ޓެކްސީ އެޕް ތައްޔާރު ކުރަން ހުރިހާ ސެންޓަރުތަކަށް ފުރުސަތު

ބްރިޖުގައި ޓެކްސީތަކެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ

ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ކުރާ ޓެކްސީތަކަކީ އެ އޮތޯރިޓީ އިން ހުއްދަ ދީފައިވާ ޓެކްސީ އެޕްލިކޭޝަނެއްގައި ރެޖިސްޓްރީ ކޮށްފައިވާ ޓެކްސީއަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވާ އުސޫލު ބާތިލްކޮށް، ހުރިހާ ޓެކްސީ ސެންޓަރުތަކަށް ވެސް އެޕްލިކޭޝަން ތައްޔާރު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން އާންމު ކުރި އިއުލާނެއްގައި، ބުނީ އޮގަސްޓު އެކަކުން ފެށިގެން އެ އޮތޯރިޓީގައި ރެޖިސްޓްރީކުރާ ޓެކްސީތަކަކީ އެ އޮތޯރިޓީ އިން ހުއްދަ ދީފައިވާ އެޕްލިކޭޝަނެއްގައި ރެޖިސްޓްރީކޮށްފައިވާ ޓެކްސީއަކަށް ވާންޖެހޭނެކަމަށް ކަނޑައަޅާފައި އޮތް އުސޫލު ބާތިލްކޮށްފައިވާ ކަމަށެވެ.

މިގޮތަށް ކަނޑައެޅީ ގިނަ ޓެކްސީ ސެންޓަރުތަކެއްގެ އެދުމުގެ މަތިންކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝިމާޒު "ސަން"އަށް ވިދާޅުވީ އަލަށް ރެޖިސްޓްރީ ކުރާ ޓެކްސީތައް ހަމައެކަނި އެޕްލިކޭޝަނެއްގައި ރެޖިސްޓްރީ ކުރާގޮތަށް އޮތުމަކީ ޓެކްސީ ސެންޓަރުތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ޓެކްސީތަކަށް ސެންޓަރުގައި ރެޖިސްޓްރީވުމުގެ ފުރުސަތާއި އެޕްލިކޭޝަނުގައި ރެޖިސްޓްރީ ވުމުގެ ފުރުސަތުވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ޓެކްސީ ސެންޓަރުތަކަށްވެސް މިދިނީ ފުރުސަތެއް 60 ދުވަހުގެ ތެރޭ ޓްރާންސްޕޯޓުން ގަބޫލުކުރާ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރެޖިސްޓްރީ ކުރުމަށް،" ޝިމާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ކާރުތަކަށް ޓެކްސީ ހިދުމަތް ދެވޭނީ ކުރިންވެސް އުސޫލު ބުނާގޮތަށް އެޕްލިކޭޝަނެއްގައި ރެޖިސްޓްރީވެގެން ކަމަށެވެ.

މިހާރު ޓްރާންސްޕޯޓުން ޓެކްސީ ހިދުމަތް ދިނުމަށް ތިން އެޕްލިކޭޝަނަކަށް ހުއްދަ ދީފައިވާއިރު ބޭނުންކުރަނީ ދެ އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަންތަކަކީ:

  • އަަވަސް ރައިޑް
  • ޕިކްމީ
  • އެއައީ

އިތުރު އެހެން ޓެކްސީ ސެންޓަރަކުން ވެސް ވަނީ މިހާރު އެޕްލިކޭޝަނެއް އުފައްދާ ޓްރާންސްޕޯޓުގެ ހުއްދަ އަށް އެދިފައި ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

ޓެކްސީތަކުން ނަގަމުންދިޔަ ބޮޑު އަގު ކޮންޓްރޯލުކޮށް ޓްރާންސްޕޯޓުން އާ އަގުތަކެއް ކަނޑައެޅުމަކީވެސް ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމެކެެވެ.

މީގެ ކުރިން ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް 100 ރުފިޔާ ނެގި ނަމަވެސް މި އަދަދުތައް ވަނީ 60 ރުފިޔާ އާއި 75 އާއި ދެމެދަށް ކުޑަކޮށްފަ އެވެ. އަދި މި އަށްވުރެ ބޮޑު އަގުނަގާތޯ ފުލުހުންނާއި ގުޅިގެން ޓްރާންސްޕޯޓުން ދަނީ މޮނީޓާ ކުރަމުންނެވެ. ބޮޑުއަގު ނަގާނަމަ އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އޮންނާނެ އެވެ. އެފަދަ މައްސަލަތައް ބަލާ ފުލުހުންދަނީ ފިޔަވަޅުވެސް އަޅަމުންނެވެ.

ޓެކްސީ އަގުތައް ތަންފީޒު ކުރުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ. އަގު ބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ މައުލޫމާތު ފުލުހުންގެ ވައިބާ ނަންބަރު 9926091 އަދި ވަޓްސްއަޕް ނަންބަރު 9888999 އަށް ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ. މައުލޫމާތު ހިއްސާ ކުރާއިރު އުޅަނދުގެ މައުލޫމާތު ދަތުރުގެ ތަފްސީލާއި އެކު އަދި ފަސިންޖަރުގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

comment ކޮމެންޓް