ދިވެހި ފިލްމީ ދުނިޔެ ސިއްސުވާލި އިއްލެގެ ވާހަކަ

ފޭސްބުކްގައި ބަވަތީގެ ރިވިއުއެއް ލިޔަމުން އާމިނަތު އަލީ (އައިންތު މިސް) ލިޔެފައިވެއެވެ.

"މީގެ އެތަށް އަހަރެއްކުރިން ގްރޭޑް 6 ގައި އުޅުނު ދަރިވަރަކު އޭނާގެ އިނގިރޭސި ފޮތް އަހަރެންނަށް ދެއްކީ ވަރަށް ފުރިހަމަ ވާހަކައަކާއި އެކީގައެވެ. އޭނާ ގްރޭޑް 10 ނިމެންދެން އަހަރެން އޭނާ ލިޔާ ވާހަކަތައް ކިޔާލުމަށް އިންތިޒާރު ކުރަމެވެ. އަދި އޭނާ ގާތުގައި ލިޔުންތެރިއަކަށް ވުމަށް އަހަރެން އެދުނީމެވެ. އޭރުވެސް އަހަރެން ގަބޫލުކުރީ އޭނާއަށް މިކަން ކުރެވޭނެ ކަމަށެވެ. 20 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިއަދު އޭނާ އެކަން ހާސިލުކޮށްފިއެވެ."

އެއީ ބަވަތި ފިލްމުން ނެވެ. އަދި އައިންތު މިސްގެ އެ އުންމީދީ ލިޔުންތެރިއަކީ އެ ފިލްމްގެ ލިޔުންތެރިޔާ، ޑައިރެކްޓާ އިލްޔާސް ވަހީދު، (އިއްލެ)އެވެ.

ހަގީގަތުގަވެސް، އިއްލެ މިވަނީ އޭނާގެ ކުޅަދާނަކަމާއި ހުނަރުވެރިކަން އޭނާގެ ޑްރީމް ޕްރޮޖެކްޓް އަދި ފުރަތަމަ ފިލްމު "ބަވަތި" އިން ދައްކާލަދީފައެވެ. މި ފިލްމް އަދިވެސް ސިނަމާގައި އޮތްއިރު، ފިލްމާއި ބެހޭގޮތުން ރަނގަޅު ނޫން އެންމެ ރިވިއުއެއްވެސް މިހާތަނަށް ފެނިފައެއް ނުވެއެވެ. އިއްލެގެ މަސައްކަތާއި ފިލްމުގެ ކާސްޓުންނާއި ޓެކްނިކަލް ކްރޫއަށް ސޯޝަލް މީޑިއާގައި ތައުރީފު އޮހެނީއެވެ. މުޅި ދިވެހި ފިލްމީ ދާއިރާވެސް އޮތީ ބަވަތިއިން އަންތަރީސް ކޮށްލާފައެވެ. ރީތި ދިވެހި ފިލްމެއްގެ އިންތިޒާރުގައި ތިބި ދިވެހި ފޭނުން އުފަލުން ފޮޅިއްޖެ ކަހަލަ އެވެ.

ބަވަތި ޝޫޓިންގެ ތެރެއިން-- ފޮޓޯ އައިފިލްމްސް

ބަވަތި މިއީ އިއްލެގެ ޑްރީމް ޕްރޮޖެކްޓް

އެންމެ ކުޑައިރު އިއްލެ ބޭނުންވީ ސިފައިންގެ މީހަކަށްވާށެވެ. ފަހަރެއްގައި އެއީ އޭނާގެ ބައްޕަ ސިފައިންގެ މީހަކަށް ވީމަ ކަމަށް ވެދާނެ ކަމަށް އިއްލެ ބުނެއެވެ. ނަމަވެސް ގްރޭޑް 3 ގައި އުޅެނިކޮށް ފައިބިންދައިގެން ގޮސް، ތިން މަސް ދުވަހު އެނދުގައި އޮށޯންނަން ޖެހުމާއެކު، އޭނާގެ ކަމަކަށްވީ ފިލްމު ބެލުމެވެ. ހިންދީ ފިލްމާއި ދިވެހި ފިލްމް އޭރު ބެލުމުގެ ނަތީޖާއަކަށްވީ ފިލްމު ހެދުމަށް ޝައުގުވެރިވުމެވެ.

"އޭރުވެސް ހިތަށް އަރާ ކިހިނެއް ހަދާފައި ހެއްޔޭ މި ހުންނަނީ.. ލަވައެއް ފަށާފައި ނިމޭއިރު މީހަކު އެބަ ބޮޑުވެއޭ. ދެން އެއީ ކަންނޭނގެ ފުރަތަމަ ފިލްމެއް ހަދަން ޝައުގުވެރިވި ގޮތަކީ" އިއްލެ "ސަން"އަށް ދިން ހާއްސަ ވީޑިއޯ އިންޓަވިއުގައި ބުންޏެވެ.

މަޖީދިއްޔާއިން އޯލެވެލް ނިންމާފައި ބޮންޑު ފުރިހަމަކުރުމަށް އޭނާ ވަޒީފާއަށް ވަނީ ސިފައިންގެއަށެވެ. އެތަނުގެ އިންޓަވިއުއަށް ގޮސްފައިވެސް ބުނީ "މިތަނަށް މި އައީ ފިލްމު ހެދުމަށް" ކަމަށެވެ. ފަހުން އޭނާ އިމިގްރޭޝަނަށް ބަދަލުވެފައިވެސް މަސައްކަތް ބުރަވެ، ކިޔެވުމަށް ވަގުތު ނުދެވޭތީ އެ ވަޒީފާވެސް ދޫކޮށްލިއެވެ.

އޭގެ އަހަރުތަކެއް ފަހުން އިނގިރޭސިއާއި މަލްޓިމީޑިއާ ކިޔެވުމަށް ލަންކާއަށް ގޮސް އުޅެނިކޮށް، މުޅިން ކަން ފުރިހަމަ ނުވަނީސް މާލެ ބަދަލުވާން ޖެހުނީއެވެ.

މާލެ އައިސް އޭނާ ވަނީ ވީޓީވީއަށެވެ. ގާތްގަނޑަކަށް ތިން އަހަރު ވަޒީފާގައި އުޅުމަށްފަހު އަނެއްކާވެސް އޭނާ ވީޑިއޯ ޕްރޮޑަކްޝަން ކިޔެވުމަށް ލަންކާއަށް ދިޔައެވެ. އަދި އެނބުރި އައިސްވެސް އޭނާ ޚިދުމަތްކުރީ ވީޓީވީގައެވެ. ވީޓީވީގައި އޭނާކުރި ބައެއް ފާހަގަކޮށްލެވޭ މަސައްކަތްތަކަށް ބަލާލާއިރު؛

  • ކުށުގެ ހަ ފަރާތް
  • ކުޑަކުދިންގެ ބަގީޗާ
  • ބިތުފަންގި ސީޒަން 1
  • އަމިއްލަ ވީޑިއޯ ލަވަތައް

ވީޓީވީގައި މަސައްކަތްކުރުމަށްފަހު ދުވަސްކޮޅަކުން އެތަނުގެ މުވައްޒަފުން މަދުކުރުމުގެ ތެރެއިން އޭނާވެސް ވަކިކުރިއެވެ. ދެން އަމިއްލަ ސްޓޫޑިއޯއެއްގައި މަސައްކަތްކުރުމަށްފަހު ފެށީ އޭނާގެ އަމިއްލަ ސްޓޫޑިއޯ، "އައިފިލްމްސް"ގެ މަސައްކަތެވެ.

ބަވަތި ޕްރިމިއާ ކުރުމުގެ ތެރެއިން --ފޮޓޯ:ފޭސްބުކް

ފުރަތަމަ ފިލްމު ވީތީ ގިނައީ ރިޖެކްޝަން!

ފިލްމެއް ހެދުމަށްޓަކައި އިއްލެގެ އެންމެ ފުރަތަމަ މަސައްކަތަކަށްވީ ފަންޑު ހޯދުމުވެ. މި މަސައްކަތުގައި ރާއްޖޭގެ ގިނަ ވިޔަފާރިވެރިންގެ ގާތަށްވެސް އޭނާއަށް ދެވުނެވެ. ނަމަވެސް އާ ބަޔަކަށްވުމުން އެހާ ކާމިޔާބެއް ނުލިބުނެވެ.

ނަމަވެސް ކުރިންވެސް ދަންނަ ގާތް ރަހުމަތްތެރިއެއްކަމުގައިވާ ސިމްބެއާއި އިއްލެގެ ދޮންބެއާއި އިއްލެއާއި ތިން މީހުންވެގެން ފަންޑްކޮށް ފިލްމްގެ މަސައްކަތް ފެށުނީއެވެ. އެއަށްފަހު ފިލްމުގެ މެއިން އެކްޓަރު ކަމުގައިވާ އިފްނާޒްއާއެކު ފިލްމުގެ އައިޑިއާ ފައިނަލްގެ ލިޔުމުގެ މަސައްކަތް ކުރީ އިއްލެއެވެ.

ފިލްމީ ދާއިރާގައި އިއްލެގެ ފުރަތަމަ މަސައްކަތަށް މި ފިލްމު ވުއެކު ފިލްމްގެ ކްރޫ ފައިނަލްކުރުންވެސް ވީ އޭނާއަށް ޗެލެންޖަކަށެވެ. އިއްލެ ބުނިގޮތުގައި ބައެއް ފަރާތްތަކަށް ފިލްމުގެ ސްޓޯރީ ކިޔާދީ، ފައިސާވެސް ދިން ފަހުން ޚަބަރެއް ނުވުމުން ކެންސަލް ކުރިއެވެ.

ފިލްމު އިސްތިހާރުކޮށް، އާންމުންނާއި ހިސާބަށް މި ފިލްމުގެ ޚަބަރުތައް ގެނައުމުގައިވެސް އެހާމެ ދަތިތައް ދިމާވިއެވެ.

ބަވަތި ޕްރިމިއާ ނައިޓްގެ ތެރެއިން-- ފޮޓޯ: ފޭސްބުކް

ވާހަކަވެސް، ޅެންވެސް، ޑައިރެކްޝަންވެސް އިއްލެ!

ފިލްމްގެ ޑައިރެކްޝަންގެ އިތުރަށް ފިލްމުގެ ދެ ލަވައަކާއި، ވާހަކަވެސް މިއީ އިއްލެގެ މަސައްކަތެވެ. މިގޮތުން، ލަވަކިޔުންތެރިޔާ ޔާމީން ރަޝީދުގެ ހިތްގައިމު އަޑުން ކިޔާފައިވާ އަދި މިސްޓީގެ މިޔުޒިކްގެ މައްޗަށް ހަދާފައިވާ "މީ ބަލަ ލޯބިކަން" މިއީ އިއްލެގެ ޅެމެކެވެ. އަދި ބަވަތީގެ ޓައިޓަލް ލަވައިގެ ލިިރިކްސްވެސް ލިޔުނީ އިއްލެއެވެ. އޭނާ ބުނާގޮތުން އޭނާގެ ޅެން ހެދުމުގެ ހުނަރަކީ މި ހުރިހާ ދުވަހު އެންމެންނަށްވެސް ސިއްރެކެވެ.

ޖުމްލަކޮށް ބުނާނަމަ އިއްލެއަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އަައި ސަޕްރައިޒް ޕެކޭޖެކެވެ. ފިލްމު އުފެއްދުމުގެ ޝައުގު ހުރި، ހުނަރުހުރި މާސްޓާމައިންޑެއްކަން އޭނާގެ ފުރަތަމަ މަސައްކަތުން އެވަނީ ސާބިތުކޮށްދީފައެވެ. ކިތަންމެ ބައިވަރު ނާއުންމީދުތަކާއި، ހުރަސްތަކެއް ގިރާކޮށްފައި ނަމަވެސް، އެއްއަހަރުގެ ތެރޭ ނިންމާލި ކާމިޔާބު ފުރަތަމަ ޕްރޮޖެކްޓާއެކު، ދިވެހި ފިލްމީދާއިރާގައި އޭނާމިވަނީ ވަރުގަދައަށް ފައިތިލަ ސާބިތުކޮށްފައެވެ.

comment ކޮމެންޓް