މެސީ ހުރީ ފިޓުކޮށް، ކުޅޭނެ ކަމުގެ ޔަގީންކަން ކޯޗު ނުދޭ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޭމީ ސްމިތް

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ބާސެލޯނާގެ ތަރި ލިއޮނެލް މެސީ މިވަގުތު ހުރީ ފިޓްކޮށް ކަމަށް ވިޔަސް މިރޭގެ މެޗުގައި އޭނާ ނުފެނިދާނެ ކަމުގެ އިޝާރާތެއް ކޯޗު އާނެސްޓޯ ވަލްވާޑޭ ކޮށްފި އެވެ.

ފައިގެ ކުޑަ ކަޅުވާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެނބުރި ޓްރެއިނިންގްތަކުގައި ބައިވެރިވާން ފަށާފައިވާ އިރު އޭނާ ވަނީ މިރޭ ޑޮޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށް ނަގައިފަ އެވެ. ނަމަވެސް ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު މިފަދަ ބޮޑު މެޗެއްގައި މެސީ ބޭނުންކުރުމާ މެދު އަދި ގޮތެއް ނުނިންމާކަމަށް ބާސެލޯނާގެ ކޯޗު ވަލްވާޑޭ ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ރެއާލް ބެޓިސް ކޮަޅަށް ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ ޖޭމީ ސްމިތް

ވަލްވާޑޭ ބުނީ ފަރިތަކުރުންތަކުގައި އެހެން ކުޅުންތެރިންނެކޭ އެއް ފެންވަރުގައި މެސީ ވެސް ކުޅެފައިވާ ކަމަށެވެ. ނަމަވެސް އަދި ގޮތް ނިންމާނީ މެޗު ފެށެން ގާތް ކޮށްފަ ކަމަށް އޭނާ ބުންޏެވެ.

"މެޗުގެ ކުރިން ގޮތެއް ނިންމާނަން،" ވަލްވާޑޭ ބުންޏެވެ. "މީގެ ހަފްތާއެއްހާ ދުވަސް ކުރިން އޭނާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަ މިރޭގެ މެޗުގައި ޔަގީނުންވެސް ކުޅޭނެ. އެކަމަކު އޭނާ އަހަރަމެންނާ އެކު ހަދާފައި ވަނީ މަދު ތަމްރީންތަކެއް. ވީމާ މިރޭގެ މެޗުން އޭނާ ފެނުމާ މެދު ގޮތެއް ނިންމާނީ އަދި ފަހުން،"

މެސީއަށް މިރޭ ނުކުޅެވުނު ނަމަވެސް އެ ޓީމުގައި ހިމެނޭ 16 އަހަރުގެ އަންސޫ ފަޓީއަށް މިރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު ދޭން ވިސްނާ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

އޭނާ ބުނީ، އޭނާ މިހާތަނަށް އަދި ރަސްމީކޮށް އެކަމާ މެދު އޭނާއާ ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް އޭނަގެ ކުޅުމަށް ބަލައި މިވަގުތު އޭނާ ޓީމުގައި ހިމެނުމަކީ ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށް ވަލްވާޑޭ ބުންޏެވެ.

"އޭނާ އެ އުމުރުގައި އެ ދައްކާ ކުޅުމަކީ އާދަޔާ ޙިލާފުު ކުޅުމެއް. އޭނާ މެޗުތަކަށް އަރުވަނީ ރެކޯޑްތައް މުގުރުމުގެ ބޭނުމަކު ނޫން. އޭނާގެ ސަބަބުން ޓީމަށް ފައިދާވޭ. އަހަރަމެން އެންމެން ވެސް އޭނާ ދެކެ ލޯބިވޭ."

ބާސެލޯނާއާއި ޑޮޓްމަންޑް ބައްދަލު ކުރާ މެޗު ފަށާނީ މިރޭ 12:00 އިރު އެވެ. އެ މެޗު ކުޅޭނީ ޖަރުމަނުގެ ސިގްނަލް އިޑޫނާ ޕާކުގަ އެވެ.

comment ކޮމެންޓް