ދިވެހި ބަސް ކުރިއަރުވަން މަސައްކަތް ކުރެވެނީ ކިހިނެއް؟

އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި ފެށުން - ސަން ފައިލް ފޮޓޯ

ދިވެހި ބަސް ކުރިއެރުވުމަށް މަސައަކަތް ކުރެވެނީ ކިހިނެއް ބާވައެވެ؟ މި ސުވާލު އުފެދެނީ ފަހަކަށް އައިސް ފެންނަ ދިވެހި ބަހުން ލިއެފައި ހުންނަ ބައެއް ލިއުންތައް ކިއާ ލުމުންނެވެ. އަދި ދިވެހި ބަހުން ކިޔާ ކިއުންތައް އަޑު އަހާލުމުންނެވެ. ކިއުންތަކޭ އަޅުގަނޑު މި ދެންނެވީ ތަފާތު ގޮތް ގޮތަށް ކިޔާ ޚަބަރުތަކުގެ ވާހަކަ ދެންނެވުމުގެ ގޮތުންނެވެ. އަޅުގަނޑުމެން ނަށް ބޮޑަށް ސަމާލު ކަމެއް ދެވެނީ ދިވެހި ބަހުން ޚަބަރު ކިޔާ އިރު ގައެވެ. އެ ވަގުތު ރަނގަޅަށް ކަނުލާ އަޑު އަހަަން އިނުމުން ނެވެ.

އަޅުގަނޑުމެންގެ ތެރޭގައި ލިއުއްވާ މަދު ބޭފުޅަކު ފިޔަވައި ހުރިހާ ބޭފުޅުން ވެސް މައުލޫމާތު ހޯއްދެވުމަށް ވިދާޅުވާ ފޮތްތަކަކީ ނުވަތަ ލިއުންތަކަކީ ކޮންމެވެސް ބޭރު ބަހަކުން ލިޔެފައި ހުންނަ ފޮތްތަކެކެވެ. ނުވަތަ ލިއުންތަކެކެވެ. މިހެން ވުމާ އެކު އެ ބޭފުޅުންގެ ލިއުމުގެ ސްޓައިލަަށް އެ ބަހެއްގެ ނުފޫޒު ފޯރުމަކީ ކައިރި ކަމެކެވެ. ބައެއް ފަހަރަށް އެނގުމެއް ނެތި، ބަސްތައް އެތުރުމުގައި ވެސް ދިވެހި ބަހުގައި ޢާއްމު ކޮށް ނުގެން ގުޅޭ އުޞޫލަކަށް ބަސްތައް އަތުރާލެވިދާނެ އެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދިވެހި ބަހުން ބަހެއް ނުލިބޭ ތަންތަނަށް ޢަރަބި ބަހެއް ބޭނުން ކުރުމުން ދިވެހި ވީ ކަމަށެވެ. އިނގިރޭސި ބަހެއްގެ ބޭނުން ކޮށްފި ނަމަ އެ ލަފްޒަކާއި ދިވެހި ބަހާ ނުގުޅޭ ކަމުގައިވެ އެވެ. ޙަޤީޤަތަކީ އިނގިރޭސި ލަފްޒެއްގެ ބޭނުން ކުރުމުން އެ ލަފްޒުގެ މާނަ ގިނަ މީހުންނަށް އެނގެ އެވެ.

ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ގޮތުގައި ކުޑަ ކުދިންނަށް ބައެއް މާއްދާތައް ދިވެހި ބަހުން ކިޔަވައި ދޭންވީ އެވެ. އުނގަންނައިދިނުމުގެ ޢިލްމުގެ ޢިލްމީ ތަޖުރިބާކާރުން ދިރާސާތައް ކުރައްވާ ފައި ނިންމަވާނީ ޤައުމުގެ ކުރިއެރުމަށް އެންމެ ރަނގަޅު ގޮތަށް ކަމާ މެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނެތެވެ.

އަޅުގަނޑުމެންގެ ބަހަކީ އާބާދީ ބޮޑު ޤައުމުތަކުގައި ރަސްމީ ބަހެއްގެ ގޮތުގައި ބޭނުން ކުރާ ބަސްތައް ފަދަ ދިރޭ ކުރިއަރަމުންދާ ބަހަކަށް ނުވެދާނެ އެވެ. އަދި މިޒަމާނުގައި ތަަފާތު ފަންނު ފަންނުގައި ބޭނުން ކުރެވޭ އެއްޗެތީގެ ނުވަތަ ކަން ކަމަށް ބޭނުން ކުރާނެ ލަފްޒުތައް ދިވެހި ބަހުން ލިބުން އަދި ދަތިވެދާނެ އެވެ. މި ނަޒަރުން ބަލާ އިރު ދިވެހި ބަހަކީ ތަރައްޤީ ވެފައިވާ އެހެން ބަސްތަކަށް ވުރެ ފަޤީރު ބަހެއް ކަމަށް ބެލެވިދާނެ އެވެ. އެހެންނަމަވެސް އެހެން ބަސްތަކަށް ވުރެ ކުރީގައި ދިވެހިބަހުގައި އޮންނަ ބައެއް ވަރަށް ގިނަ މީހުން ފާހަގަ ކުރެ އެވެ. ދިވެހި ބަހުން ކޮންމެ ބަހަކުން ވެސް ބުނާ އެއްޗެއް ބުނާ ގޮތަށް ލިޔެވެ އެވެ. އާދައިގެ އަކުރުން ނެވެ. އިތުރު އެހެން އެއްވެސް ނިޝާނެއް ބޭނުން ނުކޮށެވެ. އަަޅުގަނޑު މެންގެ ރާއްޖޭގެ މީހުންނާއި ރައްޓެހި ވަރަށް ގިނަ ބަސްތަކުން ބައެއް އެއްޗެތި ކިޔާ ގޮތަކަށް ނުލިޔެވެ އެވެ. ބަސް ކިޔާ ގޮތަށް ކޮންމެ ހެން ލިޔަން ޖެހޭ ތަންތާގައި، ބޭރުގެ ބައެއް ބަސްތަކުން ލިޔަނީ ނިޝާންތައް ބޭނުން ކޮށްގެން ނެވެ.

ނޭނގުމެއްގެ ތެރޭގައި، ނުވަތަ އަޅާ ނުލެވިގެން، ނުވަތަ އަހުމިއްޔަތުކަން ދޭން ޖެހޭ ލިސްޓަށް ނުއަރައިގެން ދިވެހި ބަސްމޮށުން ހަލާކުވެ ގެއްލިގެން ދާ އިރު ވެސް، ބަސް ކުރިއެރުވުމުގެ މަސައްކަތާ ޙަވާލުވެފައިވާ ފަރާތްތަކުން، މި ކަން ކަން ރަނގަޅު ކުރުމަށް ޢަމަލީ ގޮތުން ފިޔަވަޅެއް އަޅުއްވާތަން އަޅުގަނޑުމެންނަށް ފެނިގެން ނުދެ އެވެ. ރާއްޖޭ އަކީ މުސްލިމް ޤައުމަކަށް ވުމާ އެކު އަޅުގަނޑުމެންގެ ތެރޭގައި ލިޔަން ކިޔަން ދަންނަ އެންމެނަށް ކީރިތި ޤުރުއާނު ކިޔަވަން އެނގޭނެ އެވެ. އަދި ޢަރަބި އަކުރުން ފިލިޖަހައި ފައި ލިޔެފައި ހުންނަ ލިއުންތައް ކިޔަން އެގޭނެ އެވެ. އޭގައި ލިޔެފައި އޮތް އެއްޗެއްގެ މާނަ ނޭގުނަސް އެވެ. މިހެން ވުމާ އެކު ޚަބަރު ކިޔާ ފަރާތްތަކުން ޚިޔާލަށް ހިޔާލު ކިޔަންވީ ކީއްވެތޯ އެވެ. ޚަލީލުގެ ނަން ހަލީލަށް ބަދަލު ކުރަންވީ ކީއްވެތޯ އެވެ؟ ޣަނީ އަށް ގަނީ ކިޔަން ވީ ކީއްވެތޯ އެވެ؟ ޚަބަރު، ހަބަރު ހާ ހިތިކޮށް ލަންވީ ކީއްވެ ތޯ އެވެ. ރަސްމީ ވާހަކަތަކުގަ އެވެ.

ދިވެހި ބަހުން ރައްޔިތުންނަށް މަޢުލޫމާތު ދޭ ފަރާތްތަކުން ބޭނުން ކުރެވޭ ދިވެހި ބަހަކީ ރީތި ދިވެހި ބަސް ކަމަށް ހެދުމަށް، ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރާ ރަސްމީ ފަރާތުން، ޤަދީމީ ގޮތުން އެ ތަނުން ކުރާ މަސައްކަތްތަކުގެ އިތުރުން ޢަމަލީ މައިދާނުގައި މަސައްކަތްތަކެއް ކުރަން އެބަ ޖެހެ އެވެ. ދުވަސްވީ ލިއުންތައް ނެރުމާއި ތާރީޚީ ފޮތްތައް ލިއުމާއި ކުރީގެ އަދީބުންނާއި ޝާޢިރުންގެ އަދަބީ ތަރިކަ އަޅުގަނޑުމެންނާ ހަމައަށް ފޯރު ކޮށްދިނުމުގެ އިތުރަށެވެ. ތަފާތު އަދަބީ މުބާރާތްތައް ބޭއްވުމުގެ އިތުރުން ނެވެ. ނޫސް މަޖައްލާ ނެރޭ ފަރާތްތަކާއި ޚަބަރު ފެތުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން ދާއިމީ ގޮތުގައި، ދިވެހި ބަހަށް ބޭރު ބަސްތަކުގެ ނުފޫޒު ފޯރުވިގެން ހެދޭ ގޯސްތައް ރަނގަޅު ކުރުމަށް ތާޒާ ކުރުމުގެ ކުދި މަސައްކަތު ބައްދަލުވުން ނުވަތަ ކޯސްތައް ބާއްވައިގެން ނެވެ. މި ލިއުން ލިއަމުން ދިޔަ އިރު އަޅުގަނޑަށް ކިއުނު ޚަބަރެއްގައި ލިޔެފައި އޮތީ ކޮންމެވެސް ބޭފުޅެއްގެ "ކުރިމަތިފުޅު"ގައި ބޭފުޅުންތަކެއް ހުވާ ކުރެއްވި ވާހަކަ އެވެ. އިނގިރޭސި ބަހުން ޚަބަރު ކިޔާ އިރު ވެސް މީހުންގެ ނަންތަކާއި ރަށް ރަށާއި ޤައުމުގެ ނަން އެ ބަޔަކު ކިޔާ ގޮތަށް ކިޔޭތޯ ބަލަ އެވެ. ދަސްކޮށްގެން ނެވެ. އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރަކު އަލްޤައިދާގެ ނަން ވިދާޅުވާ އިރު އަޑު އަހާ މީހާ އަށް އެއީ ޢަރަބި ބަސް ދެނެވަޑައި ގަންނަވާ ބޭފުޅަކު ހެން ހީވާ ހާ ރަނގަޅަށް އެ ލަފްޒު ވިދާޅު ވެ އެވެ. ގިނަ ފަހަރަށް ބައެއް ޤައުމުތަކުގެ މީހުން ވާހަކަ ދައްކާ އުޅޭ ބަހުރުވައިން ބައެއް ލަފްޒުތައް އަޑު އިވޭ ގޮތަށް އާދައިގައި އެމީހުން ލިޔެ އުޅޭ ގޮތަށް ނުލިއެވެ އެވެ. ހުޅަނގުގެ ގިނަ ޤައުމުތަކުގެ މީހުންނަށް ޣައިނު އާއި ޤާފް ޢަރަބި އަކުރުން އޮންނަ ގޮތަށް ކިއުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. ގިނަ ފަހަރަށް އެމީހުންގެ ބަހުން އެ ގޮތަށް އާދައިގެ ލިއުމުގައި ނުލިޔެވޭތީވެ އެވެ. މިހެންވުމާ އެކު ޣަނީ ގަނީ އަށް ބަދަލު ވަނީ އެވެ. ޖީ އަކުރުން ފެށޭތީވެ އެވެ. އެކަމަކު ދިވެހި ބަހުން ވާހަކަ ދައްކާ ދިވެއްސަކަށް މި މައްސަލަ މި ގޮތަށް ކުރިމަތި ވެގެން ނުވާނެ އެވެ. އަޅުގަނޑުމެން ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް ކަރު ބުޑުން ކިޔަން ޖެހޭ އަކުރުތައް ކިއުމަކީ އުނދަގުލަކަށް ވެގެން ނުވާނެ އެވެ. ކަރު ބުޑުން ކިޔަން ޖެހޭ އަކުރު ލުއިކޮށް ކިއުމަކީ ސްޓައިލަކަށް ވެގެން ކުރާ ކަމަކަށް ވަނީ ނަމަ އެ ސްޓައިލަކީ ނުބައި ސްޓައިލެއްކަން ދިވެހި ބަހުގެ އިސް މީހުން ކިޔައިދޭން ވެއްޖެ އެވެ. ދިވެހި ބަހުން ރީތިކޮށް ލިޔެވެން ހުންނަ ލަފްޒުތައް ވެސް ލިޔެފައި ހުންނަ ގޮތުން އެއީ ކޮންއެއްޗެއް ކަން އެގެން ބައެއް ފަހަރު ވަގުތު ކޮޅެއް ނަގަ އެވެ. މިސާލަކަށް ދަންނަވާ ނަމަ ގަވާނާ އޭ ބުނުމުން އެއީ ކޮންއެއްޗެއް ކަން ފުރަތަމަ ކިއުމަކުން ނޭނގި ދާނެ އެވެ. އެހެންނަމަވެސް ގަވަރުނަރު ނުވަތަ ގަވަރުނަރ އޭ ބުނުމުން އެއީ ކޮން ނަމެއް ކަން އެނގެ އެވެ. އަޅުގަނޑަށް ވެސް އެނގެ އެވެ. ހުސް ރ ބޭނުން ކުރުމަކީ ބަހުގެ ބައެއް ޢިލްމުވެރިން ނުރުހޭ ކަމެކެވެ. އެހެންނަމަވެސް ޢަމަލީ ގޮތުން ނުކުންނަ މައްސަލަ ތަކަށް ބައްލަވާށެވެ. މިހާރު މިނިސްޓަރ ވެސް މިނިސްޓާ އަށް ބަދަލު ވެއްޖެ އެވެ. ފަހަތުގައި ތިބެ ވާގި ދީގެން ދިވެހިބަސް ކަތިލާ މީހުން ހޯދުމަށް ކޮމިޝަނެއް އުފައްދާ ހިސާބަށް މިހާރު ކަންތައް ހިނގައްޖެ އެވެ.

ދިވެހި ބަސް ކުރިއެރުވުމަށް ޒަމާނީ މަސައްކަތެއް، ބޭނުން ވެ އެވެ. ޒަމާނީ ވިސްނުމެއް ބޭނުން ވެ އެވެ. ހުޅުވިފައިވާ ސިކުނޑިތަކަކުން މިނިވަން ޚިޔާލުގެ އަލީގައި ހެޔޮ ބަދަލުތަކެއް ގެނެވޭތަން ދެކެން ބޭނުން ވެ އެވެ. ދިވެހި ބަހުގެ މި ޒަމާނުގެ ލިއުންތެރިން ނާއި ކިއުންތެރިންގެ ނުބައި އާދަތައް ކަށީގައި ހިފުމުގެ ކުރިން ނެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލުގައި ހެޔޮ ބަދަލެއް ގެނައުމުގެ ޤާބިލިއްޔަތު އެބަހުއްޓެވެ. ބޭނުން ވަނީ ފުރުޞަތެކެވެ.

comment ކޮމެންޓް