ހަތް ރަށެއްގެ ދަނޑުގެ ސަބް-ބޭސް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ޔޫތު މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު މަޙްލޫފް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ.

މި ރަށްތަކުގެ ތެރޭގައި ހިމެނެނީ ލ. ގަން، ގދ. ތިނަދޫ، ތ. ތިމަރަފުށި، ވ. ކެޔޮދޫ، ހއ. ހޯރަފުށި އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީ އެވެ. ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހަައްމަދު ދީދީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ބައިވެރިވަޑައިގެންނެވި އެވެ.

މިއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ މަސައްކަތަކަށްވާއިރު މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯޑެތި ދަނޑުތަކެއް ހެދުމުގެ މަޝްރޫއުގެ ތެރެއިން ދާދި ފަހުން ވެސް ވަނީ ތިން ރަށެއްގެ ސަބް ބޭސް ހެދުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ރަށްތަކުގައި ހެދިގެންދާ ސަބް ބޭސްގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ދަނޑުތަކުގައި ޓާފް އެޅުމާއި ލައިޓް ޖެހުމުގެ ކަންކަން ފެށިގެންދާނެ ކަމަށެވެ.

comment ކޮމެންޓް