އާ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި އެވެ.

ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން އަޅާ ޓާމިނަލްގެ ޕައިލިންގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުންޏެވެ.

ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ. އާ ޓާމިނަލްގެ މަސައްކަތް ކުރަނީ އެއާޕޯޓުގެ ހުޅަނގު ދެކުނު ފަރާތުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގަ އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަަސަން އަރީފް ވިދާޅުވީ ފައުންޑޭޝަނުގެ މަސައްކަތް ނިމުމުން ޕްރީފެބްރިކޭޓެޑް މެޓީރިއަލް ގެނެސް، އަދި ރޭނުމުގެ މަސައްކަތްތައް ފަށާނެކަމަށެވެ.

ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން 680 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ޕްލޭނުގައިވާގޮތުން އާ ޓާމިނަލުން 7.5 މިލިއަން ފަސެންޖަރުންނަށް އަހަރެއް ތެރޭ ހިދުމަތް ދެވޭނެ އެވެ. ޖުމްލަ 38 އިމިގްރޭޝަން ކައުންޓަރާ އެއިރޯ ބްރިޖުރަކާ އެކު އަޅާ ޓާމިނަލް އެޅުމަށް މިހާތަނަށް 1600 ޕައިލް ވަނީ ޖަހައިފަ އެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް ވަނީ ނިމިފައެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު އާ ފިއުލްފާމާއި ވީއައިޕީ ޓާމިނަލްގެ އިތުރުން ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.

ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން އަޅާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ނިމި ބޭނުން ކުރެން ފެށޭނީ 2022 ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް