ލަންކާގެ ދައުލަތުގެ ޓީވީ ސިރިސޭނާގެ ބާރުގެ ދަށަށް ގެންދަވައިފި

ލަންކާގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވަނީ ރައީސް މައިތިރިޕާލާ ސިރިސޭނާ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ސެޕްޓެމްބަރު 10): ސްރީލަންކާގެ ދައުލަތުގެ ޓީވީ އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ބާރުގެ ދަށަށް ގެންދަވައިފި އެވެ.

ލަންކާގެ ގެޒެޓުގައިވާ ގޮތުން އެގައުމުގެ ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުން ސިރިސޭނާ ވަނީ ދައުލަތުގެ ޓީވީ، ސްރީ ލަންކާ ރުޕާވާނީ ކޯޕަރޭޝަން ގައުމުގެ ޑިފެންސް މިނިސްޓަރުގެ ބާރުގެ ދަށަށް ގެންނަވާފަ އެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރަކީވެސް ސިރިސޭނާ އެވެ.

އަދި އެފިޔަވަޅު އެޅީ "މީޑިއާ މެދުވެރިކޮށް ގައުމީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާ، ސުލްހަވެރިކަމާއި އެއްބައިވަންތަކަމަށް ހިތްވަރުދޭ ޕްރޮގްރާމްތައް އުފެއްދުމަށްޓަކަ" އެވެ.

ނަމަވެސް ބައެއް އެނެލިސްޓުން ވަނީ އެއީ ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު، ގައުމުގައި ބާރު ހިންގުމަށް ކުރިއަށްދާ ކޯޅުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ލަފާކޮށްފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިރިސޭނާ، ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރައްވާ، ޕާލިމެންޓުވެސް އުވާލެއްވި އެވެ. އަދި ބޮޑުވަޒީރުގެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރެއްވި އެވެ.

ނަމަވެސް ސިރިސޭނާ ޕާލިމެންޓު އުވާލެއްވީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވި އެވެ. އަދި ސިރިސޭނާ އަނެއްކާވެސް ބޮޑުވަޒީރު ކަމަށް ވިކްރަމަސިންހަ އައްޔަން ކުރެއްވި އެވެ.

comment ކޮމެންޓް