ހެދުން އެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައްކަށް ދިނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން އާއި ޑރ. އިޔާޒު ފާޑު ވިދާޅުވެއްޖެ އެވެ.
ރޭ ގިޔާސުއްދީން ސުކޫލުގައި ބޭއްވި ސްޓޫޓެންޓް އެޗިވްސް އެވޯޑް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން މިހާރު ހެދުން އަޅަނީ، ކާބަފައިން ޒަމާނުގައި ހެދުން އަޅާ ގޮތަށް ނޫން ކަމަށެވެ. އަދި ހެދުން އެޅުން ބަދަލު ނުކުރުމަށް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.
ރައީސް ނަޝިދުގެ އެވާހަކަތައް ރައްދުދެއްވައި، ޝެއިހު އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންނަކީ، މުސްލިމުން ކަމަށާއި ދިވެހިންގެ އަމަލުތައް ބަހަޓަން ވާނީ، ދީނުގައި އޮންނަ ގޮތަށް ކަމަށެވެ.
"އެކަމެއް ކުރުމަށް ދީނުގައި އައިސްފައިވާ ސައްހަގޮތް އެނގުމުން ކުރީގަ އެކަން ނޭނގި އަމަލުކުރެވުނުގޮތް ދޫކޮށްލުމަކީ ގޯސްގޮތެއްކަމަށް ދެކުމަކީ ދީނީ ކަންކަމަށް ތިމާގެ ހިތުގައި ގަދަރެއް ނެތްކަމުގެ އަލާމާތެއް،" ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ، އެވާހަކަތަކަށް ރައްދުދެވައި އިލްޔާސް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކާ ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މުސްލިމުން އީމާން ވާން ޖެހޭނީ، ކާބަފައިން އުޅުނު ގޮތަށް ނޫން ކަމަށާއި މުސްލިމުން އަމަލު ކުރަން ވަނީ، ގުރުއާނާއި ސުންނަތައް ކަމަށެވެ. ދެ ދުނިޔޭގެ ކާމިޔާބު ލިބެން އޮތީ އެގޮތަށް އަމަލުކޮށްގެން ކަމަށް އިޔާޒު ވިދާޅުވި އެވެ.
"މުސްލިމުން ހެދުން އަޅަންޖެހެނީ، ރަސޫލާ ސައްލަﷲ އަލައިހި ވައްސަލަމް އެންގެވި ގޮތަށް. އެއީ މުހައްމަދު ނަޝީދު އަންގާ ގޮތަށް ކުރަން ޖެހޭ ކަމެއް ނޫނެވެ،" އިޔާޒް ވިދާޅުވި އެވެ.
ނަޝިދުގެ ނަން ވިދާޅުނުވެ އިޔާޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، "ހައްދުފަހަނަ އަޅާ ގޮސްފައިވާ މީހުން، ކާބަފައިން ހުއްޖަތަކަށް ހައްދަން ފެށީ އަލަކަށް ނޫން،" ކަމަށެވެ.
ނަޝީދުގެ ވާހަކަތަކަށް ހަޖޫ ޖައްސަވާ ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމިއްޔަތު އެއްލާލި ކަމަށް ބެލެވެނީ، އިސްލާމު ދީނުގެ އަލީގައި އައުރަ ނިވާކުރުމުން ކަމަަށެވެ. އަދި ހުޅަނގުގެ ސަގާފަތައް ހެދުން އެޅުމަކީ، ސަގާފަތް އާލާކޮށް ދިރުވުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ދީނީ އިލްމުވެރިންތަކެއް ނަޝީދުގެ ވާހަކަތަކަށް ފާޑު ވިދާޅުވަމުން ދާއިރު، އެމަނިކުފާނު ރޭ ވިދާޅުވީ، ގައުމެއް ބިނާކުރެވޭނީ ގައުމިއްޔަތެއް ބިނާކޮށްގެން ކަމަށެވެ. އަދި ގައުމިއްޔަތެއް ބިނާކުރެވޭނީ މާޒީއެއްގެ ކުރީގައި ވީ ކަމެއް އެނގިގެން ކަމަށެވެ.
"އެންމެ ބޮޑަށް ކުރެވުނު އެއް ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅައި، ޒިޔާރަތައް ތަޅާލުން. މާޒީ ފޮހެލުން. އެއަށް ފަހު އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތެއް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްކުރަން ފެށުން. އެއީ ހެދުން އަޅާގޮތްވެސް ބަދަލުކުރަން އުޅުނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަން ފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރު ވީފަހުން. ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅުން ބަދަލުކުރީ. އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލު ކުރޭ. އެހެން ނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،"
ނަޝީދު ވިދާޅުވީ، ދިވެހިންނަކީ، ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ކަމަށާއި އަހަރުމެންގެ ސަގާފަތާ އާދަކާދައާ ވައްޓަފާޅިއާ ހެދުން އެޅުން ކަންކަން ކުރާ ގޮތް އެއީ އެހެން ބައެއް މީސް މީހުންނާ ތަފާތު ގޮތް ކަމަށެވެ. އަދި އެމަނިކުފާނުގެ ނަސޭހަތަކީ، ކާބަފައިން ހެދުން އަޅަމުން އައި ސަގާފީ ގޮތް ބަދަލު ނުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.