އިންޑިއާގައި ބޯޓެއް ބަންޑުންޖަހާލައި 12 މީހަކު މަރުވެއްޖެ

އަންދުރަ ޕްރަދޭޝްގެ ގޮޑަވަރީ ކޯރުން ދަތުރު ކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން 12 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ޕީޓީއައި

ދިއްލީ (ސެޕްޓެމްބަރު 16): އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ކޯރަކުން އިއްޔެ ދަތުރު ކުރަމުން ދިޔަ ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން 12 މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

އަންދުރަ ޕްރަދޭޝްގެ ގޮޑަވަރީ ކޯރުން 60އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެބޯޓު ބަންޑުން ޖަހާލީ އޮޔާ ދެކޮޅަށް ދަތުރު ކުރަމުންދަނިކޮށް ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ. އަދި ބޯޓުގައި ތިބި މީހުންގެ ތެރެއިން 26 މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ލައިފް ޖެކެޓް އަޅައިގެން ތިބި މީހުން ކަމަށް އެނޫހުގައިވެ އެވެ.

މީގެ އިތުރުން 12 މީހުން މަރުވެ، ބާކީ މީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި ކަނޑުގެ ސިފައިން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.

އެހާދިސާގައި ސަލާމަތްވި މީހަކު ބުނި ގޮތުގައި ދަތުރު ފެށި އިރު އެންމެންގެވެސް ލައިފް ޖެކެޓް އެޅުވި ނަމަވެސް، ބައެއް މީހުން ހޫނުގަދަ ކަމުން ލައިފް ޖެކެޓް ނެގީ އެވެ. އަދި ބޯޓު ދުއްވަން އިން މީހާ އާއި ކުރޫއަށް ރަނގަޅު ތަމްރީނުތައް ދީފައި ނުވާކަމަށާއި އެމާޖެންސީ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް އެމީހުންނަށް ނޭނގުނު ކަމަށް ސަލާމަތްވި މީހުން ބުންޏެވެ.

މީގެ އިތުރުން އަންދުރަ ޕްރަދޭޝްގެ ޓުއަރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި ލައިސަންސް ނުލައި ދުއްވި އެބޯޓު އިއްޔެ ދަތުރު ކުރީ ކޯރުގެ ފެންގަނޑު އުފުލިފައިވުމުން، ބޯޓުން ދަތުރު ނުކުރުމަށް އެދިފައި ވަނިކޮށެވެ.

އަންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވަނީ އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެއް ލައްކަ ރުޕީސް (13,985 ޑޮލަރު) ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހާދިސާގެ ސަބަބުން ގޮޑަވަރީ ކޯރުގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް