ފަހު މެޗުގައި ވަރުގަދަ ތުރުކަމިނިސްތާން ގާތުން ރާއްޖެ މޮޅުވެއްޖެ

ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން އޭޝިއަން ޓީޓީ މުބާރާތަށް ފުރުމުގެ ކުރިން --- ފޮޓޯ// ޓީޓީ އެސޯސިއޭޝަން

އިންޑޮނޭޝިއާގެ ޔޮގްޔަކާޓާގައި މިހާރު ކުރިއަށްދާ އައިޓީޓީއެފް އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ކެޓަގަރީގެ ގުރޫޕް ބައިގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ވަރުގަދަ ތުރުކުމެނިސްތާން ގާތުން މޮޅުވެއްޖެއެވެ.

ވާދަވެރި ކުޅުމަކަށްފަހު މިއަދު ކުޅުނު މެޗުން ތުރުކުމެނިސްތާން ގާތުން ރާއްޖެ މޮޅުވީ 2-3 އިން ކުރި ހޯދައިގެންނެވެ. މި މަހުގެ 15 އިން 22 އަށް ކުރިއަށްދާ މި މުބާރާތުގެ ގުރޫޕު ބައިގެ މެޗުތައް މިހާރު ކުރިއަށްދާ އިރު ރާއްޖެ އޮތް ގުރޫޕްގެ ދެ މެޗުން ރާއްޖެ މޮޅުވި އިރު އަނެއް ދެ މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. ރާއްޖެއާ އެއް ގުރޫޕެއްގައި ދެން ވާދަ ކުރާ ޓީމުތަކަކީ ސިންގަޕޫރު، އިންޑޮނޭޝިއާ އަދި ސްރީލަންކާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ރާއްޖެ ކުޅުނު މެޗުން ސިންގަޕޫރު އަތުން ބަލިވީއެވެ. އެ މެޗު 0-3 އިން ސިންގަޕޫރު ކުރި ހޯދި އިރު ދެވަނަ މެޗުގައި ރާއްޖެއިން ވަނީ 1-3 ސެޓުން ލަންކާ ބަލިކޮށްފައެވެ.

ނަމަވެސް ތިން ވަނަ މެޗުގައި މިއަދު އިންޑޮނޭޝިއާ އަތުން އަނެއްކާ ވެސް ބަލިވުމުން މުބާރާތުގެ ގުރޫޕް ބައިން ރާއްޖެ ވަނީ ކަޓައިފައެވެ. ރާއްޖެ އޮތް ގުރޫޕުން ސެމީއަށް ދަތުރުކުރީ ސިންގަޕޫރުންނެވެ.

ގުރޫޕް ސްޓޭޖު ފަހަނާ އަޅާ ނުދެވޭނެކަން ޔަގީންވެފައި އޮތް ނަަމަވެސް ރާއްޖެއިން ކުޅުނު ފަހު މެޗުގައި ވަރުގަދަ ތުރްކުމެނިސްތާން ގާތުން ވަނީ މޮޅުވެފައެވެ.

އެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ދީމާ އަލީ ކުޅުނު އިރު އެ ގޭމް އޭނާ ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. ދެވަނަ ސެޓުގައި އައިޝަތު ރަފާ ނާޒިމް ކުޅުނު އިރު އޭނާ ވަނީ ތިން ސެޓުން ބަލިވެފައެވެ. ތިންވަނަ ސެޓުގައި ވާދަ ކުރި ލައިޝާ ފަތުހުﷲ ވެސް ވަނީ 2-3 އިން ބަލިވެފަ އެވެ. ލައިޝާއަކީ އެންމެ ފަހުން އައިއޯއައިޖީގެ ގުރޫޕް އިވެންޓުން ރާއްޖެ ރަން މެޑަލް ހޯދި އިރު ގައުމީ ޓީމުގައި ހިމެނުނު މުއީނާ މުހައްމަދު ޓީޓީ ކުޅުމުން ރިޓަޔާ ކުރުމާއި ގުޅިގެން މިފަހަރުގެ ޓީމުގައި ހިމެނުނު ކުޅުންތެރިޔާއެވެ.

ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު ހަތަރުވަނަ ސެޓުގައި އަނެއްކާވެސް ދީމާ ވަނީ މޮޅު ކުޅުމެއް ދައްކައި 1-3 އިން މޮޅުވެ އުންމީދު އައު ކޮސްދީފަ އެވެ. ފަހު ސެޓުގައި 1-3 އިން މޮޅު ކޮށްދިނީ ފުރަތަމަ ސެޓުން ބަލިވި ރަފާ އެވެ.

މި މުބާރާތުގެ ގުރޫޕް ބައިގެ ކުޅުން ރާއްޖެއަށް ނިމިފައިވާ އިރު ސިންގަލްސް އަދި މިކްސް ޑަބަލްސްގެ މެޗުތައް ރާއްޖެއަށް އަދި އެބަ އޮތެވެ. އެ މެޗުތަކުގެ ކުޅުން ފަށާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

comment ކޮމެންޓް