ގުޅީފަޅު ބަނދަރު ކޮންސަލްޓެންސީއަށް އެއް މިލިއަން ޑޮލަރު

ވިލިމާލެއިން ގުޅިފަޅު ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވާގޮތުގައި ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.

މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެންޗާސްއެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމުގެ ކޮންސަލްޓެންސީ މަސައްކަތް އެވޯޑުކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ 28 ވަނަ ދުވަހުއެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 1,050,362.00 ޑޮލަރެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ދެ ފަހަރެއްގެ މަތިން ފިނޭންސްއިން އިއުލާނު ކުރިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ބޭރުގެ އެހީދޭ ގައުމުތަކަށާއި ޖަމާއަތްތަކަށް ހާމަކުރުމަށް ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީވެސް މިއެވެ. މި ޕްރޮޖެކްޓާއެކު ގްރޭޓާ މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަނީ ހުށަހަޅައިފައެވެ.

ސަރުކާރުގެ ވިސްނުމަކީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލުމެވެ. މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް އަންނަ ފެބްރުއަރީގައި ފަށާނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

"މާލޭގެ ޕޯޓު، ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުން އެއީ މި ސަރަހައްދުގައި ހިންގޭނެ އެންމެ ބޮޑު އެއް މަޝްރޫއު. ހަމަ އެއާއެކު، މާލެއާއި ތިލަފުއްޓާ ދޭތެރެ ކޯޒްވޭއަކުން ގުޅާލުން އެއީ ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތް. މިހާރު ވަނީ އެ މަސައްކަތުގެ ޕްރޮޖެކްޓް ކޮންސަލްޓެންސީއަށް ހުޅުވާލެވި، ޝޯޓްލިސްޓް ކުރެވިފައި. މިކަމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހިއްކުމުގެ މަސައްކަތް ނޮވެމްބަރު މަހު ފަށައި އެތަނުގެ ސްޓްރަކްޗާ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ފެށިގެންދާނެ. މި މަޝްރޫއަށް ގާތްގަނޑަކަށް ދެ އަަހަރު ހޭދަވާނެކަމަށް ލަފާކުރެވޭ،" ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ރައީސް ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖެއް އެޅުމުގެ މަސައްކަތްކުރުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ޕްރޮޕޯޒަލް މިދިޔަ މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

comment ކޮމެންޓް