"ނޭމާ ގެންނަން ބާސާއިން ކުރީ ކިހާވަރެެއްގެ މަސައްކަތެއް ކަމެއް ނޭނގޭ"

ނޭމާ ޖޫނިއާ ބާސެލޯނާގައި ކުޅުނު ދުވަސްވަރު --- ފޮޓޯ// ސަޗާ ޕިސަނީ

ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ނޭމާ ޖޫނިއާ އަނބުރާ ބާސެލޯނާއަށް ގެންނަން ކުރީ ކިހާވަރެއްގެ މަސައްކަތެއްކަން ބުނަން ނޭނގޭ ކަމަށް އެކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ނިމިގެން ދިޔަ ޓްރާންސްފާ މާކެޓަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ އަގުބޮޑު ޓްރާންސްފާ މާކެޓަށް ވީ އިރު އެދުވަސްވަރު އެންމެ ގިނަ ބޮޑު ސުރުހީތަކުން ޖާގަ ހޯދި އެކަކީ ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނޭމާގެ ވާހަކަ އެވެ. ނޭމާ ކިތަންމެ އަގުބޮޑުކޮށް ޕީއެސްޖީއަށް ދިޔަ ނަމަ ވެސް ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް އޭނާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ނޭމާ ޖޫނިއާ ބާސެލޯނާގައި ކުޅުނު އިރު ގޯލެއް ޖެހުމަށް ފަހު ލުއިސް ސުއަރޭޒް އާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ// ޖޭމީ ސްމިތް

އަދި ކުލަބާއި ގިނަ މައްސަލަތަކެއް ވެސް ޖެހި ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުންވާ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފަހަކަށް އައިސް ފުނި ޖެހުނު އިރު ބާސެލޯނާއިން ވެސް އޭނާ އަންނަން ބޭނުން ނަމަ މަރުހަބާ ކިޔާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ޓްރާންސްފާ ޑެޑްލައިން ހަމަވި އިރު ވެސް ނޭމާ ބާސެލޯނާއަށް ނާދެވުނެވެ. ރިޕޯޓުތައް ބުނާ ގޮތުން ނަމަ ބާސެލޯނާއިން 180 މިލިއަން ރުފިޔާއާއި ދެ ކުޅުންތެރިން ލޯނުގެ އުސޫލުން ދޭ ގޮތަށް ކުރި ބިޑަށް ޕީއެސްޖީން އެއްބަސް ނުވީ އެވެ.

ނޭމާއަށް އެނބުރި ބާސެލޯނާއަށް ނާދެވުމުން އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި ކަމަށާއި އޭނާ ޕީއެސްޖީ ދޫކޮށްލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިކަމަށް ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ދާދި ފަހުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ބާސެލޯނާއިން ނޭމާ ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރިކަން ނޭނގޭ ކަމަށް އެކުލަބުގެ ކެޕްޓަން މެސީ ވަނީ ބުނެފަ އެވެ.

http://sun.mv/123909

"އަހަރެންނަކަށް ނޭނގޭ ބާސެލޯނާއިން ނޭމާ ގެނައުމަށް ކުރީ ކިހާވަރެއްގެ މަސައްކަތްތަކެއް ކަމެއް. އިނގުނުހާ ވެސް އެއްޗަކީ ޕީއެސްޖީން އެއްބަސް ނުވި ކަން،" މެސީ ބުންޏެވެ.

އޭނާ ބުނީ ނޭމާ އެނބުރި ބާސެލޯނާއަށް ގެންނަން އޭނާ ވެސް ބޭނުންވާ ކަމަށާއި ނޭމާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ. ނަމަވެސް އޭނާ ގެނައުމަށް އެއްވެސް ފަހަރަކު ބާސެލޯނާގެ ބޯޑަށް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަން މެސީ ވަނީ ފާހަގަ ކޮށްފަ އެވެ.

"ވަރަށް ގިނަ ބަޔަކު ބުނާ އެއްޗެއް އެއީ ކުޅުންތެރިޔަކު ބާސެލޯނާއަށް ގެންނަނީ އަހަރެން ބުނެގެންނޭ. އެއީ ދޮގު. އެހެން ކުޅުންތެރިންނެކޭ އެއްފަދައިން އަހަރެން ވެސް އަހަރެންނަށް ފެންނަ ގޮތް ލޮކާ ރޫމުގައި ހާމަ ކުރަން."

comment ކޮމެންޓް