ބެލްޖިއަމް، ނެދަލެންޑް އަދި ޖަރުމަނަށް ވެސް މޮޅެއް

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން --- ރަޔާން ބެންސަން

އަންނަ އަހަރު ޔޫރަޕްގެ 12 ސިޓީއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ޔޫރޯ ގެ ކޮލިފިކޭޝަނުގައި ރޭ ވެސް ވަނީ ވަރުގަދަ ޓީމުތަކެއް ކުޅެފަ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ އެންމެ ފަހުގެ ޔޫރޯއިން ޖާގަ ނުލިބުނު ނަމަވެސް މިހާރު ތަފާތު ރޫހެއްގައި ކުޅެ ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ނެދަލެންޑާއި އެ ގައުމުގެ ވާދަވެރި ޖަރުމަނުގެ އިތުރުން ބެލްޖިއަމް ކުޅުނު މެޗުތަކެވެ.

ޖަރުމަނު - ނޯތަން އަޔަލެންޑް (2-0)

އެންމެ ފަހުން ލަދުވެތި ގޮތަކަށް ނެދަލޭންޑް ކައިރިން ބަލިވި ޖަރުމަނު ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ނޯތަން އަޔަލޭންޑް ކައިރިން މޮޅުވީ 0-2 އިންނެވެ. މިއީ އެ ޓީމުގެ ފެންވަރާ ބަލާއިރު ހާސްބައި ދަށް ނަތީޖާއެއް ނަމަވެސް ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާ އެކު އެ ޓީމު މިވަގުތު އޮތީ ގުރޫޕް ސީ ގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި އަޔަލެންޑް ވެސް ހަމަ އެވަރަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް އިރު ޖަރުމަނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// މެޓް ޑޯމަން

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ހިތްދަތި ނަތީޖާއަށްފަހު ޓީމުގައި ތިބި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ބޭރު ކޮށްގެން މުޅި ޓީމު އެކީ އެކަށް ބަދަލުކޮށްގެން ޖަރުމަނުން ޔޫރޯ ކޮލިފިކޭޝަނާއި ކުރިމަތިލި އިރު އެ ޓީމުން އަހަރުގެ ކުރީ ކޮޅު ވަނީ އުންމީދީ ކުޅުމެއް ކުޅެފަ އެވެ. ނަމަވެސް ފަހަކަށް އައިސް އެ ޓީމު ކުޅޭ މެޗުތަކުން މޮޅުވި ނަމަވެސް މޮޅު ލިބެނީ ކިރިޔާ އެވެ.

ރޭގެ މެޗު ފެށިގެން މޮޅަށް ކުޅުނީ އަޔަލެންޑުންނެވެ. ނަމަވެސް ދޭތެރެ އަކުން ޖަރުމަނުން ވެސް މެޗުގެ ކޮންޓްރޯލް ނެގި އެވެ. ޖުމްލަ ގޮތެއްގައި އެ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެ އެވެ.

ދެވަނަ ހާފު ފެށިގެން ދިޔައީ ޖަރުމަނުގެ ބުންޑެސްލީގާގެ ލީޕްޒިގް އަށް ކުޅެމުން އަންނަ 27 އަހަރުގެ ފޯވަޑް މާރްސެލް ހަލްސްޓެންބާގް ގެ ގޯލަކުންނެވެ. އެއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ޖަރުމަނުގެ ފުރަތަމަ ގޯލާ އެކު އެ ޓީމަށް ހިއްވަރު ލިބި އެޓޭކިން ފުޓުބޯޅައަކަށް ގޭމް ބަދަލުކޮށްލި އެވެ. އަދި ޓީމު އިތުރަށް ކުރިއަށް ޖައްސައި އަޔަލެންޑުގެ ޑިފެންސަށް ބާރު ބޮޑު ކުރަމުން ދިޔަ އެވެ. ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ޖަރުމަނުން އުފެއްދި ނަމަވެސް އަޔަލެންޑުން ދިޔައީ އުނދަގުލުން ނަމަވެސް އެ ބޯޅަތައް ދިފާއު ކުރުމުންނެވެ.

ޖަރުމަނަށް ލީޑު ފުޅާ ކުރެވުނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ސާޖް ގްނާބްރީ ޖެހި ގޯލުންނެވެ.

ނެދަލެންޑް - އެސްޓޯނިއާ (4-0)

ޖަރުމަނާއި އެންމެ ވާދަވެރިކަން ބޮޑު ނެދަލެންޑުން ރޭ އެސޯޓޯނިއާގެ މައްޗަށް ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕަށް ވެސް ކޮލިފައި ނުވި ނެދަލެންޑުން ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކައި އަލުން އަނބުރާ ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި ވުމަށް ކުރުމަށް އަންނަ މަސައްކަތުން އެ ޓީމު އަންނަނީ ގިނަ މެޗުތަކަކުން މޮޅުވަމުންނެވެ.

ނެދަލެންޑްސްއާއި އެސްޓޯނިއާ ބައްދަލު ކުރި މެޗުގެ ތެރެއިން

އެގޮތުން އެންމެ ފަހުން ޖަރުމަނާ ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. ރޭ ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެއް މެޗު މަދުން ކުޅެ ނެދަލެންޑް އޮތީ ތާވަލުގެ ތިންވައިގަ އެވެ. އެ ޓީމު މިހާތަނަށް ހަތަރު މެޗު ކުޅުނު އިރު ހަމައެކަނި ބަލިވީ ޖަރުމަނާ ކުޅުނު ފުރަތަމަ މެޗުންނެވެ.

ރޭގެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ މެމްފިސް ޑީޕާއީ އާއި ޖޯޖިއޯ ވައިނަލްޑަމްގެ އިތުރުން ރަޔާން ބަބެލް އެވެ. ބަބެލް ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

ބެލްޖިއަމް - ސްކޮޓްލޭންޑް (4-0)

މިވަގުތު ދުނިޔޭގެ ރޭންކިންގްގެ އެއްވަނައިގައި އޮތް ބެލްޖިއަމުން ރޭ ސްކޮޓްލޭންޑް ބަލިކުރީ 0-4 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ހަނި ގޮތަކަށް ޗެމްޕިއަން ފްރާންސް އަތުން ބަލިވި ބެލްޖިއަމް އަންނަނީ އެ މުބާރާތުން ލިބުނު ފިލާވަޅުން އިބްރަތް ލިބިގަނެ އަންނަ އަހަރުގެ ޔޫރޯގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރޭގެ މެޗުގައި ވެސް އެ ޓީމުން ހަތަރު ގޯލު ޖެހި އިރު ތަރިއަކަށް ވެގެން ދިޔައީ ޔޫރޯ ކޮލިފިކޭޝަން މެޗެއްގައި ތިން އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑުގެ ހެދި ކެވިން ޑެ ބްރުއިނާ އެވެ. އޭނާ ރޭގެ މެޗުގައިި މޮޅު ކުޅުމެއް ވަނީ ދައްކާފަ އެވެ.

ޔޫރޯ ކޮލިފިކޭޝަނުގައި ރޭ ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން --- ރަޔާން ބެންސަން

ބެލްޖިއަމަށް ރޭ ގޯލުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫއާއި ތޯމަސް ވާމެލަންގެ އަދި ޓޮބީ އަލްޑަވިއެރެލްޑް ގެ އިތުރުން އެ ތިން ކުޅުންތެރިންނަށް ގޯލު ޖަހަން އެސިސްޓްކޮށްދިން ޑެ ބްރުއިނާ އެވެ.

މީގެ އިތުރުން ރޭ ކުޅުނު ބައެއް މެޗުތަކުގެ ނަތީޖާ އަކީ:

އަޒަރުބައިޖާން - ކްރޮއޭޝިއާ (1-1)

ހަންގޭރީ - ސްލޮވޭކިއާ (1-2)

ލެޓްވިއާ - ނޯތް މެކެޑޯނިއާ (0-2)

ޕޮލެންޑް - އޮސްޓްރޭލިއާ (0-0)

ސްލޮވޭނިއާ - އިސްރާއިލް (3-2)

ރަޝިއާ - ކަޒަކިސްތާން (1-0)

ސެން މަރީނޯ - ސައިޕްރަސް (0-4)

comment ކޮމެންޓް