ބަހުސަކީ، ދެ ފުލުހުން ހައްޔަރު ކުރަންވީތަ؟

ފުލުހުން--

ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މީހުންގެ މަރުތައް ތަހުގީގު" ކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓުން މުއައްސަސާތަކުން ވެފައިވާ އިހުމާލާގައި އެކަމުގައި ފަސްއަޅައި ފޮރުވުމަށް ފުލުހުންގެ ތެރެއިން ބަޔަކު ރާވައިގެން ކަންތައްތަކެއް ހިންގިކަން މި ވަނީ އާންމުވެފަ އެވެ.

ތަހުގީގު ރިޕޯޓުން އެންމެ ބޮޑަށް ފާހަގަވީ އެއް ކަމަކީ، ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިންޓެލިޖެންސް ޔުނިޓުން އެ އިހުމާލުވެފައިވާ މިންވަރެވެ. ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަރަށް ސޮރީހަ ބަހުން ބުނަނީ، ރިލްވާން ރަހީނުކޮށް މަރާލުމުގެ ހާދިސާއާ ގުޅިގެން އޭރު އިންޓެލްގެ ވެެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ޒިންމާވާން ޖެހޭނެ ކަމަށެވެ.

އެ ރިޕޯޓުގައި ޕޮލިސް އިންޓެލްގައި މަސައްކަތް ކުރަމުން ދިޔަ ދެ ފުލުހަކަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެއީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493)އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ.

މީގެ ކުރިން ފުލުހުންގެ ބްރީފިންއެއް -- ފޮޓޯ/ޕޮލިސް

ރިލްވާންގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ހުލާސާ ރިޕޯޓުގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޯޕްރަލް ޖިނާހު އަދި ކޯޕްރަލް ރިފްއަތު، ރިލްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ގެންދިޔަ ކަމަށެވެ.

އަދި ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން ވެސް ދެ ފުލުހުން މަސައްކަތް ކުރި ކަމަށް ރިޕޯޓުން ފަޅާ އެރި އެވެ.

އެއާ އެކު ގިނަ ބައެއްގެ ގޮވާލުމަކަށް ވެފައި އޮތީ، ދެ ފުލުހުން ވަޒީފާއިން ވަކިކޮށް، ހައްޔަރުކޮށް ދެން މައްސަލަ ބެލުމަށެވެ. ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެފަދަ ތުހުމަތު ތަކެއް ކުރެވޭ ދެ ފުލުހަކު އަދިވެސް ވަޒީފާގައި ތިބުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައިފަ އެވެ.

މައްސަލައާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އެ ދެ ފުލުހުން ވަނީ ވަޒީފާގެ މަސްއޫލިިއްޔަތުން ދުރުކޮށްފަ އެވެ.

ނަމަވެސް އެ ދެ ފުލުހުންނަށް އެޅި އެ ފިޔަވަޅަކީ އާންމުން ހިތް ފުރުނު ފިޔަވަޅަކަށް ނުވި އެވެ. އެ މީހުންނަށްވީ ލުޔި ފިޔަވަޅަކަށެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ދެކެނީ އެފަދަ ގޮތަކަށެވެ.

"ގޭގައި މަޑުކުރަން އެންގުމަކުން ނުފުދޭ، ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް އެ މީހުން ހައްޔަރު ކުރަންޖެހޭ. އަދި އެ ހިސާބުން ވެސް މިކަމެއް ނުނިމޭ، ދެ ފުުލުހުންގެ ސުޕަވައިޒަރާއި، އޭރުގެ އިންޓެލިޖެންސްގެ ވެރިޔާއާ އޭރުގެ ކޮމިޝަނަރާއި އޭރުގެ ހޯމް މިިނިސްޓަރު ވެސް ޒިންމާ ނަގަންޖެހޭ،" މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްވިދާޅުވިއެވެ.

މީކާއީލް ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން، ރިލްވާނަށް ފާރަލައި ރިލްވާން މަރާލީ ފުލުހުންގެ މުއައްސަސާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވެސް ތުހުމަތު ކުރައްވައިފަ އެވެ.

މީކާއީލްގެ ޓުވީޓަށް ޖަވާބުދެއްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ރިލްވާންގެ ޕާސްޕޯޓް ހަދަން ދެ ފުލުހުން މަސަތްކަތް ކުރީ ކޮންބައެއް ގެ އަމުރަކަށްތޯ ވެސް ބަލަން ޖެހޭ ކަމަށާއި އަދި އެ އަމުރުކުރި ބަޔަކު ވަގުތުން ހައްޔަރުކުރަން ވެސް ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ނޫނީ މީހުން މެރުން ދެން ނުހުއްޓުވޭނެ،" މެމްބަރު ވިދާޅުވި އެވެ.

ފުލުހުން މައްސަލައެއްގައި ހިމެނޭ ބަޔަކު ހައްޔަރު ކުރަނީ ---

ޓުވިޓާގައި ނުރުހުން ފާޅުކުރި މީހަކު ބުނެފައި ވަނީ، ސީޕީ އަދި ހޯމް މިނިސްޓަރުގެ އަތުގައި އެއްވެސް ބާރެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި ގޭގައި މަޑުކޮށްލަން އަންގައި، ހެކި ފޮރުވަން ވަގުތު ދެނީތޯ ވެސް މީހަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

ރިލްވާންގެ ބޭބެ، މޫސާ ރިލްވާން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "އަޑީ ދައުލަތް ވަނީ ފުލުސް އޮފީސްތެރޭ މޫލާފައި" ކަމަށެވެ.

ފުލުހުންގެ ނިންމުމާ ދޭތެރޭ ނުރުހުން ފާޅުކުރަމުން ދަނިކޮށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ވަނީ ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރު ކުރުމަށް އެދި ފުލުހުންނަށް ސިޓީއެއް ފޮނުވައިފަ އެވެ.

ނަމަވެސް މަރުތައް ބަލައި ރިޔާސީ ކޮމިޝަނާ، ފުލުހުން މަޝްވަރާ ކުރުމަށްފަހު ނިންމީ ކޯޕްރަލް ޖިނާހު އަދި ކޯޕްރަލް ރިފްއަތުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށާއި، އެހެންކަމުން އެމީހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި އިދާރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އެެއާ އެކު މި ވަނީ ބަހުސެއް ވެސް ފެށިފަ އެވެ.

އެ ފުލުހުން ހައްޔަރު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟

ފުލުހުންގެ ބަޔާނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިލްވާންގެ ފޯން ކޯލްތައް އިންޓެލް ދެ ފުލުހުން އަޑުއެހީ، އޮޅުވާލައިގެން ނުބައި ކޯޓް އަމުރެއް ހޯދައިގެން ކަމަށެވެ. ރިލްވާންގެ ފޯން ކޯލްތައް އަޑުއަހަން ހޯދި ކޯޓް އަމުރުގައި އޮތީ، އޭނާގެ ފޯން ކޯލްތައް އަޑުއަހަނީ ދައުލަތާ ދެކޮޅު އަމަލެއް ހިންގުމުގެ ތުހުމަތުގައި ކަމަށެވެ.

"ރިލްވާންގެ ފޯނު އަޑު އަހާށާއި ރިލްވާނަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރު ހޯދުން އެއީ ކުށެއް ނޫންތޯ؟ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ބާވަތުގެ ވާހަކަތައް އެ އިދާރާގެ މަދު ބަޔަކު ދައްކާ ކަމީ ހިތާމައެއް،" ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ރިލްވާންގެ ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުންގެ މައްސަލަ، ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ތަހުގީގު ކުރެވެން ޖެހޭނެ ކަމަށެވެ.

އެއީ ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާ ގުޅޭ މާއްދާ އެވެ. ޝަމީމް ވިދާޅުވީ އެ ދެ އޮފިސަރުންނަށް ދައުވާ އުފުލޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.

"ބަންޑާރަނައިބު ވަކި ގޮތަކަށް ކަމެއް ކުރަން ބުނުމުން، ސީޕީ އެކަމާ ސުވާލު އުފައްދާކަށް ނުޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ހައްޔަރު ކުރުމުގެ މައްސަލަ ބޮޑު ބަހުސަކަށް ވެފައި ވާއިރު، އެއްބަޔަކު ގަބޫލު ކުރަނީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ހުރި ވާހަކަތަކަކީ އެ ދެ އޮފިސަރުން ހައްޔަރު ކުރަން އެކަށީގެންވާ ވަރުގެ ހެއްކެއް ކަމަށެވެ. އަދި އާންމު ގަބޫލު ކުރުމަކީ، ދެ ފުލުހުން މިނިވަންކަމާއެކު މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ ހެކި ނައްތާލަން ފުރުސަތު ދިނުން ކަމަށެވެ.

މާޗް 29، 2019، ފުލުހުންގެ މުއައްސަސާ އަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އެހެން ނަމަވެސް މައްސަލައާ ގުޅިގެން ގާނޫނީ ވަކީލް އިބްރާހިމް ޝަމީލްގެ ހިޔާލު ތަފާތެވެ. ޝަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަހުގީގެއް ކުރެވުނަސް ޟަރޫރީ ހާލަތެއްގައި މެނުވީ މީހަކު ހައްޔަރުކުރުން ގާނޫނުއަސާސީ އިން މަނާކުރާ ކަމަށެވެ.

"ހައްޔަރުކުރުމާއެކު ވަކި މުއްދަތެއްގައި ދައުވާ އުފުލަން ގާނޫނުން ލާޒިމްކުރޭ. ޟަރޫރަތެއް ނެތި ހައްޔަރުކޮށްގެން، ތަހުގީގު ނުނިމެނީސް އަވަހަށް ދައުވާ އުފުލަންޖެހުމުން މަންފާލިބެނީ ކާކަށް؟" ޝަމީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވާ ގޮތަށް މީހުން ހައްޔަރު ކުރުމުގައި ގާނޫނު އަސާސީގައި ހިމަނާފައި އޮތީ ވަރަށް ހަރުކަށި ހަމަތަކެކެވެ.

ގާނޫނު އަސާސީ ބުނާގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ގާޒީއެއްގެ ކުރިމައްޗަށް ގެންދާތާ 30 ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ އެވެ. މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނުހޯދައި ހައްޔަރުކޮށް، އެ މުއްދަތުގައި ދައުވާ ނުކޮށްފިނަމަ، ދެން އެ މައްސަލައިގައި ދައުވާ ކުރަން ވެސް ހުރަސްތައް އޮވެ އެވެ. އެހެންވެ، ގިނަ ވަކީލުންގެ ނަޒަރުގައި ތަހުގީގުގެ މަރުހަލާގެ ތެރެއިން މީހަކު ހައްޔަރު ކުރަން ވާނީ އެ ނޫން ގޮތެއް ނެތިގެން އެވެ. އަދި ހައްޔަރުކޮށް މީހެއްގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތައް ބީރައްޓެހި އެހާ ތަރުހީބުދޭ ކަމެއް ނޫނެވެ.

މިހުރިހާ ބަހުސެއްގެ ތެރެއިން ފުލުހުންގެ ކޮމިޝަނަރު ހަމީދު ވިދާޅުވަނީ، ރިލްވާންގެ މައްސަލައިގެ ޖިނާއީ ތަހުގީގަކީ މަރުތައް ބަލައި ކޮމިޝަނުން ފަށާފައިވާ ތަހުގީގަކަށް ވާތީ، އެ ތަހުގީގުގެ ކަންކަމުގެ އިހުތިސާސް ލިބެނީ އެ ކޮމިޝަނަށް ކަމަށެވެ. އެހެންކަމުން މީހަކު ހައްޔަރު ކުރަން ޖެހޭކަން ނުވަތަ ނޫންކަން ނިންމައި އެކަމަށް ވޮރަންޓެއް ހޯދަން ޖެހޭނީ އެ ކޮމިޝަނުން ކަމަށް ފުލުހުން ދެކޭކަން ކޮމިޝަނަރު ހާމަކުރެއްވި އެވެ.

ޔަގީންވާ ކަމަކީ، ރިލްވާންގެ މައްސަލައިގެ އަސްލު އޮޅުވާލުމަށް ދެ ފުލުހުން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމެވެ. އެހެން ކަމަށް ވާނަމަ، އެއީ ބޮޑު ކުށެކެވެ. އެ ކުށް އެހާ ކުޑަކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ އެވެ. އަދި އަދަބެއް ނުލިބޭ ގޮތަށް އެކަން ދޫކޮށްލައިގެން ވެސް ނުވާނެ އެވެ.

comment ކޮމެންޓް