އިނގިރޭސިން އައްޑޫގައި ބޭނުންކުރި ތެޔޮތާނގީތައް ބޭނުންކުރަން ފަށަނީ

އައްޑޫ ސިޓީގައި މަރާމާތު ކުރި ތެޔޮ ތާނގީ---

އިނގިރޭސިން އައްޑޫގައި ބޭނުންކުރި ތެޔޮތާނގީތައް ބޭނުންކުރަން އަލުން ފަށަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނިންމައިފި އެވެ.

(އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ގަސަމް "ސަން" އަށް މިއަދު ވިދާޅުވީ އެ ތެޔޮ ތާނގީތައް ބޭނުންކުރަން ނިންމީ މިހާރު ބޭނުންކުރާ ތެޔޮ ތާނގީތަކުގެ ހާލަތު ދެރަވެ، އޭގެން ތެޔޮ ލީކްވާތީ ކަމަށެވެ.

" އަޅުގަނޑުމެން ދެން ބެލިއިރު އެ ތެޔޮ ތާނގީތަކާ ޖެހިގެން އެބަހުރި އައްޑޫގައި އިނގިރޭސިން ބޭނުންކުރި ތާނގީތައް. 20 އަހަރުވެއްޖެ އެތަން ބޭނުންނުކުރާތަ. އެ ތާންގީތަކުގެ ފޫހުރީ ގޮސްފައި .ދެން ޓެކްނީޝަނުން ފޮނުވައިގެން މިހާރު ފޫ އަޅާފަ އެހުރީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިން ބޭނުންކުރަމުން އައި ކަރާސީނު ރައްކާކުރުމަށް ބަހައްޓާފައިވާ 22،000 ލީޓަރުގެ ދެ ތާނގީވެސް ޑީސަލްއަށް ބޭނުންކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ.

އެހެންކަމުން އެޕްއެސްއެމްގެ މިހާރު ހުރި ކެޕޭސިޓީގެ އިތުރުން 98،000 ލީޓަރުގެ ޕެޓްރޯލް އަދި 700،000 ލީޓަރުގެ ޑީސަލް އިތުރަށް ރައްކާކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރާސީން ވަރަށް މަދު ބަޔަކު ބޭނުންކުރަނީ. އެހެންވެ ކަރާސީން ތެޔޮ ތާނގީތައް ޕެޓްރޯލްއަށް ބަދަލުކުރަން ނިންމީ. ދެން އިތުރު ތާނގީތަކާއެކު މާލެއިން ތެޔޮ ގެންދަން ޖެހޭ އަދަދު މަދުވާނެ." ގަސަމް ވިދާޅުވި އެވެ.

comment ކޮމެންޓް