ފާޑުކިޔުންތަކާ ހުރެ ހުސައިން ޝަރީފް ވަޒީފާއަށް ނެރުން މަޑުޖައްސާލައިފި

އިސްލާމިކް މިނިސްޓްރީގެ ނައިބްގެ މަގާމަށް އައްޔަނު ކުރެއްވި ހުސައިން ޝަރީފް: ފާޑުކިޔުންތަކާއި އެކު އޭނާގެ ވަޒީފާ ވަނީ ހިފަަހައްޓާފައި ----

އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރެއްވި ގދ. ތިނަދޫ ކަލްމުނާ، ހުސައިން ޝަރީފްގެ ވަޒީފާއަށް ނެރުން މަޑުޖައްސާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބްގެ މަގާމަށް ހުސައިން ޝަރީފް އައްޔަނު ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އޭނާ ނައިބްގެ މަގާމަށް އައްޔަނު ކުރުމަށްފަހު ރައީސް އޮފީހުން ބުނެފައިވަނީ ޙުސައިން ޝަރީފަކީ ބެޗެލާ އޮފް ޝަރީއާ އެންޑް ލޯއިން އޮނާސް ހާސިލްކޮށް ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރު ފެންވަރުގެ މަގާމްތައް އަދާކޮށްފައިވާ ފަރާތެއް ކަމަށެވެ.

ރިޔާސީ އިންތިހާބްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެކޮޅަށް އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ އެކު އޭނާ ކެމްޕޭންގައި އުޅުއްވައި ފޮޓޯތަކެއް އާންމުވުމާ އެކު އެމްޑީޕީގެ އެކި ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ސޯސަލް މީޑިއާ އެކްޓިވިސްޓުން ވަނީ އޭނާ މަގާމުން ދުރުކުރުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި އެކަމަށް ތާއިދު ކޮށް ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުސައިން ޝަރީފަށް އެ މަގާމު ދިން ނަމަވެސް އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުން ވަނީ އޭނާ ވަޒީފާއަށް ނުނިކުމެ ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ. އަދި ހުސައިން ޝަރީފް ވަޒީފާއަށް ނުނިކުންނަ ކަން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

comment ކޮމެންޓް