ރިލްވާންގެ މަރުގެ ރިޕޯޓް ނީލަމަށް ލާން ހެޔޮވާނެތަ؟

ރައީސް ސޯލިހު އެކުލަވާލެއްވި މަރުގެ މައްްސަލަތައް ބަލާ ކޮމިޝަންގެ ބޭފުޅުން ޕްރެސްއަކަށް ފަހު ސައްލާއެއްގައި: އެ ރިޕޯޓް އާންމު ކުރުމާ މެދު ކަންބޮޑުވުންތަކާއި ބަހުސް ބޮޑު -- ސަން ފައިލް ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް އެމަނިފާނު އެކުލަވާލެއްވި "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މީހުންގެ މަރުތައް ތަހުގީގު" ކުރާ ރިޔާސީ ކޮމިޝަނުން މި ވަނީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާނަށްވީ ގޮތުގެ މައުލޫމާތުތަކެއް ތިލަކޮށް ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެ ރިޕޯޓްގައި ރިލްވާން ރަހީނުކޮށް މަރާލީކަން ހެކިންގެ ހެކިބަހުން ސާފުވާކަން ކޮމިޝަނުން އާންމުކޮށް އިއުލާން ކުރި އެވެ. އަދި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއުދު ވަނީ އެ ރިޕޯޓް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އަރުވައިފަ އެވެ. އެއާ އެކު، މަޖިލިސް ރައީސް، ރައީސް ނަޝީދު ވަނީ އެ ރިޕޯޓްގެ ކޮޕީ ހައްދަވައި މަޖިލީހުގައި ހިމެނޭ ޕީޖީ ގްރޫޕްގެ ހުރިހާ ލީޑަރުންނަށް އަދި މަޖިލީހުގެ މެންބަރުންނަށް ވެސް އެ ރިޕޯޓް ބައްސަވައިފަ އެވެ.

އަދި ވެސް ތަހުގީގު މުޅިން ނުނިމޭ އެ މައްސަލާގައި ހިމެނޭ މުހިންމު ހެކިންތަކެއްގެ މައުލޫމާތު އާންމު ވެދާނެ ކަމުގެ ބިރުހީވެ، ޕީޖީ ލީޑަރުންގެ އަތަށް ދިން ރިޕޯޓް ވަނީ އަނބުރާ އަތުލައިފާ ކަމަށް އަޑުފެތުރެ އެވެ. އަދި އެއަށް ފަހު އެ ރިޕޯޓްގެ ހުލާސާއެއް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށް ފެންނާނެހެން ބެހެއްޓި އެވެ. އެއާ އެކު ދެން އުފެދުނު ބަހުސަކީ، މިހާ ހައްސާސީ މައްސަލައެއްގެ "ސިއްރު" ރިޕޯޓެއް މަޖިލީހުގެ ޕީޖީ ލީޑަރުންނާ ހިއްސާކުރުމުން ކޮމިޝަންގެ ތަހުގީގުގައި ބާކީ އޮތް ބަޔަށް ހުރަސް އެޅިދާނެ ހެއްޔެވެ؟ ސިއްރު ހެކިންތަކެއް އާންމުވެ، މުޅި ކޮމިޝަނުން ކުރި މަސައްކަތް ފެނަށް ދިޔައީ ހެއްޔެވެ؟

މިއީ އެ ރިޕޯޓްގައި ބަހުސްގެ މަރުހަލާގައި ވެސް މެންބަރުން އުފެއްދެވި ސުވާލެކެވެ؛

"ރިލުވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަން ޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފަިއި ވަނިކޮށް، ކަމާ ނުބެހޭ ފަރާތްތަކެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއް،" ކެންދޫ ދާއިރާގެ މެންބަރު އަދި ތަޖުރިބާކާރު ވަކީލެއް ކަމަށްވާ އަލީ ހުސެއިން އޭނާގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައްޔިތުން މަޖިލީހިގެ ރައީސް، ރައީސް ނަޝީދު ރިޕޯޓްގެ ކޮޕީ ޕީޖީ ލީޑަރުންނާ ވަނީ ހިއްސާކުރައްވާފައި -- ފޮޓޯ/ މަޖިލިސް

ހަގީގަތުގައި ވެސް އަލީ ހުސެއިންގެ އެ ފެންމަތި ކުރެއްވީ އެހެން ނޫނަސް އެތައް ބައެއްގެ ވެސް ކަންބޮޑުވުމެކެވެ. ރިލްވާންގެ މަރާ ގުޅޭ ގޮތުން ކޮމިޝަންގެ ހޯދުންތައް އާންމު ކުރުމަށް ބޭއްވި ޕްރެސްގައި ސުއޫދު ވެސް ވިދާޅުވީ ރިލްވާން މަރާލި ކަމަށް ސާބިތު ކުރީ ތިން ސިއްރު ހެކިވެރިއެއްގެ ބަހުން ކަމަށެވެ. އަދި، އެތިން ހެކިވެރިންގެ ބަހުގައި ވެސް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރުމުން ޖިނާއީ މިންގަނޑުން ކޯޓެއްގައި އެކަން ސާބިތު ކުރަން އަދި ހުރަސް ހުރި ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެ ވާހަކަތަކުން މާނަ ނެގެނީ އެ މަރުގެ ތަހުގީގު އަދި ނިމެން ވެސް ގާތް ނުވާ ކަމެވެ.

އެހެން ނަމަވެސް، އިތުބާރު ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޕީޖީ ގްރޫޕްގެ ލީޑަރުންނަށް ނަޝީދު ބެެއްސެވި ރިޕޯޓްގައި ހުރި މައުލޫމާތުތައް ރަނގަޅަށް ގުޅުވާލަން އެނގިއްޖެ ނަމަ ސިއްރު ހެކިވެރިންނަކީ ކޮބައިކަން ހާމަވާނެ އެވެ. ހާއްސަކޮށް އެ މައްސަލާގައި ތުހުމަތުވެގެން ރިޕޯޓްގައި ނަން ޖަހާފައިވާ "ނުރައްކާތެރި" ފަރާތެއްގެ އަތަށް އެ ރިޕޯޓް އަރައިފި ނަމަ، ސިއްރު ހެކިވެރިންނަކީ ކޮން ބައެއްކަން ދެނެގަންނަން އުނދަގުލެއް ނުވާނެ އެވެ. ދައުވާ ކުރެވުނަސް، އެ ގަތުލުގެ ކަންކަން ސާބިތު ކުރެވެން އޮތީ ސިއްރު ހެކިން ދޭ ހެކިބަހެއްގެ މައްޗަށް ބިނާކޮށްފަ އެވެ. އެކަމަކު، މިހާވަރަށް ކަންކަން ތިލަވެއްޖެ ނަމަ، ނުރައްކާތެރި ދެ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ، އަލްގައިދާ އާއި އައިއެސްއާ ގުޅިފައިވާ ބަޔަކު ހިންގާފައިވާ މި ބޮޑު ލާއިންސާނީ ޖަރީމާގެ ވާހަކަތައް އެކަކަށް ވެސް ކިޔައިދޭން ކެރޭނެ ހެއްޔެވެ؟

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މީޑިއާޔަށް ވިދާޅުވެފައިވާ ގޮތުގައި، އެ ރިޕޯޓްގައި މުޅިންހެން ވެސް އޮތީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު ހިންގާފައިވާ ބިރުވެރި ކަންތައްތަކެއްގެ ވާހަކަ އެވެ. އެ ރިޕޯޓް ނުކުތުމާއި އެ ރިޕޯޓަށް މައުލޫމާތު ދިނީ ކޮން ބައެއްކަން އެ މީހުން ހޯދަން މަސައްކަތް ކުރާނެ އެވެ. އެ ހިސާބުން އެ މައުލޫމާތު ދިން ބަޔަކަށް އެ ކުރިމަތިވަނީ، ބޮޑު ނުރައްކަލެކެވެ. ފާއިޒް ދެކެވަޑައިގަންނަވާ ގޮތުގައި އެހެންވީމާ އެ ރިޕޯޓް އެގޮތަށް އާންމު ކުރުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ، މައްސަލައިގެ މުހިންމު ހެކިންތަކެއް ގެއްލިދާނެތީ އެވެ.

ރިޟްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓު މަޖިލިސް ރައީސް ނަޝީދަށް އެރުވުން --- ފޮޓޯ: މަޖިލިސް

އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ރައްޔިތުން މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވަނީ އެ ރިޕޯޓް މަޖިލިސް މެންބަރުންނާ ހިއްސާކުރުމާ ގުޅޭ ގޮތުން ކޮމިޝަންގެ ރައީސް ސުއޫދު އަރިހުން ކުރިން އެއްސެވި ކަމަށާއި ހާމަކުރިޔަސް މައްސަލައެއް ނެތް ކަމަށް ސުއޫދު ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް ސުއޫދު ވިދާޅުވި ސަބަބެއް ކަމަށް ރައިސް ނަޝީދު ވިދާޅުވީ ފުލުހުންގެ އިދާރާ އާއި ކޯޓްތައް މެދުވެރިކޮށް އެ މަރަށް އިންސާފު ހޯދައިނުދެވޭނެ ކަމަށް ސުއޫދު ގަބޫލު ކުރެއްވުމެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ސުއޫދު ރިޕޯޓް ދެއްވީ ސިއްރު ކުރަންވާ ބައި ސިއްރު ކޮށްފަ އެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ މިހާރު މި އޮތް މިންވަރުން ދެން މި ރިޕޯޓް ސިއްރުކޮށްފައި ބާއްވަން ޖެހޭ ހެންއެއް. އަޅުގަނޑުމެންނަށް އެ ރިޕޯޓް ސިއްރުކޮށްފައި މިހާރު ވެސް ބޭއްވިއްޖެ،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޕީޖީ ލީޑަރުން ރިޕޯޓްގެ ސިއްރު ހިފަހައްޓަވާނެ އެވެ. އެކަަމަކު ސުވާލަކީ ޕީޖީ ލީޑަރުންނަށް ކިހާ ވަރަކަށް ސިއްރު ހިފެހެއްޓޭ ހެއްޔެވެ؟ މާޒީގައި ތަޖުރިބާގައި އެކަން އޮތީ އެހެން ހެއްޔެވެ؟

ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންގެ ނަޒަރުގައި ވެސް، ރިޕޯޓް ސިއްރުކޮށްފައި ބޭއްވުން ބުއްދިވެރިއެއް ނޫނެވެ. ސަބަބަކަށް ވަނީ ކަންކަން ސިއްރުކޮށްގެން މިވީހާ ދުވަހު ތިބެވިއްޖެ އެވެ. އޭގެ ނަތީޖާއަކަށް ވީ ރިލްވާންގެ އާއިލާއަށް އިންސާފު ނުލިބުމެވެ. އިންސާފު ލިބުމަށް އޮތް އެ މީހުންގެ އުންމީދު ގެއްލުމެވެ.

ރިލްވާންގެ މަންމަ އާއި ދައްތަ އޭނާއަށް އިންސާފު ހޯދުމަށް ގޮވާލާ ހިނގާލުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ރިޕޯޓް އާންމު ކުރުމާ އެކު، އެ އުންމީދު އަލުން ލިބިފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ.

"ދެން ވެސް އަޅުގަނޑުމެން ފުންނާބު އުސްކަމުން ހެއްކަށް ނުފޫޒު ފޯރުވިދާނޭ އަނެއްކެއްޗެކޭ ކިޔައިގެން އަޅުގަނޑުމެން މި ވާހަކަ ނުދައްކާ ދެން ވެސް ތިބެން ވީތޯ؟،" އުނގޫފާރު ދާއިރާގެ މެމްބަރު މުހަމަދު ވަހީދު ސުވާލު އުފެއްދެވި އެވެ.

ރިޕޯޓް ވީހާވެސް ބޮޑަށް ހާމަކުރަން އެއްބަޔަކު ބާރު އަޅާއިރު، އެ މައްސަލައަށް އިންސާފު ލިބެން އޮތް ހަމައެކަނި މަގަކީ، ތުހުމަތުވާ މީހުންނަށް އަދަބު ދިނުމެވެ. އެކަން ކުރެވެން އޮތީ ޝަރުއީ ދާއިރާގެ ތެރެއިން އެވެ. އެކަމަކު ހެކިންގެ މައުލޫމާތު ހާމަވެ، ހެކިންތަކެއް ދައުލަތަށް ބީވެއްޖެ ނަމަ، އެކަން ކުރެވޭނެ މަގު ދެން އެ ބަންދުވީ އެވެ.

އެހެން ނަމަވެސް، ކޮމިޝަނުން ބުނަނީ ރިޕޯޓް އާންމު ކުރުމުގެ ކުރިން ބައެއް ފިޔަވަޅު އެޅި ކަމަށެވެ. އެގޮތުން ތުހުމަތުވާ މީހުން ފިލައިގެން ނުދެވޭ ގޮތަށް ޖުމްލަ 15 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ސުވާލަކީ ޝަރީއަތަކީ ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ކުރާ ކަމަކަށްވާ އިރު، ޕާސްޕޯޓް ހިފެހެއްްޓުމުން އިންސާފު ގާއިމު ކުރެވިދާނެތޯ ހެއްޔެވެ؟

ދެން އަދި ކުރިމަތިވާ އެހެން ސުވާލެއް ވެސް އެބަ އޮތެވެ. ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަރުވައި، އެ ރިޕޯޓް ބަހައި އެކަން ނިމުނު އިރު، ކޮމިޝަނުން ރައީސް ސޯލިހުއަށް ރިޕޯޓް އެރުވި ކަމަށް އަދި ހާމައެއް ނުކުރެ އެވެ. އާންމު އުސޫލުގައި، ރައީސް އުފައްދަވާ ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓް އެންމެ ފުރަތަމަ އަރުވަން ވާނީ ރައީސަށް ނޫންތޯ އެވެ؟ މަރު ކޮމިޝަނުން އެކަން އެ މަގުން ނުކުރުމުގެ ނިޔަތާ ދޭތެރޭ ސުވާލު އުފެދެ އެވެ.

ރިލްވާން ގެއްލުނު މައްސަލައާ ގުޅޭ ގޮތުން، އޭނާ ގެއްލުނުތާ 603 ދުވަސްފަހުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު، އަދި މައްސަލައާ ގުޅޭ ބައެއް ވީޑިއޯ ނޫސްވެރިންނަށް ދައްކާލަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ރިޕޯޓްގައި ދީނީ ހަރުކަށި ބައެއްގެ މައްޗަށާއި ފުލުހުންގެ އިހުމާލުތައް ވަރަށް ސާފުކޮށް ލިޔެފައިވާ އިރު އެ ރިޕޯޓް ކުއްލިއަކަށް އާންމުވުމުން މުޖުތަމައުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބުނެ ކަންބޮޑުވާ ބަޔަކު ވެސް އެބަ ތިއްބެވެ. ރިޕޯޓުން ވެސް ސާފުކޮށްދޭ މަންޒަރަކީ ހަރުކަށި ފިކުރުތަކުގެ މީހުންނަކީ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ބައެއް ކަމެވެ. ކަން އެހެން އޮތް އިރު ރަނގަޅަށް ފިޔަވަޅުތައް ނޭޅި ވަނިކޮށް ރިޕޯޓް ކަމާ ނުބެހޭ ބައެއްގެ އަތް މައްޗަށް އަރައި ކަންކަން އިތުރަށް ގޯސްވެސް ވެދާނެ ކަމުގެ ބިރުވެސް އެބަ އޮތެވެ.

މި ރިޕޯޓް އާންމުވުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓަސް އަނެއް ބަޔަކު ބޭނުން ވަނީ އެ މައްސަލައިގެ ރިޕޯޓް އިތުރަށް ހާމަކޮށް މުޅި މައްސަލައިގެ ބިތުފަންގި ނަގާށެވެ. އެކަމަކު، ހައްސާސީ މައްސަލައެއްގައި ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ހާމަވެއްޖެ ނަމަ އިންސާފު ލިބިދާނެ ހެއްޔެވެ؟ ރިލްވާންގެ އާއިލާއަށް ވެސް އެންމެ މުހިންމީ އިންސާފެވެ. އެހެންވާ އިރު އެކަން ހާސިލް ކުރެވޭނީ ތަރުތީބުން ފިޔަވަޅުތަކެއް އަޅައިގެން އެވެ.

comment ކޮމެންޓް