ރިލްވާންގެ ތަހުގީގު ރިޕޯޓާ ގުޅިގެން ވާހަކަ ދެއްކުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވައފި

ރައީސް ޔާމީން: ރިލްވާޏާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަސް ދެކޮޅު ހެއްދެވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ވާހަކަ ދެއްކުމަށް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވަވައިފިއެވެ.

މީގެ ކުރިން ނުބެލި ހުރި މައްސަލަތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީނަށް ސީރިއަސް ތުހުމަތުތަކެއް ކުރެއެވެ. އެގޮތުން ރިލްވާންގެ މަރުގެ ތަހުގީގުގެ މިސްރާބު ބަދަލުކޮށްލަން އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ކޮމިޝަނުން ތުހުމަތުކުރެއެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއިން އަތޮޅުތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުގެ ކުރިން، އިއްޔެ އިއްޒުއްދީން ފާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި"ސަން"އިން ރިލްވާނާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ރައީސް ޔާމީން ވަނީ އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރު ކުރައްވާފައެވެ.

"އަޅުގަނޑު އޮންނާނީ އެއަށް ބަޔާނެއް ނެރެފައި.. އަޅުގަނޑު އޮންނާނީ އެޔަށް ބަޔާނެއް ނެރެފައި،" ރިލްވާނާ ގުޅޭ ގޮތުން ރައީސް ޔާމީނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރަން ފެށުމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންގެ ތަހުގީގާ ގުޅިގެން ރައީސް ޔާމީން ނިސްބަތްވާ ޕީޕީއެމް އިން މިދިޔަ އާދިއްތަ ދުވަހު ނޫސް ބަޔާނެއް ނެރުނެެވެ. ނަމަވެސް ކޮމިޝަން ރައީސް ޔާމީނަށް ކުރެވޭ ތުހުމަތުތަކަށް ސީދާ ތަފްސީލީ ޖަވާބެއް އެ ބަޔާނުގައި ނެތެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ރައީސް ޔާމީން ވިދަޅުވީ، އެ ބަޔާނުގައި ތަފްސީލުކޮށް ވާހަކަތައް ހުންނާނެ ކަމަށާއި ތުހުމަތުއް ބަޔާނުގައި ދޮގުކޮށްފައިވާނެ ކަމަށެވެ. އަދި އިތުރަށް ރިލްވާނާ ގުޅޭގޮތުން ކުރެއްވި އެއްވެސް ސުވާލަކަށް އެމަނިކުފާނު ޖަވާބެއް ނުދެއްވިއެވެ.

"ނޫން. ނޫން. އޭގެ ތަފްސީލެއް އެއޮތީ ހަމަ. އެވަރުގެ ތަފްސީލެއް އެއޮތީ. އަޅުގަނޑު ބުނެފައި އޮންނާނީ އެއީ ދޮގެކޭ އެއީ،" ރުންކުރު ގޮތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ނޫސްވެރިންނަށް ދެއްވީ ވަރަށް ރުންކުރު ޖަވާބުތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި އިއްޒުއްދީން ފާލަން ކައިރީގައި ނޫސްވެރިން ސުވާލުކުރަމުން ދަނިކޮށް ރައީސް ޔާމީން އެނބުރިވަޑައިގެން ލޯންޗަށް އެރުމަށްޓަކައި ހިންގަވައިގަތީއެވެ.

ރިޔާސީ ކޮމިޝަނުންގެ ރައީސް ހުސްނުއްސުއޫދު އާދީއްތަ ދުވަހު ވިދާޅުވީ ތަހުގީގު ޑައިވާޓްކުރުމަށް "ކަހީނަކު ބޭނުންކޮށްގެން ނުވަތަ ފަންޑިތަ ހަދާ މީހަކު ބޭނުންކޮށްގެން ރަމަލު ޖަހައި، ފާލު ބަލައި، ފުލުހުންގެ ތަހުގީގުގެ ފޯކަސް އަނބުރާލުމަށްޓަކައި އެތައް މިތަނަށް ފުލުހުން ދުއްވާފައި އެބަހުރި" ކަމަށެވެ.

ނަމަވެސް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، ރިލްވާންގެ މައްސަލައާ ރައީސް ޔާމީންއާ ސީދާ ގުޅުމެއް ނެތުމުން ރައީސް ޔާމީންގެ މައްޗަށް ދައުވާ ނުކުރާނެކަމަށް ސުއޫދު ވިދާޅުވިއެވެ.

އެއަށް ރައްދު ދީ ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ކޮމިޝަނުން އާންމުކުރި މައުލޫމާތަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފުލުހުން ހޯދާފައިވާ މައުލޫމާތުކަމަށްވެސް ބުނެފައިވެއެވެ.

https://sun.mv/123774

ނޫސްވެރިޔާ ރިލްވާން ގެއްލުވާލައިފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 7 އޯގަސްޓް 2014ގަ އެވެ. ކޮމިޝަނުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުން ރިލްވާން ރަހީނުކޮށް، އޭނާ ގެންގޮސް ކަރު ބުރިކޮށްލުމަށްފަހު ކަނޑުފެއްތީއެވެ.

comment ކޮމެންޓް