ޝިރުމީލާ: އެތައް މަންމައިންނެއްގެ ހިތްވަރު

ކަޑްލް ކެއާއިން ހިދުމަތްދޭ ކުދިންތަކަކާއެކު ޝިރުމީލާ -- ފޮޓޯ: ޝިރުމީލާ

މީގެ އަހަރުތަކެއް ކުރިން ފާތިމަތު ޝިރުމީލާ އަކީ ގައުމީ ބޭންކް، ބީއެމްއެލްގައި ޒިންމާދާރު ވަޒީފާއެއް އަދާކުރި އަންހެނެކެވެ. އެކަމަކު ޒަވާޖީ ހަޔާތެއް ފަށައި ދެވަނަ ދަރިފުޅު ލިބުމާ އެކު ޝިރުމީލާއަށް މަޖުބޫރުވީ، ވަޒީފާއިން އަތްދޫކޮށްލައި ދަރިފުޅު ބަލަން ގޭގައި މަޑު ކުރާށެވެ. ސަބަބަކަށްވީ، ދަރިން ބަލައި ދޭނެ އިތުބާރު ހުރި މީހަކު ޝިރުމީލާއަށް ނުފެނުނީމަ އެވެ.

ދަރިން ބަލަން ގޭގައި ހުރެ އޭނާއަށް ވިސްނަން ފެށުނީ، އޭނާ ކަހަލަ މި މަޖުބޫރީ ހާލަތު ދިމާވެފައިވާ އެތައް މައިންނަކަށް އެކަމުން އަރައިގަނެވޭނެ ގޮތެއް ހޯދައިދޭށެވެ. އޮފީހަށް ދާ މައިންއަށް އެއްވެސް ހާސްކަމެއް ނެތި، މަސައްކަތުގައި އުޅެވޭނެ މަގު ފަހިކޮށްދޭން އޭނާއަށް ވިސްނުނީ، އިތުބާރު ހިފާ ޑޭކެއާގެ ހިދުމަތެއް ފެށުމެވެ. "ކަޑްލް ކެއާ" އަކީ އެ ހައްލެވެ.

ސީއެޗްއެސްއީ ފުރަގަސް، ރަށްދެބައިމަގު ކަންމަތީގައި ހިންގާ މި ޑޭކެއާ ސެންޓަރު، "ކަޑުލް ކެއާ" އަކީ ޝިރުމީލާ، އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ހުޅުވާލަ ދިން ފުރުސަތެކެވެ. މަސައްކަތް ކުރާ މައިންއަށް ހޯދައިދިން ކުޑަ ނަމަވެސް ހައްލެކެވެ.

ކަޑްލް ކެއާ ޑޭކެއާ ސެންޓަރު

"ކުރިން އަޅުގަނޑަކީ ވޯކިން ޕޭރެންޓެއް. ފުރަތަމަ ދަރިފުޅު ލިބުނު އިރު އަޅުގަނޑު މަސައްކަތް ކުރީ ބޭންކް އޮފް މޯލްޑިވްސްގައި. އޭރުވެސް ދަރިއަކު އޮވެ މަސައްކަތު ދާން އުނދަގޫ. ދެވަނަ ދަރިފުޅު ލިބުމުން އޮފީހަށް ނުގޮސް ގޭގައި މަޑުކުރީ އިތުރު ޗޮއިސް އެއް ނެތިގެން،" ޝިރުމީލާ ކިޔައިދިނެވެ.

ދަރިން ލިބި އެކުދިން ސްކޫލު ނިމެންދެން އޭނާގެ ހުރިހާ ވަގުތެއް ކުދިންނަށްޓަކާ ހުސްކޮށްލި އެވެ.

"އޭރު އެގޮތަށް ހުރި އިރު ހިތަށްއެރީ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ކެރިއާއެއް ބިލްޑު ކުރަން ބޭނުންވެފައި ތިބޭ އަންހެނުންނަށް ދަރިން ލިބުމުން، ކުރިއަށް ދެވޭނެ ގޮތެއް ނެތިގެން ގޭގައިތިބުމުގެ ބަދަލުގައި އެހެން ގޮތެއް އޮންނަން ޖެހެޔޭ. ވަރަށް ވިސްނިން އެގޮތް ބަދަލު ކުރެވޭނީ ކިހިނެއްތޯ،" ޑޭކެއާގެ ހިޔާލު އުފެދުނު ގޮތް ޝިރުމީލާ ކިޔައިދިނެވެ.

ކަޑްލް ކެއާ ގައި ކުދިން ތިބޭ ސަރަހައްދެއް -- ފޮޓޯ: ކަޑްލް ކެއާ

"އަޅުގަނޑު އެގޮތަށް ގޭގައި ހުންނަން ޖެހުނަސް، އެހެންމީހުންނަށް މަސައްކަތަށް ނިކުންނަން ބޭނުންވެ، ނިކުމެވޭނީ ކިހިނެއްތޯ. އެ ފުރުސަތު އެހެން މީހުންނަށް ހޯދައިދޭން ބޭނުންވީ،"

އެންމެ ހަގު ދަރިފުޅު ގްރޭޑް 10 ނިމުމުން ޝިރުމީލާ ދެން މަސައްކަތްކުރީ ދަރިންތިބި މައިންނަށް މަސައްކަތު ދެވޭނެ ގޮތެއް ހޯދައިދޭށެވެ. އޭނާގެ ވިސްނުމަކަށް ވެފައި އޮތީ މައިންގެ އިތުބާރު ލިބިފައިވާ ޑޭ ކެއާއެއް ހުޅުވުމެވެ. އެތަނަށްދާ ކުދިންނަށް، އެއީ އެކުދިންގެ އަމިއްލަ ގެ ކަމުގެ އިހުސާސް ވާނެ ހިދުމަތެއް ދިނުމަށެވެ.

"އަސްލު އަޅުގަނޑުގެ ދެ ވިސްނުމެއް އޮތް. އެއް ކަަމަކީ، ކުދިން ބަލަން މެއިޑަކު ގެނެސްފިއްޔާ ކިހިނެއްތޯ ވާނީ. ކުރިން އެކްސްޓެންޑެޑް ފެމެލީސް ތަކުގައި އުޅުނަސް މިހާރު ދެމަފިރިން މިއުޅެނީ ވަކިން. ދެން އަނެއްކަމަކީ ޗައިލްޑް އެބިޔުސް. އަޅުގަނޑުގެ ވިސްނުމަކީ ކުދިންނަށް ސޭފް މާހައުލެއް ގާއިމްކޮށްދީގެންނޭ އަންހެނުންނަށް މަސައްކަތް ކުރެވޭނީ. އަޅުގަނޑަށް ވޯކް އަށް ނުނިކުމެވުނު އެއް ސަބަބު އެއީ ކުދިންނަށް ސޭފް އެންވަޔަރަމެންޓެއް އޮތްކަމަށް ގަބޫލު ނުކުރެވުން،" ޝިރުމީލާ ކިޔައިދިނެވެ.

މި ވިސްނުމާއެކު މީގެ 11 އަހަރު ކުރިން ޝިރުމީލާ ދިޔައީ އޭރުގެ ޖެންޑާ މިނިސްޓްރީގެ އިސްވެރިންގެ ގާތަށެވެ.

ކަޑްލް ކެއާ ގައި ކުދިން ތިބޭ ސަރަހައްދެއް -- ފޮޓޯ: ކަޑްލް ކެއާ

"އަޅުގަނޑު ދެންނެވިން މިކަހަލަ ކަމެއް ކުރަން އެބަ ވިސްނަމޭ، އެކަމަކު ސަރުކާރަކުން އޭރަކުވެސް މިހާރަކުވެސް މިކަމަށް އަހަންމިއްޔަތުކަން ދޭ ކަމަކަށް ގަބޫލެއް ނުކުރެވޭ. ކޮންމެ ސަރުކާރަކުންވެސް ޑޭ ކެއާ ސެންޓަރުގެ ވާހަކަ ވަރަށް ބާރުލާފައި ދައްކާ އަޑުއިވޭ. އެކަމަކު ސަރުކާރުގެ ފަރާތަކުން އަޅުގަނޑުމެންނަކަށް މިކަމަކަށް މާބޮޑު އަހަންމިއްޔަތުކަމެއް ނުދެއްވާ، ވަރަށް ގިނަ މިނިސްޓްރީ ތަކަށްވެސް ދިޔައިން،" ޑޭ ކެއާ ސެންޓަރު ހުޅުވުމަށް އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތް ޝިރުމީލާ ކިޔައިދިނެވެ.

ޑޭ ކެއާ ސެންޓަރު ހުޅުވަން ބޭނުންވާ ފައިސާ ހޯދަން ވެސް ޝިރުމީލާ ކުރީ އުނދަގޫ ދަތުރެކެވެ. އެ ވިޔަފާރި އަކީ ފައިދާ ވާނެ ވިޔަފާރިއެއްކަމަށް ނުބެލެވޭތީ އެއްވެސް ބޭންކަކުން ލޯނު ދޭކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ޝިރުމީލާގެ ނަސީބަކަށްވީ ސަރުކާރުން ދޫކުރަންފެށި ކުދި ވިޔަފާރިތަކަށް ހާއްސަ ލޯނެވެ.

"ލޯނު ދޫކުރަން ފެށި ފުރަތަމަ ފަހަރު އެއީ. އަޅުގަނޑު މި ކަންކުރަން މަގެއް ފެނޭތޯ ސިޓީލީން އިކޮނޮމިކް މިނިސްޓްރީ އަށްވެސް. އެ މިނިސްޓްރީ އިން ޖަވާބުދިނީ ލޯނަށް ހުޅުވާލަން އުޅޭވާހަކައާ، ލޯނަށް އެޕްލައިކުރަން،" މީގެ 11 އަހަރު ކުރިން ނެގި ކުޑަ ލޯނާއެކު ޝިރުމީލާ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދި އެވެ. އެކަމަކު އެއީ އެންމެ ހިތްހަމަޖެހޭ ވަރަކަށް ނޫނެވެ.

ކަޑްލް ކެއާ ގައި ކުދިން ތިބޭ ސަރަހައްދެއް -- ފޮޓޯ: ކަޑްލް ކެއާ

"ޑޭ ކެއާ އެއް ހިންގަން އެންމެ އެކަށޭނަ ޖާގައެއް ހޯދަން ދަތިވި، ސަރުކާރުގެ އިމާރާތެއްގެ ހަމަ ބިމުން ކުއްޔަށް ނަމަވެސް ތަނެއް ލިބޭތޯ ސަރުކާރު ތަކުގައިވެސް ދެންނެވިން. ސަރުކާރުން މި އަޅާ ފްލެޓުތަކުގެ ތިރީބައިވެސް ދެއްވަންވީނުންތޯ އޭ އަޅުގަނޑަށް ކުއްޔަށް. ބިލްޑިންއެއްގެ މަތީގައި ކުޑަކުދިން ގެންގުޅުމަކީ އުނދަގޫ ކަމެއް،" ޝިރުމީލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ ކަޑުލް ކެއާގެ ހިދުމަތް ފެށީ، މާލޭގެ ހަނި މަގެއްގައި ހުންނަ ކުޑަ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާގަ އެވެ. އެކަމަކު، އޭނާގެ ކަންބޮޑުވުމަކަށްވީ، އެތަނަށް އަރައި ފައިބަން ޖެހުން އުނދަގޫ ކަމަކަށް ވުމެވެ. ދެން އަނެއް ކަންބޮޑުވުމަކަށްވީ، ނުރައްކާތެރި ހާދިސާއެއް ހިނގިޔަސް ކުދިން އެތަނުން ބޭލުމަކީވެސް އުނދަގޫ ކަމަކަށް ވުމެވެ.

"ތިން އަހަރު އެތަނުގައި އުޅުނިން. އޭގެ ފަހުން މިތަނަށް މި ބަދަލުވީ. ވަރަށް ގިނަ ދުވަހު މިތަން ލިބޭތޯވެސް މަސައްކަތް ކުރިން. އަޅުގަނޑުގެ ޕާސަނަލް ކަންތައްވެސް މަޑުޖައްސާލާފައި މިތަން ނެގީ،" ރަށްދެބައިމަގު، މއ.މިލާންގައި ހިންގާ ސެންޓަރާ ގުޅޭގޮތުން ޝިރުމީލާ ބުންޏެވެ. އިމާރާތުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފްލޯގައި ކުދިންނަށް ހިދުމަތް ދެއެވެ.

ދަތި އުނދަގުލުން ފެށި ނަމަވެސް ޝިރުމީލާގެ މަސައްކަތް އާންމުން ބަލައިގަތެވެ. ޒުވާން މަންމައިންނަށް އެމީހުންގެ ކެރިއަރުގައި ކުރިއަށްދާން ލިބުނު ހިތްވަރަކަށް އެ ސެންޓަރު ވިއެވެ.

ފާއިތުވި 11 ވަރަކަށް އަހަރު ތެރޭ 700 އަށް ވުރެ ގިނަ ކުދިންނަށް ޝިރުމީލާގެ ކަޑްލް ކެއާ އިން ހިމާޔަތް ދީފި އެވެ. ކަޑްލް ކެއާގައި މިހާރު 65 ކުއްޖަކަށް ހިދުމަތް ދޭއިރު ވެއިޓް ލިސްޓުގައިވެސް ގިނަ ކުދިންތަކެއް އެބަތިއްބެވެ. މި ސެންޓަރުން ހިދުމަތް ހޯދާ ކުދިންގެ އުމުރުފުރާ، ހަތަރު މަހުން ފެށިގެން ހަތް އަހަރެވެ.

"މިތަނަށް އެބަގެނޭ ޑޮކްޓަރުން، ނަރުހުން ފުލުސް އޮފިސަރުން، ކޯޓުތަކުގެ ފަނޑިޔާރުން ގެ ދަރިން. ރާއްޖޭގައި ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންގެ ދަރިން އަޅުގަނޑު އެބަ ބަލަން،" ކަޑްލް ކެއާގެ ކާމިޔާބީ ސިފަކުރަމުން ޝިރުމީލާ ބުންޏެވެ.

ކަޑްލް ކެއާއަށްދާ ކުދިން ޝިރުމީލާއަށް ދީފައިވާ ކާޑުތަކެއް

ޝިރުމީލާގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ ކަޑްލް ކެއާ އަށް ބެލެނިވެރިން ކުރާ އިތުބާރެވެ.

"ފުރަތަމަ ދަރިފުޅު އަޅުގަނޑާ ހަވާލު ކުރާ މައިން ދެވަނަ ދަރިއަކު ލިބުމުންވެސް އެބ މިތަނަށް ގެނޭ،" ޝިރުމީލާ ބުންޏެވެ.

"ވަރަށް ޅަ މަންމައިން އެބައުޅޭ. ކުދިންގެ ކަންތަކާ ޕާސަނީ އަޅުގަނޑަށް ގުޅާ ހިޔާލާ މަޝްވަރާ ހޯދާ،" ކަޑްލް ކެއާގެ ބެލެނިވެރިންނާ ޝިރުމީލާ އާއި އޮންނަ ގާތް ގުޅުން އޭނާ ކިޔައިދިނެވެ.

ކަޑްލް ކެއާ އަށް ދާ ކުދިން ހެނދުނުން ފެށިގެން ހަވީރާއި ހަމައަށް އެތަނުގައި އުޅޭއިރު ކުދިންނަށް ބޭނުންވާ ކެއުންވެސް ހަމަޖައްސަނީ ޝިރުމީލާ އެވެ. އެކުދިންނަށް ކާންދެނީ ޝިރުމީލާގެ އަތުން ތައްޔާރުކުރާ ކާނާ އެވެ. އެންމެ ތުއްތު ކުދިންނަށް ދޭންޖެހޭ ކާނާވެސް ތައްޔާރުކުރަނީ ޝިރުމީލާ އެވެ.

"ކުއްޖާ އަޅުގަނޑާ ހަވާލުކުރުމަށްފަހު ބެލެނިވެރިޔާ އަށް އެއްވެސް ސްޓްރެސް އަކާ ނުލާ މަސައްކަތުގައި އުޅެވޭނެ. އަޅުގަނޑު ނުގުޅާނެ ޕޭރެންޓު އޮފީހުގައި އުޅޭ ވަގުތަކު. ކުދިންގެ ކަންތައް ބެލެހެއްޓުމުގައި އަޅުގަނޑު ޕާސަނަލީ އުޅެން،" ޝިރުމީލާ ބުންޏެވެ.

ޝިރުމީލާ ބުނީ ފާއިތުވި 11 އަހަރުގެ ދަތުރުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދި އޭނާގެ ކުރިއެރުމުގެ އެއް އަސްލަކީވެސް ބެލެނިވެރިންގެ އިތުބާރު ކަމަށެވެ.

ޝިރުމީލާގެ ޑޭ ކެއާގައި މިހާރު 13 މުވައްޒަފުން މަސައްކަތް ކުރެއެވެ. އޭގެ ތެރޭ ހިމެނެނީ ދަރިން ލިބި، ދަރިން ބޮޑެތި ކުރުމުގެ ތަޖުރިބާލިބިފައިވާ "ހަރު" މަންމައިންނެވެ. ތުއްތު ކުދިންނަމަ ކޮންމެ ތިން ކުއްޖަކަށް އެހީތެރިއެއް އަދި ތަންކޮޅެއް ބޮޑެތި ކުދިންނަމަ ކޮންމެ ހަޔެއް ނޫނީ ހަތް ކުއްޖަކަށް އެހީތެރިއަކު ހުރެ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ގުރުއާން ޓީޗަރަކާޢި ޕްރީ ސްކޫލު ޓީޗަރެއް ޑޭ ކެއާއަށް ގޮސް ކުދިންނަށް ކިޔަވައިދެ އެވެ. ކުދިންގެ ސްކޫލު ހޯމްވޯކުތައް ހެދުމަށް އެހީ ބޭނުންވާނަމަ އެ އެހީތެރިކަންވެސް ފޯރުކޮށްދެ އެވެ.

"މިތަނުގައި ކުދިން އުޅޭނީ އެކުދިންގެ ގޭގައި އުޅޭހެން. ދުވެ، ކުޅެ މަޖާކޮށް ހުރިހާ ކުދިންވެސް ވަރަށް ގާތްކޮށް އުޅޭނީ. ބައެއްފަހަރު ގެއަށް ނުދާންވެސް ވަރު ދައްކާލާ،" ޝިރުމީލާ ބުންޏެވެ.

އެންމެ ކުޑައިރުއްސުރެ ޑޭކެއާ އަށް އަންނަ ކުދިން ތިބެނީ އެތަނާ ވަރަށް ބޮޑަށް ގަޔާވެފައި ކަމަށް ޝިރުމީލާ ބުންޏެވެ. އެކަން ކަޑްލް ކެއާގެ އެތެރޭގައި ހުރި ކާޑުތަކުންނާއި ޕޯސްޓަރުތަކުން އެނގެ އެވެ. "ޝިރޫ ދައްތަ" އަށް ހާއްސަކޮށްގެން ކުދިން ލޯތްބާއެކު ތައްޔާރުކޮށްފައިވާ އެ ކާޑުތަކާއި ޕޯސްޓަރުތަކުން އެ ކުދިންގެ ހިތްތަކުގައި ކަޑްލް ކެއާ އަށާއި ޝިރުމީލާ އަށް ދެވިފައިވާ ލޯބި ނިކަން ރަނގަޅަށް ވެސް އެނގެ އެވެ.

ކަޑްލް ކެއާއިން ހިދުމަތްދޭ ތުއްތު ކުއްޖަކާއެކު ޝިރުމީލާ -- ދޮޓޯ: ކަޑްލްކެއާ / ފޭސްބުކް

ޝިރުމީލާ ބުނި ގޮތުގައި، ރާއްޖޭގައި އަންހެނުން ބާރުވެރިކުރުމުގެ ވާހަކައާއި އަންހެނުން މަސައްކަތުގެ ދާއިރާ އަށް ނިކުންނަ ވާހަކަ ދައްކާއިރު، އެމީހުންނަށް އެ މަގު ފަހިކޮށްދޭން ސަރުކާރުން އެކަށޭނަ މަސައްކަތް ނުކުރެ އެވެ.

"އަންހެނުން މަސައްކަތަށް ނިކުންނާށޭ އެބަނުނޭ. އެކަމަކު އަންހެނުންނަށް މަސައްކަތަށް ނިކުމެވޭނީ އެމީހުންގެ ދަރިން ބެލޭނެ ގޮތެއް އޮވެގެން އެއީ އަސާސީ ހައްގެއް. ޑޭކެއާ ތައް އޮފީސްތަކުގައިވެސް ގާއިމް ކުރެވިދާނެ،" ރާއްޖޭގައި ޑޭކެއާ ހިދުމަތް ފުޅާކުރަން ޖެހިފައިވާކަން ފާހަގަ ކުރަމުން ޝިރުމީލާ ބުންޏެވެ.

ކަޑްލް ކެއާގެ ކާމިޔާބީ އާއެކު ޝިރުމީލާގެ އެހެން ހުވަފެނެއްވެސް މިހާރު އެބައޮތެވެ. އެއީ ދުވަސްވީ މީހުންނަށް ހާއްސަ ސީނިއާ ސިޓިޒެން ޑޭ ކެއާއެއް ގާއިމް ކުރުމެވެ.

"އެ ކޮންސެޕްޓު އެބައޮތް މިހާރު. އެކަމާ ގުޅޭ ދިރާސާއެއްވެސް އެބަކުރަން. ކޮންސެޕްޓަކީ ދަރިންނާއެކު އުޅޭ މައިންބަފައިން، ކުދިންވަޒީފާއަށް ދިޔައީމާ އެ ލިބޭ އެކަނިވެރިކަން ފިލުވާލާ އެއް އުމުރެއްގެ މީހުންނާއެކު ސޯޝަލައިޒް ވުމުގެ ފުރުސަތު ދިނުން،" ޝިރުމީލާ ބުންޏެވެ.

ޝިރުމީލާގެ ކެރިއަރު މަޑުޖައްސާލާ ގޭގައި ހުރި ދުވަސްވަރު ބޮލުގައި ރޭވި ބޮޑު ހިޔާލުގައި ކުލަ ޖައްސައި، އޭނާ މިހާރު މަސައްކަތްކުރަނީ ކެރިއަރެއް ބިނާކުރަން ބޭނުންވާ މަންމައިންނަށް އެ ފުރުސަތު ދިނުމަށެވެ. ކަޑްލް ކެއާ އިން ހިދުމަތް ހޯދާ ދަރިންގެ މަންމައިންގެ ހިތްވަރަކީ ޝިރުމީލާ އެވެ.

comment ކޮމެންޓް