ސެންޓޭއާއި ރިޒޭ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މި މަހުގެ ފަސް ވަނަ ދުވަހު ގައުމީ ޓީމުން ވޯލްޑްކަޕުގެ ކޮލިފިކޭޝަނުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ވިސާ ޖެހުމަށް ސްރީލަންކާއަށް ޓީމާއެކު ދަތުރު ނުކުރުމާއި ޓީމުގެ ޕްރެކްޓިހުގައި ބައިވެރިނުވުމުން އީގަލްސްއަށް ކުޅެމުން އަންނަ އަލީ ފާސިރު (ސެންޓޭ)އާއި އަހްމަދު ރިޒްވާން (ރިޒޭ) 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އަމިއްލަ ސަބަބުތަކާ ހުރެ ގުއާމް މެޗުގެ ކުރިން ގައުމީ ޓީމުން ކުރި ޕްރެކްޓިހުގައި ބައިވެރިވެފައި ނުވާތީ އެންމެ ފަހުން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މި ކުޅުންތެރިން ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ފައިނަލް ސްކޮޑް އިއުލާނުކޮށް ޓީމުން ލަންކާގައި ކޭމްޕުކުރުމަށް ދިޔަ އިރު ސެންޓޭއާއި ރިޒޭ ޓީމާއެކު ގޮސްފައި ނުވުމުން ޓީމަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް ޓީމުގެ ކޯޗު ޕީޓަރ ސެގާޓްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހެއް ސެޕްޓެމްބަރު 2019 ވަނަ ދުވަހު ގުއާމްގައި ކުޅެވުނު ވޯލްޑްކަޕް ކޮލިފައިންގް މެޗަށް އެ އެސޯސިއޭޝަނުން ހޮވި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނުނު ކްލަބް އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ ރިޒޭއާއި ސެންޓޭ ގައުމީ ޓީމާއެކު ދަތުރުކޮށްފައި ނުވާތީއާއި ޕްރެކްޓިހުގައި ބައިވެރިވެފައި ނުވާތީ އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އަދަބެއްގެ ގޮތުގައި 50،000 (ފަންސާސް ހާސް) ރުފިޔާއިން މި ދެކުޅުންތެރިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިވެވޭނީ އެ ފައިސާ ދެއްކުމުން ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އެފްއޭއެމުން މި ދިން އަދަބުގެ ސަބަބުން، ޖޫރިމަނާ ފައިސާ ނުދައްކަނީސް ދިވެހި ލީގުގައި ކުރިއަށް އޮތް މެޗުތަކުގައި ވެސް މި ދެކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

ރިޒޭއާއި ސެންޓޭއަކީ އީގަލްސްގައި މިވަގުތު ތިބި އެންމެ މުހިންމު ދެ ކުޅުންތެރިންނެވެ.

"ރާއްޖޭގެ ގައުމީ ޓީމަށް މި ދެ ކުޅުންތެރިން ނެގުމުން އެކަށީގެންވާ އުޒުރެއް ނެތި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނާ ކަމެއް ނޫން." އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް