ޓެކުނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމަށް ފަހިކުރުން

ޓާމެއްގެ ކިޔެވުން ނިމި ދަރިވަރުންނާއި ބެލެނިވެރިން ސްކޫލަކުން ނުކުންނަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކެސްޕިއަން ކަނޑާއި ކަޅުކަނޑުގެ ސަރަހައްދުތަކުން އާއްމުކޮށް ފެންނަ ރިނދައިގެ ބާވަތެއް ކަމުގައިވާ ޒީބްރާ މަސުލް، 1988 ވަނަ އަހަރުގެ މެދުތެރޭގައި ކެނެޑާގެ ބައެއް ކޯރުތަކާއި ބޮޑެތި ފެންގަނޑު(ލޭކް)ތަކުން ފެންނަ ފެށި އެވެ. އަދި މަދު އަހަރުތަކެއްގެ ތެރޭގައި މިރިނދަ، ކެނެޑާގެއިތުރުން އެމެރިކާގެ އިރުމަތީ ސަރަހައްދުގެ ބޮޑު ބަޔަކަށް ފެތުރި އަތްގަދަ ކުރި އެވެ. މިކަންވީ ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ދިރާސާކުރާ އިލްމުވެރިންގެ ސަމާލުކަން ބޮޑުވި ކަމަކަށެވެ. އެހެނީ މީގެ ސަބަބުން އެ ސަރަހައްދުގެ ބައެއް މަސްމަހާމެއްސާއި ފެނުގެ އެތައް ދިރުމެއް ނެތިގޮސް، ކުރިން އެސަރަހައްދުން ނުފެންނަ ބައެއް ދިރޭ ބާވަތްތައް އާލާވެ، މުޅި މާހައުލީނިޒާމަށް (އީކޯ ސިސްޓަމަށް) ބޮޑެތި ބަދަލުތަކެއް އަ އެވެ. މިކަމާ ގުޅިގެން ހެދިފައިވާ ދިރާސާތައް ބުނާ ގޮތުން މި ރިނދައިގެ އާބާދީ އެހާފަސޭހައިން އާލާވެ އިތުރުވީ ޠަބީއީގޮތުން އޭގައި އެކުލެވިގެންވާ ސިފަތަކަކާއި އާލާވި މާހައުލު ފަހިކޮށްދިން ގިނަ ސަބަބުތަކެއް އެކުވުމުގެ ސަބަބުންނެވެ.

އިސްވެ ބުނެވުނު ހާދިސާއާ ބެހޭ ގޮތުން ބަހުސުކޮށް ވާހަކަދެއްކީ ހަމައެކަނި ތިމާވެށީގެ އިލްމުވެރިންނެއް ނޫނެވެ. ތައުލީމީ ދާއިރާގައި ޚާއްސަކޮށް އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމާ މެދު ދިރާސާކުރާ ބައެއް މީހުންގެ ނަޒަރު ވެސް މިކަމަށް ހުއްޓުނެވެ. މިގޮތުން އުނގަންނައިދެވޭ މާހައުލަކީ ޒީބްރާ މަސުލް އާލާވި ކޯރުތަކާއި ފެންގަނޑުތައް ފަދަ ޚާއްސަ މާހައުލީ ނިޒާމެއް ކަމުގައި ސިފަކޮށް، ޓެކުނޮލޮޖީގެ ވަސީލަތްތަކަކީ މި މާހައުލުގެ ބޭރުން ގެނެވި، ތައާރުފުކުރެވި، ފަތުރަން މަސައްކަތްކުރެވޭ އެއްޗެއްގެ ގޮތުގައި ސިފަކުރެވުނެވެ. އަދި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން އުނގަންނައިދޭ މަރުކަޒުތަކުގައި ވައިގައިހިފާ ސަބަބުތަކުގެ މައްޗަށް ގިނަ ވާހަކަތަކެއް ދެކެވުނެވެ. ޚާއްސަކޮށް މުވާސަލާތުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމަށް ބޭނުންކުރާ ވަސީލަތްތަކަށް އައި ބޮޑު އިންގިލާބީ ކުރިއެރުންތަކާ އެކު، މިކަމުގެ މައްޗަށް ދެކެވިފައިވާ އަދި ދެކެވެމުންދާ ވާހަކަތައް އިތުރެވެ.

ކިޔަވައިދިނުމަށް އަލަށް ތައާރުފުކުރެވޭ އީޖާދީ އުފެއްދުންތަކާއި ގޮތްތައް މަގުބޫލުވެ ވައިގައި ހިފާ ސަބަބުތަކެއް ހުރެ އެވެ. އެއްކަމަކީ ބޭނުންކުރާ މީހާއަށް އެއުފެއްދުމެއްގެ ބޭނުންތެރިކަން ބޮޑުކަމަށް ގަބޫލުކުރެވޭ މިންވަރެވެ. ނުވަތަ އެ އުފެއްދުމެއް ބޭނުންކުރުމުން ތިމާ ކުރަންއުޅޭ ކަމެއް ކުރުމަށް ފަސޭހަވެ، އެއިން މަންފާތަކެއް ލިބޭނެކަމަށް ގަބޫލުކުރެވޭ މިންވަރެވެ. މިސާލަކަށް، ކިޔަވައިދިނުމުގައި ވަކި ވަސީލަތެއް ނުވަތަ ގޮތެއް ބޭނުންކުރާ ނަމަ، އެގޮތެއް ބޭނުންކުރުމުން މުދައްރިސަށާއި ދަރިވަރުންނަށް އިތުރު މަންފާތަކެއް ނުވަތަ ފަސޭހަތަކެއް ލިބޭނޭކަމަށް ގަބޫލުކުރެވޭ މިންވަރެވެ. ދެވަނަ ކަމަކީ ތައާރުފު ކުރެވޭ އީޖާދީ އުފެއްދުމަކީ އޭގެޒާތުގައި ބޭނުންކުރަން ފަސޭހަ، ތަކުލީފު ކުޑަ އެއްޗެއްކަމަށް ގަބޫލުކުރެވޭ މިންވަރެވެ. މިސާލަކަށް، ކިޔަވައިދިނުމުގައި ޓެބުލެޓެއް ބޭނުންކުރާ ނަމަ ޓެބުލެޓު އޮޕަރޭޓުކޮށް ބޭނުންކުރުމަށް އޭގެ ޒާތުގައި ކުރަން ޖެހޭ މަސައްކަތުގެ އިތުރުން ޓެބުލެޓު މެދުވެރިކޮށް ފިލާވަޅު ފޯރުކޮށްދިނުމަށް ފަސޭހަކަމަށް މުދައްރިސަށާއި ދަރިވަރަށް ގަބޫލުކުރެވުމެވެ. މިބުނެވުނު ދެކަމުގައި ވެސް އަޅާބަލާނީ ކުރިން ކަންކުރަމުން އައިގޮތް، ނުވަތަ ބޭނުންކުރަމުން އައި އެއްޗަކާ، ފަހުން ތައާރުފުކުރެވޭ އެއްޗަކާ ހުރި ފަރަގެވެ. ފައިދާ ބޮޑުވެފައި ބޭނުންކުރަން ފަސޭހައީ ކޮންގޮތެއް ނުވަތަ ކޮން އެއްޗެއްގައި ކަމެވެ.

އުނގަންނައިދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމާ ބެހޭ މާހިރުން ދެކޭގޮތުގައި އިސްވެ ބުނެވުނު ދެކަމަކީ ޓެކުނޮލޮޖީގެ ވަސީލަތެއް ބޭނުންކުރާ މީހާއަށް އެވަސީލަތެއް ކަމުދިޔުމާ ސީދާ ގުޅުންހުރި މުހިއްމު ދެކަމެކެވެ. އެއީ ދަރިވަރު ނުވަތަ މުދައްރިސް ކަމުގައި ވިޔަސްވެހެވެ. މިހެންވުމުން އައު އުފެއްދުމެއް ނުވަތަ ކިޔަވައިދިނުމަށް އައު ގޮތެއް ތައާރުފު ކުރުމުގައި އެމާހައުލެއްގެ ހާލަތަށް ރިއާޔަތްކޮށް މިބުނެވުނު ދެކަމުގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ދޭންޖެހެ އެވެ. އެހެން ނޫން ނަމަ، އެ އުފެއްދުމެއް ނުވަތަ ކިޔަވައިދެވޭގޮތް ދާދި އަވަހަށް ފޭލިވުން އެކަށީގެންވެ އެވެ.

އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން ގަސްތުކުރާ ނަމަ އެކަމަށް މުދައްރިސުން އަހުލުވެރިކުރުމަކީ އެންމެ އިސްކަން ދޭން ޖެހޭ ކަންކަމުގެ ތެރެއިން ކަމެކެވެ. ޚާއްސަގޮތެއްގައި މުދައްރިސުން ތަމްރީނުކުރުމުގެ އޮނިގަނޑުގެ ތެރެއަށް މީގެ ބައެއް ވަންނަން ޖެހެ އެވެ. އެހެނީ ޓެކުނޮލޮޖީގެ ވަސީލަތްތަކަށް މުދައްރިސް އަހުލުވެރިވެފައިވާ މިންވަރާއި، ކިޔަވަދިނުމުގައި އެފަދަ ވަސީލަތްތައް ބޭނުންކުރުމާމެދު އޭނާ ދެކޭގޮތާ ގާތްގުޅުމެއް ހުރެ އެވެ. އެހެންގޮތަކަށް ބުނާ ނަމަ ޓެކުނޮލޮޖީގެ ވަސީލަތެއް ބޭނުންކުރުމުގެ ގާބިލުކަމާއި ކުޅަދާނަކަން ލިބިފައިވާކަމަށް މުދައްރިސަށް ގަބޫލުކުރެވޭ މިންވަރަކީ، އޭނާ އެވަސީލަތެއް ބޭނުންކުރުމަށް އަސަރުކުރާ ކަމެކެވެ. ރަނގަޅު ތަމްރީނެއް ދެވިއްޖެ ނަމަ، ހުނަރާއި ގާބިލުކަން ލިބިފައިވާ ކަމަށް މުދައްރިސަށް ބޮޑަށް ގަބޫލުކުރެވޭނެ އެވެ. މިކަން ގަބޫލުކުރެވޭ ނަމަ އެވަސީލަތެއްގެ ބޭނުންތެރިކަން ބޮޑުކަމަށް އޭނާ ދެކޭނެ އެވެ. ބޭނުންތެރިކަން ބޮޑުކަމަށް ދެކޭ ނަމަ ކިޔަވައިދިނުމުގައި އެވަސީލަތެއް ބޭނުންކުރާނެ އެވެ. ނުވަތަ ބޭނުންކުރާލެއް އިތުރުވާނެ އެވެ.

މިބުނެވުނު މަންޒަރުގެ ތެރެއަށް މުދައްރިސް ވަންނަނީ ސަބަބުތަކެއް ހުރީމަ އެވެ. އެހެނީ މުދައްރިސަކީ މަންޖަހުގައި ކަނޑައެޅިފައިވާ މަގުސަދުތައް ހާސިލުވާނޭ ގޮތެއްގައި އުނގަންނައި ދިނުމުގެ ކަންކަން ފަރުމާކޮށް ތަންފީޒުކުރުމުގެ މޭސްތިރިޔާ އެވެ. އުނގަންނައިދިނުމަށް ކަނޑައެޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ އިސް މަސައްކަތްކުރާ ފަރާތެވެ. މިހެންވުމުން ވަކި އާލާތެއް ބޭނުންކޮށްގެން ވަކިގޮތަކަށް ކިޔަވައިދޭން ކަނޑައެޅި ނަމަވެސް، އެ އާލާތަކަށް ނުވަތަ އެގޮތަކަށް މުދައްރިސް އަހުލުވެރި ނުވާނަމަ ކަނޑައެޅޭ ސިޔާސަތު ކާމިޔާބު ނުވެދާނެ އެވެ. ވުމާ އެކު، މިލިޔުމުގެ ފެށުމުގައި ބަޔާންކޮށްފައިވާ މާހައުލީ ނިޒާމުގައި މެދުވެރިވި ފަދައިން، އުނގަންނައިދެވޭ މާހައުލުގެ ބޭރުން އައިސް ތައާރުފުވާ އުފެއްދުމުގެ ސިފަތަކާއި އެ އުފެއްދުމެއް ތައާރުފުވެވޭ މާހައުލުގެ ސިފަތަކާ ގުޅުވަންޖެހެ އެވެ. ނުވަތަ ގުޅި ލާމެހޭ ގޮތަށް ކަންކަން އިންތިޒާމު ކުރަންޖެހެވެ. އަލަށް ތައާރުފުކުރެވޭ އުފެއްދުން ނުވަތަ ގޮތް ވައިގައި ހިއްޕަން ބޭނުން ނަމަ އެވެ.

comment ކޮމެންޓް