ކައިޒީންއާ ދިމާކޮށްލުން، މިއީ ފުކެއް ބޮޑުވަރު!

މަޝްހޫރު އަދި މީހުން ދަންނަ މީހަކަށްވުމަކީ އޭނާގެ އަމިއްލަ ޒާތީ ކަންކަމަށް އަރައިގަންނަން ބަޔަކަށް ލިބޭނޭ ލައިސެންސެއް ހެއްޔެވެ؟

އިންސްޓަގްރާމްގެ ތެރެއިން މަޝްހޫރުކަން ހޯދި ދިވެހި މޮޑެލް، ކައިޒީންގެ ކައިވެނި ރޫޅުނުކަން ފަޅާއެރުމާ އެކު ދިވެހިންގެ ތެރެއިން ބަޔަކަށް ހީވީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭހެން އެވެ. ސޯޝަލް މީޑިއާގައި ކަމަކަށް އޮތީ އެނާ، "ނޮޅައިގެން ކާލު"މެވެ. ކޮފީ މޭޒެއް، ކާ މޭޒެއް ނޫނީ އޮފީސް މޭޒުދޮށެއް ބެލުމެއް ނެތި، އޭނާއާ ބެހޭ ގޮތުން ދެއްކުނު ވާހަކަތައް އެގޮތް މިގޮތަށް ދައްކަނީ އެވެ. ފޮޓޯ ހަދައި ޖޯކު ވެސް ޖަހަނީ އެވެ. އޭނާއާ އަޅުވާނުކިޔާ ފިރިހެނަކު މި އުޑުދަށުގައި ވެސް ހުރިހެނެއް މިހާރު ހިއެއް ނުވެ އެވެ.

މޮޑެލް ކައިޒީން-- ފޮޓޯ އިންސްޓަގްރާމް

ކައިޒީން އާއި އޭނާގެ ފިރިމީހާ "ޖޯޑަން"ގެ ޖޯޑްގެ ކައިވެންޏަށް ތިން އަހަރެއްހާ ދުވަސްވީތަނާ ކައިވެނި މި ވަނީ ރޫޅިފަ އެވެ. މިހާތަނަށް އޭނާގެ ކައިވެނި ރޫޅެން ދިމާވި ސަބަބެއް ހާމަކޮށްފައި ނުވާއިރު "ސަން" އިން ކުރި އެ ޒާތުގެ ސުވާލުތަކަށް ވެސް އޭނާ ޖަވާބު ނުދީ ބުނީ؛ "މިއީ ތިޔަ ކަހަލަ ސުވާލަށް ޖަވާބު ދޭކަހަލަ ދަނޑިވަޅެއް ނޫން" ކަމަށެވެ.

ކޮންމެއަކަސް ކައިޒީން އާއި ޖޯޑަންއާ ދެމެދުގައި ޖެހުނު މައްސަލައަކީ އެ ދެމީހުންގެ ޒާތީ ކަމެކެވެ. އަދި އަލަތު ކައިވެންޏެއް ރޫޅުމަކީ ރާއްޖޭގައި ވުން އެންމެ ކައިރި އަދި މިއީ މިރަށުގައި އަލަށް ދިމާވެގެން އުޅޭ ކަމެއް ވެސް ނޫނެވެ. އެކަމަކު ކައިޒީންގެ މަޝްހޫރު ކަމާ ހުރެ އޭނާގެ ކައިވެނި ރޫޅުނު ވާހަކަ ދުމެއް ޖަހާފައި ހިނގަނީ އެވެ.

މީގެ ކުރިންވެސް، އޭނާގެ ބައެއް އިންޓަވިއުތަކުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ފާޑުފާޑުގެ ވާހަކަ އާއި މަލާމާތް އޭނާއަށް ވަނީ ވަނީ ރައްދުވެފަ އެވެ. ނަމަވެސް އޭނާގެ ފޭނުން ވަނީ އެއީ ލައިވް އިންޓަވިއުތަކުގައި ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެއްކަމުގައި ބުނެ އޭނާ ދިފާއުކޮށްފަ އެވެ.

މޮޑެލް ކައިޒީން-- ފޮޓޯ އިންސްޓަގްރާމް

މީގެއިތުރުން ވެސް އޭނާގެ ހަށިގަނޑާއި، ދިގު ފަން ރީތި އިސްތަށިގަނޑާއި އެ އިސްތަށިގަނޑުގައި އޭނަ ޖެއްސި މުށި ކުލައާ އެކު، އެންމެ ޒުވާން ބިލިއަނަރު ކަމުގައިވާ ކައިލީ ޖެނާ އާއި އޭނާއާ ވައްތަރުކަމަށް ބުނެ ވެސް ބަޔަކު މީހުން ސޯޝަލް މީޑީއާގައި އޭނާއާ ދިމާކޮށްފައިވެ އެވެ.

މި ހުރިހާ ބުލީތަކަކަށް ވެސް ކައިޒީންގެ މާބޮޑު ރިއެކްޝަންއެއް ނެތެވެ. އޭނާ ހަނު ހުރީ އެވެ. ނަމަވެސް މިފަހަރު ސީދާ އޭނާގެ އެންމެ ޕާސަނަލް ކައިވެންޏާއި ވަރީގެ ވާހަކަތައް ހަގީގަތާ ހިލާފަށް އާންމުންގެ ތެރޭގައި ފެތުރުމަކީ އޭނާއަށް ތަހައްމަލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ އިނގިރޭސި ބަހުން ފޭސްބުކްގައި އޭނާ ވަނީ އަމިއްލަ ސްޓޭޓްމަންޓެއް ނެރެފަ އެވެ.

މި ސްޓޭޓްމަންޓްގައި އޭނާ ވަނީ، އެހެން މީހަކާ "ޑޭޓް" ކުރަމުންދާ ކަމަށް ސޯޝަލް މީޑީއާގައި ދެކެވޭ ވާހަކަތައް މުޅިން ދޮގުކޮށްފަ އެވެ. އަދި މިވަގުތު އޭނާ އިނީ ޝަރުއީ އިއްދައިގައި ކަމަށްވުމުން އެހެންމީހަކާ ލޯބީގެ ގޮތުން އެފަދަ ގުޅުމެއް ބޭއްވުމަކީ ދީނީގޮތުން ހުއްދަ ކަމެއްނޫންކަން ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.

އަދި ހަގީގަތެއް ނެތް އެފަދަ ވާހަކަތަކުން އޭނާގެ އިތުރަށް އެހެން މީހުންގެ އަބުރަށް ވެސް އަރައިގަނެވޭކަން ފާހަގަކޮށް ކައިޒީން ވަނީ އިތުރަށް އެފަދަ ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށް ވެސް ބުނެފަ އެވެ.

އިންސްޓަގްރާމްގައި އެކަނި ވެސް އަށްޑިހަހާހަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކައިޒީން ވަނީ މިދަނޑިވަޅުގައި ވެސް އޭނާއަށް ތަރުހީބުދޭ ލޯބިވާ ފޭނުންނަށް ޝުކުރުއަދާކޮށް އެފަދަ ދޮގު ވާހަކަތައް ގަބޫލް ނުކުރުމަށް އެދިފަ އެވެ.

ދޮގުހަދައިގެން، މީހުންގެ ޒާތީ ކަންކަމަށް އަރައިގަނެ، އަބުރު ކަތިލައިގެން ނުވާނެ އެވެ. ކިތަންމެ މަޝްހޫރަސް، އަދި ކިތަންމެ ނުރުހުނަސް، މިފަދަ ކަންކަމުގައި ކޮންމެވެސް ކަހަލަ މިންގަނޑުތަކެއް ހުންނަންވާނެ އެވެ. އޭނާގެ ޒާތީ ކަމަކާ ހުރެ ކައިޒީންއަށް މިވަރު ކޮށްލާކަށް ނުޖެހެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު