ދީނަށް ފުރައްސާރަކޮށްގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

--- ފޮޓޯ ފުލުހުން

ދީނަށް ފުރައްސާރަކޮށްގެން އިއްޔެ ގދ ތިނަދޫ އިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ޓްވިޓާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ "ރުޝްމަތު" ނަމަކަށް ކިޔާ ޓްވިޓާ ހޭންޑުލްއަކުން ޓްވީޓްކުރާ މީހެކެވެ.

އެ މީހާ ބުނެފައި ވަނީ ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި އޭނާ ބާއްވައި އަދި ޒުވާނުންނަށް އޭނާ ދެކޭ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށާއި އިތުރު އެއްވުންތައް ވެސް ބާއްވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން މާތްﷲ އާއި ރަސޫލާއަށް ބަދުބަސްތައް ރައްދުވާ ފަދަ އެއްޗިހި ވެސް އޭނާ ޓްވީޓްކޮށްފައިވެ އެވެ.

ފުލުހުން މިއަދު ބުނީ ދީނަށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާއަށް އިންޒާރުދިން މައްސަލަވެސް ފުލުހުން ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް