ރިލްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން ވަކި ކުރަން ބޯޑުން ނިންމައިފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރަހީނުކޮށް މަރާލި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނުފަހުން، އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާ ކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓެއް ހެދުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާއިން ވަކި ކުރަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މީހުންގެ މަރުތައް ތަހުގީގު" ކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނީ ޕޮލިސް އިންޓެލްގައި މަސައްކަތް ކުރަމުން ދިޔަ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ.

ރިޕޯޓު އާންމު ކުރުމުން، އެ ދެ ފުލުހުން ވަނީ ވަޒީފާގެ މަސްއޫލިިއްޔަތުތަކުން ދުރުކޮށްފަ އެވެ. އަދި ދެ ފުލުހުންނާ ގުޅޭ އިދާރީ މައްސަލައެއް ވަނީ ބަލަން ފަށައިފަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޖިނާހު އަދި ރިފްއަތު ވަޒީފާއިން ވަކި ކުރަން މިއަދު ބޯޑުން ވަނީ ނިންމައިފައެވެ. ބޯޑުން އެހެން ނިންމި ނަމަވެސް، ދެ ފުލުހުން ވަޒީފާއިން ވަތްކެއް ނުވާނެއެވެ.

ޑިސިޕްލިނަރީ އަދި އިދާރީ ކުށަކަށް ޑިސިޕްލިނަރީ ބޯޑުން ނުވަތަ އިސްތިއުނާފު ކޮމިޓީން ކަނޑައަޅާ އަދަބަކީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ނުވަތަ ރޭންކު ދަށްކުރުން ކަމުގައި ވާނަމަ، އެކަން ތަންފީޒުކުރުމުގެ ކުރިން ފުލުހުންގެ އިދާރާ ހިންގަން ހުންނަވާ އެންމެ އިސް ވެރިޔަކު އެ ފޯމުގައި ސޮއި ކުރަން ވާނެ ކަމަށް ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

ބޯޑުގެ ނިންމުން ކޮމިޝަނާ އޮފް ޕޮލިސް އަދި އެންޑޯޒް ކުރައްވާފައެއް ނުވެއެވެ. އެފަދަ ނިންމުމެއް ތަންފީޒު ކުރުމަށް ހޯމް މިނިސްޓްރީއަށް ހުށަހެޅޭނީ އެއަށްފަހުއެވެ. އެހެންކަމުން ޖިނާހު އަދި ރިފްއަތު އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގައެވެ.

މީގެ ކުރިން 13 ޖުލައި 2017ގައި އެ ދެމީހުންގެ މައްސަލަ ފުލުހުންގެ ޕްރޮޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަން ފަށައި އެ މައްސަލަ ބަލައި ނިމެންދެން އެ ދެ މީހުން މަސައްކަތުން އެކަހެރި ކުރިއެވެ. އެ ދެ މީހުން އަލުން ވަޒީފާއަށް ނެރުނީ 7 ނޮވެމްބަރު 2018 ގައެވެ.

comment ކޮމެންޓް