ސްޓެލްކޯ ފުލެޓްތަކަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލަން ނިންމައިފި

ސްޓެލްކޯގެ އެމްޑީ މުޣުނީ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ސްޓެލްކޯ/ޓްވިޓާ

ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން އަޅާ ދެ ޓަވަރުގެ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލަން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ސްޓެލްކޯގެ ސްޓާފް ނައިޓުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ ސްޓާފް އެކޮމޮޑޭޝަން ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

"ސްޓެލްކޯގެ އެކޮމޮޑޭޝަން ފްލެޓުތައް ވިއްކަން އަލުން ހުޅުވާލަން ވަނީ ނިންމާފައި. އެންމެ ފުރަތަމަ ފްލެޓުތަކަށް ވަދެވޭ ކުންފުންޏަކަށް ސްޓެލްކޯ ވެގެންދާނެ،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އަޅަ އެވެ. ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. "އެންޑް ޔޫޒާ" ފައިނޭންސް އުސޫލުން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ އަގަކީ 540 މިލިއަން ރުފިޔާ އެވެ.

މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި މުވައްޒަފުން ވާންޖެހޭނީ މަސައްކަތަށް ފަރުވާތެރި ބަޔަކަށް ކަމަށެވެ. މުވައްޒަފުންގެ ވެލްފެއާ އަށް ކުންފުނިން ކުރާ މުހިއްމު ކަންތައްތަކާ އެކު މުވައްޒަފުންނަށް ބައެއް ލުއިތައް ދޭން ނިންމާފައިވާކަން އެމްޑީ ފާހަގަ ކުރެއްވި އެވެ.

އެގޮތުން ސްޓެލްކޯގެ ހިދުމަތުގައި ތިއްބައި ނިޔާވާ މުވައްޒަފުންގެ އާއިލާތަކަށް އެހީތެރިވާނެ ނިޒާމެއް މި އަހަރު އެކުލަވާލައި އަމަލުކުރަން ފަށާފައިވާ ކަމަށާއި ސީދާ އާއިލާގެ މުވައްޒަފަކު ނިޔާވެއްޖެ ނަމަ ތިން ދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށް މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓެލްކޯގެ މުވައްޒަފަކު އުމްރާއަށް ދާނަމަ 15 ދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާކަން ވެސް މިރޭ މުޣުނީ އިއުލާނު ކުރެއްވި އެވެ.

މުވައްޒަފުންގެ ކުރިއެރުމަށް ތަމްރީނާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށާއި މުވައްޒަފުންގެ ވެލްފެއާގެ ކަންތައް ވެސް ކުރިއަށްގެންދާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ. އެގޮތުން އޮފީހުގައި އުޅޭ ވަގުތު މުވައްޒަފުންނަށް ހާއްސަކޮށްގެން ވެލްފެއާ ސެންޓަރެއް ގާއިމު ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިރޭގެ ހަފްލާގައި ސްޓެލްކޯގެ މުވައްޒަފުން ބޭނުންކުރާނެ ދެ ޔުނީފޯމެއް ވެސް ވަނީ ދައްކާލާއިފަ އެވެ.

comment ކޮމެންޓް