،" ޑޭވް ބުންޏެވެ.

ލީގުގައި މި ވަގުތު ޓީސީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ޓީސީ އަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާއިރު، އެ ޓީމުން އޮތީ އަންނަ މަހު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގައި ބައިވެރިވާން ނަން ހުށަހަޅައިފަ އެވެ.

"މިވީ ގޮތުން ކޮންމެހެން ހަދާފައި ވެސް ކަމާލް ކަޕުގައި ވާދަ ކުރާނަން. އެއީ އެ މުބާރާތުގައި ބައިވެރިވުމުން ވެސް އެ މީހުން ކުލަބަށް ދޭނެ 10،000 ޑޮލަރު. އޭގެން ވެސް ޓީމަށް ކޮންމެސް ވަރަކަށް ހަރަދު ކޮށްލެވޭނެ ކަމަށް މި ބަލަނީ،" ޑޭވް ބުންޏެވެ.

ޑޭވް އިތުރަށް ބުނީ، އާތީގެ އިސްތިއުފާއާ އެކު ޓީމަށް ދެން އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗުގެ މަގާމުގައި މިވަގުތު ހުރި އަހުސަން ރަޝީދުއާއި އިސްމާއިލް އަހުސަން (ބަރޯ) ކަމަށެވެ. އެ ދެބޭފުޅުންނަކީ ވެސް ކުލަބު އުފެދިގެން އައި އިރުވެސް ތިބި ބައެއް ކަމުން ޓީމު ދޫނުކޮށްލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޑޭވް ބުންޏެވެ.

ޓީސީގެ ކާމިޔާބު ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ޓީސީ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވީއްސުރެ އެކުލަބުގައި މިހާތަނަށް ވެސް ކުޅުނު ޓީމުގެ "ސީނިއާ" ކުޅުންތެރިއަކު "ސަން" އަށް ބުނީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާނެ ކަމަށެވެ. އަދި ޓީމުގެ ބައެއް ކުޅުންތެރިން ބައިވެރި ނުވި ނަމަވެސް ޓީމު އޮތީ ރަނގަޅު ރޫހެއްގައި ކަމަށެވެ.

"މީގެ ކުރިން ވެސް ކޮންމެސް ވަރަކަށް މިކަހަލަ ކަންކަން ދިމާވި. ޓީމާ އެކު މިތިބީ، ދޫކޮށްލުމުގެ ވިސްނުމެއް ނެތް. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާ ރަނގަޅު ގޮތެއް ވާނެ. ބައެއް ކުޅުންތެރިންނަށް ހީވެފައި އޮންނަނީ ހުރިހާވެސް އެއްޗަކީ ފައިސާ އޭ. އެކަމު އަހަރެން ކުޅެނީ ކުލަބު ދެކެ ލޯބިވާތީ." ކުޅުންތެރިއަކު ބުންޏެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގުގައި މި އަހަރު ބާއްވާ ޝެއިޙް ކަމާލް ކަޕް ކުރިއަށްދާނީ އޮކްޓޫބަރު 18-30 ގެ ނިޔަލަށެވެ.

ޓީސީގެ އިތުރުން މުބާރާތުގައި ދެން ވާދަކުރާނީ ބަންގްލަދޭޝާއި އިންޑިއާ އިން ކޮންމެ ގައުމަކުން ތިން ކްލަބް އަދި ތައިލެންޑް ކްލަބެކެވެ. ބަންގްލަދޭޝުން ވާދަކުރާނެ ކަމަށް ބެލެވެނީ ބަންގްލަދޭޝް ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ޑާކާ އަބަހާނީ ލިމިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި ޗިޓަގޮންގް އަބަހާނީ އެވެ. މީގެ ތެރެއިން ބަޝުންދުރާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިދިޔަ ދެ އަހަރު ނިއު ރޭޑިއަންޓާ އެކު ކާމިޔާބު ހޯދި ސްޕެއިނުގެ އޮސްކާ ބްރުޒޮން މިހާރު ކޯޗުކޮށްދޭ ޓީމެވެ.

comment ކޮމެންޓް