އަޔަން މޭން އަނެއްކާ މާވެލް އަށް!

އަޔަން މޭންގެ ރޯލުން ރޮބާޓް ޑައުނީ ޖޫނިއާ --- ފޮޓޯ : ޑިޒްނީ

އެވެންޖާސްގެ އެންމެ ފަހު ފިލްމު "އެންޑް ގޭމް" ނިމިގެން ދިޔައީ މާވެލްގެ ފޭނުންތައް ރޮއްވާލާފައެވެ. ފްރެންޗައިޒްގެ އެންމެ ގިނަ ބަޔަކު ލޯބިވާ އަޔަން މޭންގެ މަރާއެކު އެތައް ބައެއްގެ ހިތްތައް ވަނީ ކުދިކުދިވެފައެވެ. އެކަމު މިހާރު އިވެން ފަށާފައިވަނީ އެހެން އަޑުތަކެކެވެ. އެއީ އަޔަން މޭން އަނެއްކާވެސް ފެނިގެންދާނެ ވާހަކައެވެ. އެހެންނަމަވެސް އެއީ ތި ހީކުރާ ގޮތަކަށް ނޫނެވެ.

މާވެލް އިން ދަނީ އެވެންޖާސްގެ އެންމެ ފުރަތަމަ ސުޕަހީރޯތަކުގެ ތެރޭގައި ހިމެނޭ "ބްލެކް ވިޑޯ"ގެ ވަކި ފިލްމެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

ސްކާލެޓް ޖޯހެންސަންގެ ބްލެކް ވިޑޯ އަންނަ އަހަރު މެއި މަހުގައި ސިނަމާތަކަށް އައުމަށް ތައްޔާރުވާއިރު އެ ފިލްމުން އަޔަން މޭން ފެނިގެންދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އަޔަން މޭންގެ ރޯލުން ފެނިގެންދާ ރޮބާޓް ޑައުނީ ޖޫނިއާ އެ ރޯލުން ފެނުމަށް ހަމަޖެހިފައިވާއިރު އޭނާ ފެނިގެން ދާނީ މާޒީންނެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އަޔަން މޭން ފެނިގެންދާނީ، އެވެންޖާސް އެންޑްގޭމްގެ ތާރީހުގެ ކުރީގެ ތާރީހަކުންނެވެ.

ބްލެކް ވިޑޯ ވެސް ވަނީ އެންޑްގޭމްގައި މަރުވެފައެވެ. އެ ދެ ކެރެކްޓަރުވެސް ފެނިގެންދާނީ މާޒީން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

comment ކޮމެންޓް