އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

"އައްސަލާމްއަލައިކުމް.." އާރްޔާ ދެތިންފޫޓޫ ދުރުގައި ހުއްޓުނުއިރު އެމޫނަށް އަލިފާނުގެ އަނގުރުކުލަ ވެރިވެއްޖެއެވެ.

"ވައަލައިކުމުއް ސަލާމް..........." ސެފްރަން ސަލާމުގެ ޖަވާބުދިނީ ރީތިކޮށެވެ. އެކަމަކު ދެން އިތުރު ވާހަކަ ދައްކަން ބޭނުންނުވާފަދަ ގޮތަކަށް ފޮތަށް ނަޒަރު ހުއްޓައިލިއެވެ.

"އަޅުގަނޑު ބޭނުން ވާހަކަދައްކާލަން....."

"އަހަރަން މިއިނީ މަސައްކަތެއްގައި ކަން ނުފެނޭތަ؟ "ސެފްރަން އިސްއުފުލާނުލާ ބުނެލީ ރުންކުރުވެފައިވާފަދަ ގޮތަކަށެވެ. އޭނަ ބޮލުގައި ރިއްސައިގަތްފަދަ ގޮތަކަށް ނިތްކުރީގައި އިނގިލިތައް ޖައްސައިލިއެވެ. އޭނައަށް ދަރިއަކު ނުލިބުނުކަންވެސް ރަގަޅެވެ. ކުޑަކުދިންގެ އުދަގޫ ހާދަ ބޮޑެވެ.

"އެކަން އެނގޭ. ތިބޭފުޅާ ވެދެއްވި އިހުސާންތެރިކަމުގެ ބަދަލުގައި ޝުކުރުކުރަން މިއައީ. ތޭންކްސް ފްރޮމް ދަ ބޮޓަމް އޮފް މައި ހާޓް..." އާރްޔާގެ ޖުމްލައިން ސެފްރަން ހިމޭންކަން ޚިޔާރުކުރިއެވެ. އޭނައަށް ޝުކުރު އަދާކުރަންޖެހޭ ސަބަބެއް ނެތެވެ. އޭނަ އެ މައިދާނުގައި އާރްޔާ ސަލާމަތްކުރަން ޖެހުނު ސަބަބު ކިޔާދިންއިރު އާރްޔާ ކުރަންވީ ނަފްރަތު ނޫންހެއްޔެވެ؟ އާރްޔާގެ ފަރާތުން ސެފްރަން ބޭނުންވާ އެއްޗެއް ނެތެވެ.

"އަހަރެން ބޭނުން އަދި އެހީއެއް. އެ ޑިންގީގައި މިރަށުން އެނބުރިދިޔުން...."

ސެފްރަންއަށް އަޑުއިވުނުހެނެއްވެސް ހިޔެއްނުވެއެވެ. އޭނަ އަންގީ ލައްވާފައިވާ އިނގިލިތަކުން ފޮތުގެ އަނެއް ސަފުހާ ހުޅުވައިލިއެވެ. ކައިރީގައި ހުރި އަލިފާނުގެ ގިނި މަޑުވާން ހެދުމުން އޭނަ ދަރުކޮޅެއް އެޅުމުން އަލިފާންގަނޑަށް ދިރުން ލިބި އަޑުކިޔާފައި އަނދައިގަތެވެ. ތަންކޮޅެއް ދުރުން މާރިދުންތަކެއް ހެމުން ސަކަރާތްޖަހަމުން އަންނަތަން ފެނި އާރްޔާގެ ހިތް ތެޅިގަތެވެ. އުދަރެހުން ދެތިން އަލިގުޅަ އެއްފަހަރާގޮސް ކަނޑަށް އޮއްސުނެވެ. ފެންގަނޑުގައިވާ ގަނޑުފެންތައް މުގުރި އެކި ދިމާލަށް ފެންތައް ބުރުއްސައިގެން ދިޔަތައެވެ. ކައިރިއަށް ހުރި ފަޅު ގެތައްހުރި ދިމާލުން ބިރުވެރި ހައިވާނީ އަޑުތަކެއް ފަޒާގެ ހިމޭންކަން މުގުރައިލިއެވެ. ދިގުކަމުން ރުކެއްވަރުގެ ހިޔަންޏެއް ސްނޯފުންޏެއްގެ ފަހަތަށް ވަންގޮތަށް ގެއްލުނެވެ. އާރްޔާއަށް ސެފްރަންއާއި ކައިރިއަށް ޖެހިލެވުނީ ބޭއިޚިތިޔާރުގައެވެ.

"ގެއަށް ވަދޭ...." ސެފްރަން އަމުރުވެރިގޮތަކަށް ބުނެލިއެވެ.

އެއަޑުގައި ހުރިގޮތުން ދެވަނަފަހަރަށް ބުނުވާކަށް ނުޖެއްސިއެވެ. އާރްޔާ ގެއާއި ދިމާލަށް ދުއްވައިގަތީ ފަޔަށް ލެވުނުހާ ބާރެއް ލާފައެވެ.

"ރަން ރަން ފޯ ޔޯ ލައިފް. ރަން މި ޖިންނި ލޭންޑްގައި ފުރޭތައެއް އައިސް ކާލަފާނެ......ބިރުވެރިކަން. އައި މިސް އާޔާ ސޯ މަޗް. އަހަރެންގެ ބަދަލުގައި އާޔާ ހުރިނަމަ ހާޓްއެޓޭކެއް ޖެހި މަރުވެދާނެ..." އާރްޔާ ހަމަ ހޭ ކަނޑާލާފައިގޮސް ގޭގެ ދޮރާށިން އެތެރެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ފިނިފިނި އާވިތައް ދުމުގެ ސިފައިގާ އޭނަގެ އަނގައިން ނުކުންމަމުން ދިޔައެވެ. ޚާދިމާއިން އުޅޭބަޔަށް ގޮސް އޭނަގެ ކުޑަ ކެބިންއެއްކަހަލަ ބަޔަށް ވަދެ ލައިގެން ހުރި ބޫޓު ބާލައިފިއެވެ. ސޯރާއަށް އޭނަގެ ހިލަންވެގެން އައުމުން އާރްޔާ ބުނީ މިރޭ ރަށުތެރޭގެ މަންޒަރުތައް ކޮންމެވެސް ވަރަކަށް ފެނިއްޖެކަމަށާއި ބިރުވެރި ކަންތައްގަނޑެއްކަމުގައެވެ.

"އެ މާރިދުން އަހަރެންދެކެ ރުޅި އާދޭ. ޝަހުރޫޝްގެ މައްސަލައިގާ އަހަރެން ސަލާމަތްވިކަމަކު ރިވެންޖް ނަގާނެކަން ނޭގޭ. އައިމް ސްކެއާޑް. ރިއަލީ ސްކެއާޑް.." އާރްޔާ ކަކުލުގައި ބޯ އަޅާލައިގެން އޮތެވެ.

***

ސެފްރަން ކުޑައިރުއްސުރެން ފޮތްކިޔަން ޝައުގުހުރެއެވެ. އޭނަ ކުޑައިރުއްސުރެން ކިޔަވައިދިން އެދުރަކީ ބެންތިކް ޖިންނިއެއްކަމަށްވާ ޝޭޚު ކަހީޖުއެވެ. އިލްމުގެ ކަނޑެއްފަދައެވެ. އޭނައަށް އަކުރު އުގަންނާދީ ލިޔުމާއި ކިޔަން އަދި ދީންވެސް އުގަންނައިދިނެވެ. ނަމާދުކުރަންވީގޮތާއި އެކު ކޮންމެވެސް ވަރަކަށް ގުރުއާންގެ އިލްމުވެސް އޭނަ ދަސްކުރިއެވެ. ތަފާތު ބަސްތައް އެނގުނެވެ. ބޮޑުވަމުން އައިވަރަކަށް ހިތްއަލިކަމުން ފަސޭހައިން ފިލާވަޅުތައް ދަސްކުރިއެވެ. ޖަލްޖާލޫތު ސެފްރަންއަށް އެކަނި ތައުލީމު ހޯދަދިނީއެއް ނޫނެވެ. ހަގުރާމައިގެ އުކުޅުތައް ދަސްކުރަން އޭނަގެ ލަޝްކަރުގެ ކޮމާންޑަރު ކައިރިއަށް ފޮނުވިއެވެ. އަޒްކީލްއާއި ރަސްގެފާނުގެ އެހެން ދަރިންނަކާ ތަފާތެއް ނުކުރެއެވެ. އެކިވައްތަރުގެ އިލްމުތައް އުނގެނުމުގެ އިތުރުން އޭނަ ތާރީޚުގެ އެކި ފޮތްތަކާއި ނަބިއްޔުންނާއި ރަސޫލުންގެ ފޮތްތައް ކިޔެވިއެވެ. ޖިންނީންގެ ބޭސްވެރިކަމުން އޭނަ ކިޔެވޭނެ އެންމެ މައްޗަށް ކިޔެވިއެވެ.

ކަހީޖު އެތައް ގަރުނަކަށް ދުނިޔޭގައި އުޅެ މިހާރު ތުނބުޅި ނުރަވެ މުސްކުޅި ވުމުން އޭނަ ފެންނަނީ މާތް މީހެއްފަދައިންނެވެ. އެއްކޮށް ހުދުވެފައިވާ ތުނބުޅިއަކީ އޭނަގެ ހައިބަތު ވަރުގަދަކޮށްދޭ ކަމެކެވެ.

ސެފްރަންގެ ގަނޑުވަރަށް ކަހީޖު ޒިޔާރަތްކުރުމުން ވެވުނު އެންމެ ރަގަޅަށް މެހުމާންދާރީ އަދާކުރިއެވެ. ސުފުރާމަތި ތައްޔާރުކޮށްފައިވާލެއް އެހާ ޗާލެވެ. ދެފަރާތުގައި ބަހައްޓާފައިވާ ގުޅިއެއްފަދަ އެއްޗެއްގައި އަލިފާން ހުޅުކޮޅެއް ފަނޑު އައްޔެއްފަތުރާލާފައި ވެއެވެ. ތަފާތު ވައްތަރުގެ މަސްފިހެ ފަރާޓާފަދަ ރޮށްޓާއި އަދި ފޮނި ކާއެއްޗިއްސާއެކު މޭވާތައް ބަހައްޓާފައެވެ. ބިއްތަކުގައި ހަރުކޮށްފައިވާ އެފަދަ ބައްތިތަކުގައި އަލިފާން އަނދަ އަނދާހުރި މަންޒަރު އެހާ ނަލައެވެ. ކަހީޖުމެންނަށް އަލިކަން ބޭނުންނުވިޔަސް ސެފަރަން އަނދިރިކަމަށް ނަފްރަތުކުރެއެވެ. އޭނަގެ ނަސްލު އިންސީންނާއި ކޮންމެވެސް ހިސާބަކުްނ ގުޅިފައިވާކަމަށް ގަބޫލުކުރެވޭ ސަބަބަކީ އެއީއެވެ.

ކަހީޖު ވަދެފައި އަރަބިގޮތަށް ބައްދާލާފައި ސަލާމްކުރިއެވެ.

"ދަރިފުޅާ ހާލު ކިހިނެއް؟ ދުވަސްގަނޑެއް ވެއްޖެ ބިމަށް ނާދެވޭތާ............."

"ރަގަޅު.....އިށީންނަވާ..."ސެފްރަން އިހުތިރާމާއިއެކު ބުނެލިއެވެ.

ދެމީހުން ކާން ތިބިއިރު ޚިދުމަތަކަށް ބޭނުންވެދާނެތީ ސޯރާއާއި ޖިންނި ދެ ޚާދިމާއިން ދެފަރާތުގައި މަޑުކޮށްލައިގެން ތިއްބާ ސެފްރަން އިޝާރާތްކުރީ އެތަނުން ނުކުތުމަށެވެ. ކަހީޖުގެ ކޮންމެ ވާހަކައެއް އަހަން ސެފްރަން އިނީ ހިމޭންކަމާއެކުގައެވެ. އެންމެފަހުން ސެފްރަން ކަހީޖުއާއި ސިއްރު ސުވާލެއްކުރިއެވެ. އޭނަގެ އަމިއްލަ މައިންބަފައިން ހޯދަން އެހީތެރިވެވިދާނެތޯއެވެ.

"އަހަންނަށް އަބަދުވެސް ވިސްނޭ. ތި މޫނުގައި ހުންނަ ނޫރަކީ ބެންތިކް ޖިންނިނަށް ލިބިފައިވާފަދަ ނިއުމަތެއް ނޫން. ސެފްރަންގެ ނަސްލު މިތާކު ނެތް. އެކަމަކު ރަސްގެފާނުގެ ހުއްދަނެތި އިތުރު އެއްޗެއް ބުނެފިއްޔާ މަސްލަހަތު ގޯސްވެދާނެ......................................." ކަހީޖު ބުނެލިއެވެ.

"އެހެން ތަރިތަކަށް ދެވޭފަދަ އިލުމްވެސް ޝޭޚުގެ ހުންނާނެ. އެފަދަ ފޮތްތައްވެސް ހުރޭ. އެކަމަކުއޭގެ ފޮތެއް ބެލުމުގެ ނަސީބެއް ނުލިބޭ. އެފަދަ ފޮތެއް ހުރޭތަ.." ސެފްރަން ޝައުގުވެރިކަން ނުދައްކަން މަސައްކަތްކުރިއެވެ.

ކަހީޖު އިރުކޮޅެއްވާންދެން ވިސްނުމެއްގެ ތެރޭ އިނެވެ.

"ރަސްގެފާނު އަތުގައި އެފަދަ ފޮތެއް ވޭ............"

"ވީއިރު އެހާ ދުރު ރާސްތާ މަދު ސިކުންތުކޮޅެއްގެ ތެރޭ ކަޑައްތު ކުރެވޭފަދަ ޕޯޓަލްތައް އެބަހުރި؟ " ސެފްރަންގެ ލޮލުގެ ވިދުން ގަދަވިއެވެ.

ކަހީޖު ބޯޖަހައިލިއެވެ.

"ޖިންނިންނަށް މަދުސިކުންތުކޮޅެއްގެ ތެރޭ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރުމުގެ ބާރު ލިބިގެންވޭ ދަރިފުޅާ. އަދި އެ ބާރު ލިބޭނެ......ސަބަބަކީ...." ކަހީޖު އެއްޗެކޭ ބުނަން އުޅެފައި ހުއްޓައިލިއިރު ސެފްރަން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"މާތް ﷲ މި ބޮޑު ކައުނާއި ހަތްއުޑުގައި ފައުޅުވެ އަދި ސިއްރުވެގެންވާ ހުރިހާ އިލްމެއް ދެނެވޮޑިގެންވޭ. ގަހެއްގެ ފަތަކަށްވެސް އެފަރާތަށް އެނގިވޮޑިގެންވުމަކާ ނުލައި ހިރިނުލެވޭނެ. އެފަރާތުގެ ކުޅަދުންވަންތަކަން ޖިންނިންގެ ޚިޔާލަށްވެސް ނުގެނެވޭނެ. އަހަރެންވަނީ ތަރިތަކާއި ކައުނުތަކުގައި ދަތުރުކޮށް ގިނަކަންތައް އުނގެނިފައި އެކަމަކު އެއީ މަދު މިންވަރެއް. އަހަރެމެންނަށް ލިބިފައިވާ އިލްމު އެފަރާތާއި އަޅާ ކިޔޭވަރެއްވެސް ނުވާނެ. އެހާވެސް މިއީ ނިކަމެތި ބަޔެއް..." ކަހީޖު ބުނެލިއެވެ.

އެކި ގޮތްގޮތުން ސުވާލުކޮށްވެސް ކަހީޖުގެ ފަރާތުން ދުރު ރާސްތާ ތަރިތަކަށް ދަތުރުކުރާނެ "ވޯމްހޯލް" ތަކުގެ ވާހަކަ ބުނެވޭނެ ގޮތެއް ނުވިއެވެ. ސެފްރަން އެ މީހުން ދޫކޮށްފައި ހިނގައިދާނެކަމުގެ ބިރުހީވަނީ ބާވައެވެ. އޭނައަކީ ޖަލެއްގައި ބަންދުކޮށްފައިވާ ކުށްވެރިޔެއްފަދަ އިހުސާސް ހިނދުކޮޅަކަށް ނަމަވެސް ކުރެވުނެވެ. ހައިރާންވަނީ އޭނަގެ އުފެދުމުގެ ސިއްރު ފޮރުވަން ޖަލްޖާލޫތުމެން ބޭނުންވާތީއެވެ. އެއީ ކިހާވަރެއްގެ ސިއްރެއްބާވައެވެ. އެ ސިއްރު ފޮރުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އޭނަ ދުނިޔެއަށް އުފަންކުރީ ކޮންބަޔެއްކަން އޭނައަށްވެސް އެނގެންވާނެއެވެ. އެހެން ޖިންނިންނާއި ތަފާތުވުމުން މި ގަބީލާ ނޫންކަން އެބައެނގެއެވެ. އެހެން އެއްވެސް ބެންތިކް ޖިންނިއަކަށް ވަރަ ލިބިފައެއް ނެތެވެ. ވީއިރު އޭނަ އައިސްފައިވަނީ އެބުނާ "ޕަރީ" އާއިލާއިން ތާއެވެ. އުމުރުން މިހާ ދުވަސްވީއިރު އަދި ޕަރީއާއިލާގެ އެއްވެސް މެމްބަރަކާއި ދިމާވެފައެއް ނެތެވެ.

***

ސެފްރަން ދޮރުހުޅުވައިލުމުން ފިނިވައިރޯޅި އޭނަގެ ހާމަޔަށްވާ މޫނުގައި ބީހިލިއެވެ. ގަނޑުފެނުގެ އަސަރު އެކުލެވޭ އެ ފިނިކަމުން އެހާ އުދަގޫނުވިޔަސް ފިނިކަން އިހުސާސްވިއެވެ. ދުނިޔެއަށް ވެރިވެފައިވަނީ ފަނޑު ފަނޑު އަލިކަމެކެވެ. އެ އަލިކަން ބިންމަތީގައިވާ ހުދު ހުދު ސްނޯގައި ޖެހި އަލިކަން އިތުރަށް ފަތުރައިލަން މަސައްކަތްކުރަނީ ގަދަ އަނދިރިކަމަށް ކުރި ހޯދުމަށެވެ. ކުއްލިއަކަށް ސެފްރަންގެ ނަޒަރުގައި އަޅައިގަތީ ހިޔަޅަކާއި ސްނޯވީ ބަކަމޫނެއްގެ ހަރަކާތެވެ. އެއްތަންކޮޅެއްގައި ވަށައިގެން އެނބުރޭއިރު ނަށާފަދައެވެ. ދޭތިވެސް އެކަކު އަނެކަކަށް ހަމަލާނުދިނަސް އެކަކު އަނެކަކަށް ހަމަލާދޭން މަސައްކަތްކުރާފަދައެވެ. ހުދުކަމާއި ލޯބިކަމުން އޮޅުކޮށްގެން ގެންގުޅެން ބޭނުންވާފަދަ ދެ ޖަނަވާރުންގެ އެ ހިތްގައިމު ހަރަކާތްތައް ވީޑިއޯ ކުރަން ހުރި އާރްޔާ ސެފްރަންއަށް ފެނުނެވެ.

"ހޭ..." ސެފްރަން އެދިމާލަށް އައީ ހަރު ހިނގުމެއްގައެވެ. "އަހަންނަށް ފާރަލާ ފަސްފަހަތުން އުޅޭށޭ ބުނީ ކާކުތަ. މިގެއިން ނުނިކުންނާތި. އަދި ވީޑިއޯވެސް ނުކުރާތި...............އަހަރެން ހުއްޓާ..."

ސެފްރަން ރުޅިއައީ ކީއްވެކަން އެންމެ ފަހުންގެ ލަފުޒުތަކުން އާރްޔާއަށް ރޭކާލިއެވެ. އޭނަ ޔަގީންކުރީ އޭނަ ގެ ވީޑިއޯ ނެގީކަމަށެވެ.

"ފޮނި ފުރޭތަ. މީނައަކާ ހުރެ އެއޮތް ރީތި މަންޒަރުވެސް މުޅިން ނުނެގުނު. ވަރަށް ރެއާ އިވެންޓަކާ ވައްތަރީ. އެކަމަކު މި ފިރިހެނާގެ ސަބަބުން އެކަމެއް ނުވި.. ހޭޓް ޔޫ..................." އާރްޔާ ރަށުބަހުން އެތިވަރުގޮވައިލިއިރު ސެފްރަންއަކީ ބަހުގެ މާހިރެއްކަމެއް ނޭގުނެވެ. ހަމައެކަނި ބެންތިކް ބަހުން ވާހަކަދެއްކިޔަސް އޭނައަށް ނޭގޭ މަޝްހޫރު ބަހުރުވައެއް ނެތެވެ. ސެފްރަން ކިޑިކީ އާރްޔާގެ މޫނުމަތީ ބަންލާފައި ޖެހުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ. ބަސްތައް ނޭގޭކަމަށް ހެދުމަކީ އަނެއް މީހާގެ ހިތުގައިވާ ޝުއޫރުތައް ބައެއްފަހަރު އެނގޭކަމެއްކަން އެނގި ސެފްރަންއަށް މަޖާވިއެވެ. އެކަމަކު މި ކުޑަކުޑަ ކުއްޖާގެ ސަބަބުން ބޮލަށް ތުރާވެ އުޅެން އުދަގޫ އެބަކުރެއެވެ.

***

ސެފްރަންމެން ޝިކާރަކުރަން ކައިރީގައި އޮތް ރަށަކަށް ގޮސްފައިވާކަން އެނގުމުން ރަށުތެރެ ބަލައިލަން އާރްޔާ ދާން އުޅުނެވެ. ފިނިގަދަކަމުން އާރްޔާއަށް ސޯރާ ގެނެސްދިނީ ބޮޑު ކެހެރިގަނޑެއްހެން އޮތް ބޯ ހެދުމެކެވެ. ސްވިޒަލޭންޑްމަތިން ހަދާންވިއެވެ. އެހެދުން ލުމުން ފިނީގެ އިހުސާސް މުޅިންހެން ކެނޑި ހީފިލިއެވެ. އާރްޔާއާއި ސޯރާ ހިނގާލަން ދާން އުޅޭކަން އެނގުމުން ބެންތިކް ޖިންނި ދެކުދިންކަމަށްވާ ރިފްކާ އަދި ޕަރީވެސް އެކީ ގެންދަން އެދުނެވެ. ސޯރާއާއި އެކުދިން ތަފާތެވެ. ހަމުގެ ކުލަ ދޮނެވެ. ނަމަވެސް ދިހުން އަރާވަރުން ރަން ވިރުވާ އަޅާފައި ހުންނަފަދައެވެ. އެކުދިން ލައިގެން ތިބީ ތުނިކޮށް އޮތް މެކްސީއެއްފަދަ ހެދުމެވެ. ބޮލުގައި އަޅާފައިވާ ފޮތިކޮޅު ކަންފަތާއި ދިމާލަށް ދިގުވެފައިވެއެވެ. ހިލަތަކުގެ މަތިން ފުންމަމުން ސަކަރާތްޖަހަމުން ދިޔައިރު ރިފްކާއާއި ޕަރީ އައީ ތަންކޮޅެއް ފަހަތުންނެވެ.

"އަލިފާނުން ހެއްދެވިފައިވާތީ ކޮންކަހަލަ އިހުސާސެއް ކުރެވެނީ؟ " އާރްޔާއެހިއެވެ.

"ވަކި ތަފާތެއް ނެތް. ނަމަވެސް ގަނޑުފެނުތެރޭ ފިންޏެއް ނުވޭ. ނޭވާލާއިރު މިއަންނަނީ އަލިފާން. ސްޕީޑް ބާރު . އަދި މިގޮތަށް ލޯމައްޗަށް ގެއްލިދާނެ.............." ސޯރާ ހިނިގަނޑެއް ޖަހައިލަމުން ޣައިބުވިއެވެ. ދެން މަޑުމަޑުން އާރްޔާގެ ކުރިމަތީގައިވާ ވައިގެ ފަށަލަ ބޯވެ ދުމަށްވާން ފެށިއެވެ. ދުމުގެ ތެރެއިން މަޑުމަޑުން ސިފަޖެހެމުންގޮސް ސޯރާ ފައުޅުވިއެވެ.

"އަހަންނަށް އެނގޭ. އިޓްސް އެމޭޒިން. އެހެންވެ އަލިފާނަށް އަޅުކަންކުރަނީ؟ "

"ކޮންމެހެން އެހެނެއް ނޫން......."

"އަހަރެންވެސް އެހާ ބޮޑަށް ދީނާއިމެދު ވިސްނަނީއެއް ނޫން. އެކަމަކު އަހަރެމެންގެ ދީނުގައި މުސްލިމުން ނޫން އެހެންމީހުން މަރުވުމަށްފަހު ނަރަކައިގާ ލައްވާނެކަމަށް ވަނީ. އަހަރެން ހިތަށް އަރާ ސޯރާއާއި މިހާ އެކުވެރިކޮށް އެދުވަހަކުންވެސް އުޅެވޭނެނަމައޭ. އެކަމަކު އިފް ޔޫ ޑޯންޓް ބިލީވް އިން ﷲ ދެން ވާނީ ކިހިނެއްތަ؟ "އާރްޔާ ދެރަވިކަހަލަ ގޮތެއް މޫނަށް ހަދައިލިއެވެ.

"އަހަރެން ދީން ބަދަލުކޮށްފިއްޔާ ލޫމާ ރުޅިއަންނާނެ..." ސޯރާ ވިސްނައިލިއެވެ.

"ރިއަލީ؟ " އާރްޔާ ދެލޯ ބޮޑުކޮށްލިއެވެ.

ހިނގާ ހިނގާ ވަރުބަލިވުމުން ގެނައި ބެކްޕެކްތައް ހުޅުވާލައިގެން ކޮފީއާއި ކާއެއްޗެހި ސްނޯމަތީ ބަހައްޓައިގެން ކާން އެކުދިން އަވަސްވެގަތެވެ. އިންސާނުންނާއެކު އުޅުމެކޭ މާ ބޮޑު ތަފާތެއް ނެތެވެ. ނޫނީ އާރްޔާއާއެކު އުޅެންވީމަ ޖިންނީންގެ ސިފަތައް ދޫކޮށްފައި އާރްޔާފަދައިން އެކުދިންގެ އަމަލުތައް ބަހައްޓަނީއެވެ. ހޫނު ކޮފީ ބޯލުމުން އިތުރަށް ހީފިލިއެވެ. ކުއްލިއަކަށް އެތަނަށް ނުކުތް ބޮޑު މާރިދަކު ފެނި ރިފްކާއާއި ޕަރީ ހޭކަނޑާލާފައި ދުއްވައިގަތެވެ. އާރްޔާއަށް ހިފުނީ ސޯރާގެ އަތުގައެވެ. އެ މާރިދުގެ އިސްކޮޅު ދިގުކަމުން އާރްޔާ އަރަނީ އެސޮރުގެ ކަކުލާއި ހަމަޔަށެވެ.

"އިންސިކުއްޖާ. ކަލޭ މިތަނަށް ތިއައީ ކީއްކުރަން......" އެ މާރިދު އާރްޔާ ގެ މެދުހަށީގައި ހިާ އުފުލައިލިއެވެ. އެއާއެކު އެސޮރު މައްޗަށް އުދުއްސައިގަތެވެ.

"ލޫމާ....ލޫމާ.. އެހީވޭ..." ސޯރާ ކަރުތެރެ ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތް އަޑު ރަށުތެރެއަށް ވެރިވެފައިވާ ހިމޭންކަން މުގުރައިލިއެވެ. އާރްޔާވެސް ސޯރާއަށް ގޮވަގޮވާފައި ހަޅޭއްލަވަންފެށިއެވެ. މި މާރިދުގެ ބިރުވެރި މޫނު ފެނުމުން އާރްޔާގެ ހެޔަށްވެސް ގޮތެއްވާން އުޅުނެވެ. އެސިކުންތުކޮޅު އުދުހިފައި އައި މިޔޫކީ އައި ބާރުކަމުން ސްނޯތައް އެކި ދިމާލަށް ބުރައިގެން ދިޔައެވެ. އޭގެ މަތީ އިން ސެފްރަންގެ ކަނޑި އަތުކޮޅަށް އުފުލާލާފައިވާއިރު ރަތްދެލޮލުން ރުޅީގެ އަސަރުތައް ފައުޅުވާން ހުއްޓެވެ. އެއައިގޮތަށް ސެފްރަންގެ ކަނޑީގެ ހަމަލާ އަމާޒުވީ އާރްޔާ އުފުލާލައިގެން އުދުއްސައިގަތް މާރިދުގެ ކަނދުރާއަށެވެ. އާރްޔާ ބިންމަތީގައި ޖެހުމުގެ ކުރިން ސޯރާ އާރްޔާ އަތްމައްޗަށް ނެގިއެވެ. އާރްޔާ ބިންމަތީގައި ދެފައި ޖެއްސިއިރު މުޅި ހަށިގަނޑުވެސް ރޫރޫއަޅައެވެ. މުޅިގައިގާ ހުޅުހިފާފައިވާ ދެޔޯ އައްދިއްޔޯތް އޭ ކިޔާ ހަޅޭއްލަވަމުން ކަނޑާއި ދިމާލަށް އުދުއްސައިގަތްގޮތަށް ކަނޑުގައި ޖެހުމާއެކު ސުނާމީއެއް އެރިފަދައެވެ. އަޑުބާރުކަމުން އާރްޔާ ކަންފަތުގައި އަތްއެޅިއެވެ. ކަކުލު ހުޅުން ވާގިގޮސް ތިރިވެވުނީ ސްނޯމައްޗަށެވެ.

"މައިގޯޑް. ބިރުވެރިކަން. އޭތި މަރުވީތަ؟ " އާރްޔާ ނޭވާނުލެވިގެން މޭމަތީގައި އަތްކާއްތާލިއެވެ.

"ނޭގޭ. އޭނަ ވަރުގަދަކަމުން ސަލާމަތްވިހެން ހީވޭ. ޑޮމިނާރިއާއިން އައި ގަބީލާއެއްގެ ނުފޫޒު ހުރި މާރިދަކާއި ވައްތަރީ..ވަރަށް ނުރައްކާ. މާރިދުންނަކީ ބަދަލުހިފަން ކުރީގައި އުޅޭ ބަޔެއް. އަހަރެންވެސް ބިރުގަނެއްޖެ..." ސޯރާ އާރްޔާގެ އަތުގައި ހިފެހެއްޓިއެވެ.

އޭރު ސެފްރަން މިޔޫކީ މަތިން ފުންމާލާފައި އެމީހުންނަށް ބަލަން ހުރީ ރުޅިވެރި ނަޒަރަކުންނެވެ. ސެފްރަން އެހާ ރުޅިއައި ސަބަބަކީ ކޮބާހެއްޔެވެ؟

(ނުނިމޭ...)

https://sun.mv/124271

comment ކޮމެންޓް