ރިލްވާން މައްސަލައިގައި ތުހުމަތުވާ ދެ ފުލުހުން އަދި ވަޒީފާއިން ވަކި ނުކުރޭ: ޕޮލިސް

--- ފޮޓޯ ފުލުހުން

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޕޮލިސް އިންޓެލިޖެންސްގެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މީހުންގެ މަރުތައް ތަހުގީގު" ކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނީ ޕޮލިސް އިންޓެލްގައި މަސައްކަތް ކުރަމުން ދިޔަ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޯޕްރަލް ޖިނާހު އަދި ކޯޕްރަލް ރިފްއަތު، ރިލްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ގެންދިޔަ ކަމަށެވެ.

އަދި ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން ވެސް ދެ ފުލުހުން މަސައްކަތް ކުރި ކަމަށެވެ.

ރިޕޯޓު އާންމު ކުރުމުން، އެ ދެ ފުލުހުން ވަނީ ވަޒީފާގެ މަސްއޫލިިއްޔަތުތަކުން ދުރުކޮށްފަ އެވެ. އަދި ދެ ފުލުހުންނާ ގުޅޭ އިދާރީ މައްސަލައެއް ވަނީ ބަލަން ފަށައިފަ އެވެ.

އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ މިއަދު ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ރިޕޯޓުތައް ދޮގުކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ސަން" އަށް ވިދާޅުވީ އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްވެސް ފުލުހަކު، އެއްވެސް މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ނުވާނެކަން ވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

އޭނާ އަދި ވިދާޅުވީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ ބަލައި ނިންމާ ކޮމިޝަނަރު އޮފް ޕޮލިސް އެ ނިންމުން އެންޑޯސް ކުރެއްވުމުން އެކަން މީޑިއާއަށް ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން މިދިޔަ ހަފްތާގައި ފުލުހުން ވަނީ މާލެ ސިޓީ އަދި އައްޑޫ ސިޓީގައި ބަލާ ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އޮޕަރޭޝަންގެ ބައެއް ކަނޑުމަތީގައި ވެސް ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް އެ އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް