އަހަރެއް ނުވަނީސް ޓީސީއާއި ވިކްޓަރީގެ ކޯޗުން އިސްތިއުފާ ދީފި

ޓީސީއައި ވިކްޓަރީގެ ކޯޗުކަމުގައި ތިބި އާތީއާއި މުހައްމަދު އާދަމް: ދެ ކޯޗުން ވެސް ރޭ ވަނީ އިސްތިއުފާ ދީފަ.

ދިމާވެފައި އޮތް މާލީ މައްސަލަތަކާއި ކުލަބުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ހަވާލުވިތާ ފަސް ވަރަކަށް މަސް ތެރޭ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަދި ވިކްޓަރީގެ ކޯޗުން އިސްތިއުފާ ދީފި އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ލިބުނު ބޮޑު ކާމިޔާބީއަށްފަހު ޓީސީއަށް ހަތަރު އަހަރު ވަންދެން ކޯޗުކަން ކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ޓީމު ދޫކޮށްލުމާ ގުޅިގެން އެ މަގާމާއި ހަވާލުވީ ކުރިން ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އާތީ ކޯޗުކަމާއި ހަވާލުވުމަށްފަހު ޓީސީއަށް ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ގެނެސް މިފަހަރުގެ ސީޒަނާއި ކުރިމަތިލި އިރު އޭނާ ވަނީ ޓީސީއަށް ޗެރިޓީ ޝީލްޑް ހޯދައިދީފަ އެވެ.

އާތީ ޓީސީގެ ކޯޗުކަމާ ހަވާލުވިތާ ފަސްވަރަކަށް މަސް ވީ އިރު އޭނާ ރޭ ވަނީ ޓީމުން އިސްތިއުފާ ދޭން ބޭނުންވާ ކަމަށް ބުނެ ކުލަބަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި މިކަން ޓީސީގެ އިސް އޮފިޝަލަކު "ސަން" އަށް މިހާރު ވަނީ ޔަގީންކޮށްދީފަ އެވެ.

އިސްތިއުފާއަށް އެދި އާތީ ފޮނުވި ސިޓީގައި ބުނެފައިވަނީ ކުޅުންތެރިންގެ ކަނބޮޑުވުންތަކެއް ހުރުމުން، ކުޅުމަށް އޭގެ އަސަރުކުރުމާއި ކުޅުންތެރިންގެ ޝަކުވާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރެވުނު މަސައްކަތް ނާކާމިބުވެފައިވާ ކަމަށެވެ.

އެގޮތުން، އެކި ފަހަރުމަތިން ޓީސީގެ އިސްވެރިންނާ މަޝްވަރާކޮށްގެންވެސް އެދެވިގެންވާ ޙައްލެއް ނުލިބުމުން އިސްތިޢުފާ ދޭން ނިންމީކަމަށް އާތިފުގެ ސިޓީގައި ބުނެފައިވެއެވެ. އަދި އޭނާ މި ނިންމުން ނިންމީ ޓީމުގެ މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރާއި މަޝްވަރާ ކުރުމަށްފަހުކަމަށްވެސް އޭނާވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ޓީސީގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ގިނަ ދުވަސްތަކެއް ވެފާވާއިރު، އެ ޓީމުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް އަންގައިފަ އެވެ.

މީގެ އިތުރުން ކުލަބުގެ މެނޭޖްމެންޓުން އެއްވެސް އަޅާލުމެއް ނުލިބި އިސްތިއުފާ ދޭނެ ކަން ކުރިން ވެސް އިއުލާންކޮށްފައިވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މަގާމުން މުހައްމަދު އާދަމް ވެސް ވަނީ އިސްތިއުފާ ދީފަ އެވެ.

ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޓީމާއި ގުޅި ވިކްޓަރީގެ ޒުވާން ޓީމު ގޮވަައިގެން މުހައްމަދު އާދަމް ނުކުތީ ގިނަ ގޮންޖެހުންތަކަކާ އެކު އެވެ. ވޭތުވެ ދިޔަ ސީޒަނުގައި ޖެހުނު މުސާރައިގެ މައްސަލައިގައި ޓީމުގައި ތިބި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލުމާ ގުޅިގެން ފުރަތަމަ ޑިވިޝަނަށް މުޅިން އައު ކުޅުންތެރިންތަކަކާ އެކު ރަނގަޅު ނަތީޖާއެއް ނެރެވޭތޯ އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް ތަކުރާރުކޮށް އޭނާ އަބަދުވެސް ބުނަމުން އައި ވާހަކަ އަކީ ޓީމުގެ މެނޭޖްމެންޓުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ވާހަކަ އެވެ. އަދި މެނޭޖްމެންޓުގެ އެއްވެސް ފަރާތަކާ ބައްދަލު ވެސް ނުކުރެވޭ ކަމާއި ކޮށްދެން ބުނި އެއްކަމެއް ވެސް ނުކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

ކުލަބުގަކުގެ މާލީ ހާލަތު ގޯސްވެ ކުޅުންތެރިންނަށް ދޭ މުސާރަ ނުދެވުމުގެ މައްސަލަ އަނެއްކާ ވެސް މިވަނީ ފެންމަތިވެފަ އެވެ. ކުލަބު ތަކުން ބުނާ ގޮތުގައި މިފަހަރު ސަރުކާރުން ދޭން ވައުދުވި ފައިސާއެއް ކުލަބުތަކަށް ލިބިފައެއް ނުވެއެވެ. އެހެން ކަމުން ޓީމުތައް ހިންގަނީ އެފްއޭއެމުން ލިބިފައިވާ ކުޑަ ބަޖެޓެއްގައި ކަން ވެސް ކުލަބުތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް