ތައިލޭންޑުގެ ޓައިގާ ޓެމްޕަލްއިން ސަލާމަތްކުރި 86 މިނިކާވަގު މަރުވެއްޖެ

ބުޑިސްޓް ފައްޅިއެއް ކަމަށްވާ ޓައިގާ ޓެމްޕަލް ވަނީ 2016 ވަނަ އަހަރު ބަންދުކޮށްފަ -- ފޮޓޯ: ގެޓީ

ބޭންކޮކް (ސެޕްޓެމްބަރު 17): ތައިލޭންޑްގެ ޓައިގާ ޓެމްޕަލްގައި ތިއްބާ އެގައުމުގެ ސަރުކާރުން މީގެ ތިން އަހަރު ކުރިން ސަލާމަތް ކުރި 147 މިނިކާވަގުގެ ތެރެއިން 86 މިނިކާވަގު މިހާރު މަރުވެއްޖެ ކަމަށް އެގައުމުގެ ޕާކް ސާވިސްއިން ބުނެފި އެވެ.

މީގެ ކުރިން ފަތުރުވެރިންގެ މެދުގައި މަގުބޫލު ބުޑިސްޓު ފައްޅިއެއް ކަމަށްވާ ޓައިގާ ޓެމްޕަލްއަކީ ލާރި ދީގެން އެތާ ތިބޭ މިނިކާވަގާ އެކު ފޮޓޯ ނަގާ، ކުޅެން ފުރުސަތު ދިން ތަނެކެވެ. ނަމަވެސް އެފައްޅިން ގަވައިދާ ހިލާފަށް މިނިކާވަގު އެތެރެކޮށް، ޖަނަވާރުތަކަށް އަނިޔާ ކުރާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން ތައިލޭންޑުގެ ވައިލްޑްލައިފް އޮފިޝަލުން 2016 ވަނަ އަހަރު އެތަން ފާސް ކުރި އެވެ.

އަދި އޭރު އެފައްޅީގެ ފްރީޒަރު ތެރެއިން ގާތްގަނޑަކަށް 40 ޅަމިނިކާވަގާއި ސާރިދޯޅައެއްގެ ހަށިގަނޑު ފެނުނެވެ. އޭގެ ސަބަބުން ތައިލޭންޑުގެ ސަރުކާރުން ފައްޅީގައި ތިބި މިނިކާވަގު ސަލާމަތްކޮށް، ދައުލަތުން ހިންގާ ބްރީޑިން ސްޓޭޝަންތަކަށް ބަދަލު ކުރި އެވެ. އަދި ޓައިގާ ޓެމްޕަލް ވަނީ ފަހުން ބަންދުކޮށްފަ އެވެ.

ޓައިގާ ޓެމްޕަލްއަކީ މީގެ ކުރިން ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެއް -- ފޮޓޯ: ޑަބްލިއުއެފްއެފްޓީ

ތައިލޭންޑުގެ ޕާކް ސާވިސްއިން ބުނި ގޮތުގައި ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މިނިކާވަގުތައް މަރުވީ ވައިރަސްއެއް ފެތުރުމުގެ ސަބަބުންނާއި އާ ތަނަކަށް ބަދަލު ކުރުމުން، އެތަނަށް ހޭނުމަށް އުނދަގޫވުމުގެ ސަބަބުންނެވެ. އަދި އެ މިނިކާވަގުތައް ފައްޅީގައި ގެންގުޅެފައިވާ ގޮތުން އޭގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކަމަށްވެސް އޮފިޝަލުން ބުންޏެވެ.

ޓައިގާ ޓެމްޕަލް ހިންގި ފަރާތްތަކުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް