އަނިޔާކުރުމުގެ ކުށް ސާބިތުވެ ސައުދީ ރަސްގެފާނުގެ ދަރިކަނބަލަކަށް ޖަލު ހުކުމެއް!

ރަސްގެފާނުގެ ސަލްމާން ބިން ޢަބްދުލްޢަޒީޒް-- ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދަރިކަބަލުން ހައްސާ ބިންތި ސަލްމާން އަމުރުކުރައްވައިގެން މީހަކަށް އަނިޔާކުރިކަމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ދައްތާފުޅު ހައްސާ ބިންތި ސަލްމާންގެ މައްޗަށް ދައުވާކުރީ ޕެރިސްގައި ހުންނަ ސަލްމާން ރަސްގެފާނުގެ ގެކޮޅުގައި މަރާމާތުގެ މަސައްކަތެއް ކުރަމުން ދިޔަ މީހަކަށް އަނިޔާކުރުމަށް އެކަމަނާގެ ބޮޑީގާޑަށް އަމުރުކުރުމުންނެވެ. މި ހާދިސާ ހިނގީ 2016 ގައެވެ.

އަޝްރަފް އީދު ނަމަކަށް ކިޔާ މި މީހާއަށް، ހައްސާގެ އަމުރުފުޅަށް އަނިޔާކުރި މައްސަލައިގައި ފްރާންސްގެ ކޯޓެއްގައި ޝަރީއަތް ހިންގީ ހައްސާގެ ޣައިރު ހާޒިރުގައެވެ. އެ މައްސަލައިގައި ފްރާންސްގެ ކޯޓުން ވަނީ އަމީރާ ހައްސާ 10،000 ޔޫރޯއިން ޖޫރިމަނާކުރުމުގެ އިތުރުން 10 މަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

އެހެން ނަމަވެސް އެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.

https://sun.mv/102844

ދެހާސް ސަތާރަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހައްސާ ހައްޔަރުކުރުމަށްވެސް ފްރާންސުން އަމުރެއް ނެރުނެވެ. ނަމަވެސް އޭރު އެކަމަނާ ހުންނެވީ ސައުދީގައެވެ.

ޕެރިސްގައި ހުރި ރަސްގެފާނުގެ ގަނޑުވަރުގައި މަރާމާތުގެ މަސައްކަތް ކުރަން އުޅުނު އަޝްރަފު އީދު ބުނީ އޭނާގެ ގައިގައި ހައްސާގެ ބޮޑީގާޑު ޖެހީ ހައްސާގެ އެޕާޓްމަންޓުގެ ފޮޓޯއެއް ނެގި މައްސަލައިގައި ކަަމަށެވެ. އަދި އެ ފޮޓޯ ނެގީ އެޕާޓްމަންޓުގެ މަސައްކަތެއް ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

"ކަލެއަށް ހައްގު ވަނީ މަރު. ކަލޭ ދިރިހުރުމުގެ އެއްވެސް ހައްގެއް ނެތް،" ޕްރިންސަސް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ހާދިސާގައި ހައްސާގެ ބޮޑީގާޑު ލައްވައި އޭނާ ބަނުމަށްފަހު އަނިޔާކުރި ކަމަށާއި އަދި ކުޑަކަކޫ މައްޗަށް ވެއްޓި މާފަށް އެދެން މަޖުބޫރުކުރުވި ކަަމަށެވެ.

އެ ހާދިސާއާ ގުޅިގެން ހައްސާ އެނބުރި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ފަހުން ގޭބަންދުގައި ބެހެއްޓިކަމަށްވެސް އެކަމަނާއާ އާއިލީ ގޮތުން ގުޅޭ ބޭފުޅަކު ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެއްވިއެވެ..

އެ މައްސަލައިގައި ކޯޓުން ވަނީ ހައްސާގެ ބޮޑީގާޑުވެސް 5،000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް