އިޔާދުގެ ލަވްލެޓާތައް މިފަހަރު އެންމެންނަށް

އިޔާދުގެ ޑެބިއޫ ފޮތް "ޓު ޔޫ"ގެ ޕްރޮމޯޝަނަލް ފޮޓޯއެއް --- ފޮޓޯ : އަހުމަދު އިޔާދު ޔޫސުފް

އަހުމަދު އިޔާދު ޔޫފުސް އަކީ ކާކުހޭ އަހާލައިފި ނަމަ ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. ނަމަވެސް ލިޔުންތެރިކަމާއި ޅެންވެރިކަމަށް ލޯބިކުރާ ޒުވާނެއް ނަމަ، އިޔާދުގެ އަޑު ކޮންމެވެސް ގޮތަކަށް އޮންނާނީ އިވިފަ އެވެ. އިޔާދުގެ އަޑު އިވިފައި ނުވާ ކަމަށް ވާނަމަ އެއީ ކާކުކަން އެނގުން މުހިއްމެވެ.

އުމުރުން 21 އަހަރުގެ އިޔާދު ވަނީ އޭނާގެ ޅެންވެރިކަން ނޫނީ ޕޮއެޓްރީގެ ހުނަރު ދުނިޔެއަށް ދައްކާލަން ތައްޔާރުވެފަ އެވެ. އިޔާދު މިހާރު ދަނީ އޭނާގެ ފުރަތަމަ ފޮތް ކިޔުންތެރިންނަށް ދޫކޮށްލުމަށް ތައްޔާރުވަމުންނެވެ. "ޓު ޔޫ" ނަމަށް ކިޔާ ފޮތަކީ އިޔާދުގެ އެތައް އަހަރެއްގެ ބުރަ މަސައްކަތެވެ.

އިޔާދު ރިލީޒުކުރާ ފޮތުގައި ހިމެނޭ ގަނޑެއް --- ފޮޓޯ : އަހުމަދު އިޔާދު

"އަސްލު މި ފޮތަކީ ޕޮއެމްއަށްވުރެ ބޮޑަށް ލަވް ލެޓާސްތަކެއް. އަޅުގަނޑަށް ކުރެވުނު އެތައް އިހުސާސްތަކެއް ހިމެނޭ ލަވް ލެޓާސްތަކެއް،" ސަން އަށް ދިން އިންޓަވިއުއެއްގައި އިޔާދު ކިޔައިދިނެވެ.

ލޯބި މިތަނުގައި މާނަކޮށްފައިވަނީ ހަމައެކަނި ރަށްޓެހިވެގެން އުޅޭ ދެމީހަކު ނުވަތަ ކައިވެނިކޮށްގެން އުޅޭ ދެމީހެއްގެ ދެމެދުގައި އޮންނަ ލޯތްބެއް ނޫނެވެ. ލޯބި މިތަނުގައި މާނަކޮށްފައިވަނީ އެކުވެރިކަމާއި އާއިލާއާއި އެހެން ގާތް ގުޅުންތަކަށެވެ.

"މި ލަވް ލެޓާތަކުގައި ވަރަށް ގިނަ ކޮމްޕޮނެންޓްތަކެއް ހުންނާނެ. ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ އިހުސާސްތައްވެސް މި ފޮތުގައި ވާނެ. އެއިން ކޮންމެ އިހުސާސަކީ ކޮންމެވެސް އިރެއްގައި އަޅުގަނޑަށް ކުރެވިފައިވާ އިހުސާސެއް،" އިޔާދު ބުންޏެވެ.

އަހުމަދު އިޔާދު ޔޫސުފް ---

އިޔާދުގެ ޓު ޔޫ ނެރުމަށް ތައްޔާރުވަމުންދާއިރު މިއީ ދެ އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތެވެ. އިޔާދު ބުނީ އެ ފޮތުގެ މަސައްކަތް ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުގައި ކަަމަށެވެ.

ކުޑައިރުން ފެށިގެން އިޔާދު ވަނީ ލިޓްރޭޗާ އާއި ޕޮއެޓްރީއަށް ބޮޑު ޝައުގުވެރިކަމެއް އުފެދިފަ އެވެ.

"އަސްލު ލިޓްރޭޗާއަށް އިތުރަށް ޝައުގުވެރިކަން އުފެދުނީ ގްރޭޑް ހައެއްގައި އޮތް ބުކް ކޮމްޕެޓިޝަން އަކަށް ފަހު،" އިޔާދު ބުންޏެވެ.

އިޔާދުގެ ލިޔުންތަކުގެ ތެރެއިން ލިޔުމެއް --- ފޮޓޯ : އަހުމަދު އިޔާދު

އެއަށްފަހު ލިޓްރޭޗާ އިތުރަށް ތަރައްގީކުރުމަށް އެކި ކަހަލަ މަސައްކަތް އިޔާދު ކުރި އެވެ. މިހާރު ސޯޝަލް މީޑިއާގައި އިޔާދުގެ ލިޔުންތައް އާންމުކުރަމުންދާއިރު ގިނަ ބައެއްގެ ލޯބި، އޭނާގެ ލިޔުންތަކަށް އެބަ އޮތެވެ.

އިޔާދު ބުނީ އޭނާގެ ލިޔުންތައް އެއީ އަމިއްލައަށް ފޮރުވައިގެން ގެންގުޅުނު އެއްޗެހިތަކެއް ކަމަށާއި އެންމެ ފުރަތަމަ އެއިން އެއްވެސް އެއްޗެއް އެހެން ބަޔަކަށް ދައްކަން ބޭނުން ނުވި ކަމަށެވެ.

"އެކަމު އަސްލު ރަށްޓެހިން ބުނީ ޕަބްލިޝްކުރަން. އެމީހުން ވަރަށް ބާރުއެޅި މިހާ ހިސާބަށް އައުމުގައި،" އޭނާ ބުންޏެވެ.

އިޔާދުގެ ބައެއް ލިޔުންތަކުގެ ތެރެއިން ލިޔުމެއް ---- ފޮޓޯ : އަހުމަދު އިޔާދު

ލިޔެފައިވާ ޕޮއެމްތައް ޕަބްލިޝްކުރަން ފެށުމުން ޒުވާނުންގެ ފަރާތުން އޭނާއަށް ލޯބި އޮހެން ފެށި އެވެ. ޕޮއެމްތަކުގެ ފޮތެއް ޕަބްލިޝްކުރަން ބާރުއެޅީ އެހާ ހިސާބުންނެވެ. އެ ފޮތް މިހާރު ރިލީޒުކުރުމަށް ތައްޔާރުވާއިރު އެ ފޮތުގެ ފަހަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން އޮތް ކަމަށް އިޔާދު ފާހަގަކުރި އެވެ. އެގޮތުން ފޮތުގެ ލޭއައުޓު ޑިޒައިންކުރުމާއި ފޮތް އެޑިޓުކުރުމާއި ކަވާ އާޓް ތައްޔާރުކުރުމާއި ޕަބްލިޝިން އާއި ޕްރިންޓުކުރުމުގައިވެސް ގިނަ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އިޔާދު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި މަސައްކަތްކުރަމުން ފޮތް ޕަބްލިޝްކުރުމަށް ތައްޔާރުވެފައިވާއިރު އެ ފޮތުގައި 100 ލަވް ލެޓާ އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

"މި ފޮތް މި ނެރެނީ ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި. މަގުބޫލުކަން ހުންނަގޮތަކުން އިތުރު އެޑިޝަންއެއްގެ މަސައްކަތްކުރާނަން،" އޭނާ ބުންޏެވެ.

އިޔާދުގެ "ޓު ޔޫ" ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. އެ ފޮތް ރިލީޒުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޑޯމް ރެސްޓޯރެންޓްގައި މާދަމާ ރޭ 7:00ގަ އެވެ.

comment ކޮމެންޓް