ރިލްވާންގެ މަރާ ގުޅިގެން ހިންގާ އޮޕަރޭޝަން ކަނޑުމައްޗަށް ފުޅާކޮށްފި

ފުލުހުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އާންމު ކުރި ރިޕޯޓާއި ގުޅިގެން ފުލުހުން އިއްޔެ ފެށި އޮޕަރޭޝަން މިއަދު ކަނޑުމައްޗަށް ފުޅާކޮށްފި އެވެ.

"ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ" ރިޔާސީ ކޮމިޝަނުން ހޯދާފައިވާ ކޯޓް އަމުރުތަކުގެ ދަށުން ރޭ ފެށި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގެ ނުވަ ތަނެއް ވަނީ ބަލައިފާސްކޮށްފަ އެވެ.

ފުލުހުން ބުނީ މިއަދުވެސް މާލޭގެ ތިން ގެއެއް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. އަދި ކަނޑުމަތީގައިވެސް އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ވިދާޅުވީ އެ އޮޕަރޭޝަންގެ ދަށުން ފުލުހުން ކަނޑުމަތީގެ އޮޕަރޭޝަން ހިންގަނީ މާލޭ އޭރިއާގައި ކަމަށެވެ. މިއަދު ފާސްކުރަމުން ދަނީ، މާފަންނު ކޮޅުގެ ބައެއް ގެތަކެވެ.

ރިޔާސީ ކޮމިޝަނުން އެކުލަވާލި ޑްރާފްޓް ރިޕޯޓްގައިވާ ގޮތުން، ރިލްވާން ދިރިއުޅެމުން އައި އެޕާޓްމަންޓް ކައިރިން އޭނާ ރަހީނުކޮށް ކާރަކަށް އަރުވައި ޑިންގީއަކަށް އަރުވައިގެން ގެންގޮސް އޭނާ އެރުވީ ކަނޑު އުޅަނދަކަށެވެ. އަދި އެ އުޅަނދުގައި އޭނާގެ ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީ އެވެ.

ފުލުހުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް

އިއްޔެގެ އޮޕަރޭޝަނުގައި ފުލުހުން ފާސްކޮށްފައިވަނީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކާ ގުޅުން ހުރި ތަންތަނެވެ.

އެގޮތުން ފާސްކުރި ތަންތަނުގެ ތެރޭގައި ސީކްރެޓް ރެސިޕީ ހުންނަ އިމާރާތް، ގ. އަނޫރާނީގެ އާއި ގާކޮށި ފްލެޓްތަކުގެ ފަސްވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓަކާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ކުރިމަތިން ހުންނަ ހ. ވާލީވިލާ އާއި ސޯޝަން މަގު ޝޮޕް އެންޑް ސޭވް ކައިރީ ހުންނަ ހ. ނައިޓްވިއު އަދި މއ. ޕީޓްރަލް އެވެ.

ފުލުހުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަން -- ފޮޓޯ/ ޕޮލިސް

އައްޑޫއިން ފާސްކޮށްފައި ވަނީ، ރިލްވާން މަރާލުމަށް އެރުވި ދޯނި ހަމަޖެއްސި ކަމަށް ރިޕޯޓްގައި ތުހުމަތު ކުރާ، އަހުމަދު އަގްލީލް (ކިޑޫ)އާ ގުޅުން ހުރި ތަންތަނެވެ.

ފާސްކުރި ތަންތަނަކީ، ރިލްވާންގެ މަރުގެ ރިޕޯޓްގައި ނަންތައް ހިމަނާފައިވާ ތ. އޮމަދޫ އަތިރީގޭ، ސާމިހު މުހައްމަދު (ސޯމިތު)، ހ. ވާލީ ވިލާ އަލީ ޝިޔާމް (ވީބީ އައްޔަ) އަދި ސ. ފޭދޫ، ގުރަހާގޭ އަހުމަދު އަގްލީލް (ކިޑޫ) އާ ގުޅުން ހުރި ތަންތަނެވެ.

އޭގެ އިތުރުން ރޭ ސިފައިންވެސް ވަނީ ހަތިޔާރާއެކު މާލޭގެ މަގުތަކުގައި ހަރަކާތްތެރިވެފަ އެވެ. ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާ ގުޅުގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޯމަ ދުވަހު ވިދާޅުވީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ހައްޔަރު ކުރަން ޖެހޭ ކޮންމެ މީހަކު މި ސަރުކާރުން ހައްޔަރު ކުރާނެ ކަމަށާއި އެކަމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

comment ކޮމެންޓް