ޝަހީމްއަކީ ޓެރަރިސްޓެއްކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަ އޭނާ ދޮގުކުރައްވައިފި

ސަނީފް (ކ) އަދި ޑރ. ޝަހީމް (ވ)-- ސަން ފައިލް ފޮޓޯ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ޓެރަރިސްޓުން ރެކްރޫޓްކުރާ ލީޑަރެއްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަ، ޑރ. ޝަހީމް ވަރަށް ބޮޑަށް ކުއްވެރިކުރައްވައި އެކަން ދޮގުކުރައްވައިފި އެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި ސަނީފް ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބްގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖެއްސި އަޑު އިވުމުންވެސް އެއީ އާދައިގެ ވެރިކަމެއް ނޫންކަން އެނގިގެން ދިޔަ ކަމަށެވެ.

" އެއީ ރާއްޖޭގެ އެތައް ބަޔަކު ތުހުމަތުކުރާ ޓެރަރިސްޓުން ރެކްރޫޓްކުރާ ޖަމާއަތެއްގެ ލީޑަރެއް ކަމަށް ބަޔަކު ބުނަމުންދާ މީހެއް ރަނިން މޭޓެއްގެ ގޮތުގައި ނަން ދެވިގެން ދިޔައީމާ ބަހެއް ދިވެހިހން ހިތަށް ކުއްލި ސިހުމެއް ލިބުނު. " ސަނީފް ވިދާޅުވި އެވެ.

ސަނީފްއަށް ރައްދު ދެއްވައި ޑރ. ޝަހީމް އޭނާގެ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއާ ބެހޭގޮތުން ސަނީފް އެފަދަ ގޮތަކަށް ވާހަކަދެއްކެވީ އޭނާގެ ޝަހުސިއްޔަތު ކަތިލުމަށްޓަކައި ކަމަށެވެ.

އަދި އެއީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި، އިސްލާމްދީނާއި މުސްލިމު އުންމަތަށް ހިދުމަތްކުރުމަށް ޝަހީމް ޢަދާކުރަމުންދާ މަސްއޫލިތުގައި ގެއްލުންދިނުމަށް ގަސްތުގައި ދެއްކި ވާހަކައެއްކަމުގައި މާނަކުރައްވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"މިހާތަނަށް ދިވެހިރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިފަދަ ކަމެއްގައި އަޅުގަނޑަށް ތުހުމަތުކޮށްފައިނުވެއެވެ. އަދި އަޅުގަނޑަކީ ފެށުނީއްސުރެ ދީނީ ހަރުކަށި އަމަލުތަކާ ދެކޮޅަށް ރާއްޖޭގައްޔާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ވަކާލާތުކުރަމުން ދާ މީހެކެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް އިސްލާމްދީނުގެ މެދުމިނުގެ ހަމަތައް ނަގަހައްޓަން ގިނަ މަސައްކަތްތަކެއްކޮށްފައިވާނެއެވެ. މިކަމުގައި ދިވެހި ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގުވާމީ މުއައްސަސާތައް ހެކިވާނެއެވެ." ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސަނީފް ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އަދި އޭނާގެ ވާހަކަތަކަކީ ޝަހީމްގެ ޝަހުސިއްޔަތު ކަތިލުމަށް ކުރިއަށް ރޭވިފައި ހުރި އެތައްކަމެއްގެ ފެށުންކަމުގައިވެސް ވެދާނެކަމަށެެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަކީ ޒިއްމާދާރުބަޔަކަށް ވާންވާނެ ކަމަށާއި އަދި މީހުންގެ ޝަހުސިއްޔަތު ކަތިލަން ދޮގު ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ ކަރާމަތާ ގުޅޭ ކަމެއްނޫން ކަމަށެވެ.

"ހައްގުތައް ހޯދައިދީ ޢަދުލުވެރިކަން ނަގަހައްޓަން އައި ބަޔަކު އެހެން ގޮތަކަށް ޢަމަލުކޮށް ބައެއްގެ އަބުރާއި އިންސާނީ ކަރާމަތާއި ހައްގުތައް ނަގާލައި ދުނިޔޭގައި އުޅެންވެސް އުނދަގޫ ކުރުމަކީ ދެރަވަރު ކަމެކެވެ." ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް