ޕީޕީއެމްއިން ދިޔަ މީހުންނަށް ޔާމީން: "ފެން އޮތްތަނަކަށް މަސް ދުވާނެ"

ރައީސް ޔާމީން ނޫސްވެރިންނަށް މިއަދު މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އިސް ބޭފުޅުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ދިޔުމުން އެކަމަށް ފާޑު ވިދާޅުވެ، "ފެން އޮތްތަނަކަށް މަސް ދުވާނެ ކަމަށް" ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެެ.

މިދިޔަ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދާއި އެ ސަރުކާރުގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އަދި ޕީޕީއެމްގެ ކުރީގެ މަޖިލިސް މެމްބަރުންތަކެއް ދާދި ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ޕީޕީއެމުން އަތޮޅުތަކަށް ފެއްޓެވި ކެމްޕެއިނު ދަތުރުގެ ކުރިން އިއްޒުއްދީން ފާލަން ކައިރީ ހުންނަވައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީއިން ބަޔަކު ދިޔުމުން ހިތާމަ ކުރާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ޕީޕީއެމަށް އަސަރުކުރާ ވަރަށްވުރެ ޕާޓީ ވަރުގަދަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ފެން އޮންނަތަނަކަށް މަސް ދުވާނެ ދެއްތޯ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އާންމު މެމްބަރުންނާއި ޕާޓީގެ ލީޑާޝިޕްގެ އަދަދަށް ބަލާނަމަ، އެބޭފުޅުންނަށް [ޕާޓީން ވަކިވި އިސްމީހުންނަށް] ވަކި ދޫކުރާނެވަރުގެ ބޭފުޅުންނެއް ނޫން އަޅުގަނޑުމެންގެ ޕާޓީގައި މިތިބީ. ދެރަވޭ އެހާ ހިދުމަތް ކުރެއްވި ބޭފުޅުންކޮޅެއް ވަކިވީމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ އިސް ސަފުގައި ތިބި ބައެއް މީހުން އެ ޕާޓީން ވަކިވީ ޕާޓީއާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި، ޕީޕީއެމްގެ މީޖީ ލީޑަރުކަން ކުރެއްވި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.

އެހުރިހާ ބޭފުޅުންނަކީވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ އަރިސްކޮށް އުޅުއްވި ބޭފުޅުންނެވެ. ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ "ސިޔާސީ ކުރިމަގު އޮތީ ޖުމްހޫރީއާ ގާސިމް އިބްރާހިމާއި އެކު" ކަމަށް ބުނަމުންނެވެ.

https://sun.mv/123479

comment ކޮމެންޓް