ބިސްމިﷲ ތަޙްޤީޤް ފެށުނީ!

ރިލްވާން، އަފްރާޝީމް އަދި ޔާމީން: ތިން މީހުންގެ މަރާވެސް ގުޅެނީ، ހަރުކަށީ ފިކުރު ޖަމާއަތާ --

ގެއްލުނުތާ ފަސް އަހަރު ވެއްޖެ އެވެ. ޚަބަރެއް ނުވެ އެވެ. ޢާއިލާގެ މީހުންނާއި ރައްޓެހިންނާއި ހެޔޮއެދޭ މީހުން ވަނީ މާޔޫސް ވެފަ އެވެ. އަނިޔާވެރި ގޮތަކަށް މަރާ ލެވުނުތާ އެތައް އަހަރެއް ވެއްޖެ އެވެ. މަރާލެވުނީ ކީއްވެތޯ، ކާކު ބުނެގެންތޯ، ކޮން މަޤްޞަދެއްގައިތޯ ސާފު ނުވެ އެވެ. ރަސްމީ ތަޙްޤީޤީ އިދާރާތަކުން އޮތީ ހިމޭނުން ތިބޭ މޯޑުގަ އެވެ.

ވެރިކަން ބަދަލުވުމާ އެކު އެންމެ ފުރަތަމަ އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ގޮތް ނޭގޭ މަރުގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް އުފެއްދި އެވެ. އެ ކޮމިޝަނަށް ޤާނޫނުން ލިބެން ޖެހޭ ބާރުތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން، ކުރީ ކޮޅުގައި އެ ކޮމިޝަނުން ބޭނުންވި ހަލުއި މިނުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވި ކަން ފާހަގަ ކުރި އެވެ. ފަހުން އެ ކޮމިޝަނަށް ޤާނޫނީ ބާރުތައް ލިބުނެވެ.

ނުވަ މަސް ފުރުވައި، ކޮމިޝަނާ ހަވާލު ކުރެވުނު ހަތާވީސް މައްސަލައިގެ ތެރެއިން ހަތަރު މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއް ތަޙްޤީޤްކޮށް ނިންމާފައި ފޮނުވަން ޖެހޭ ހިސާބަކަށް ފޮނުވެވޭ ވަރު ކޮށްދެއްވާފައިވާ ކަމުގައިވެ އެވެ. ކޮމިޝަނާ ހަވާލު ކުރެވުނު މައްސަލަތައް ތަޙްޤީޤް ކުރުމަށް ނެގި މުއްދަތައް ބަލާ އިރު، ތަޙްޤީޤީ އިދާރާތަކަށް ވަނީ ކޮމިޝަނުން ނެގި މުއްދަތުގެ ހަ ގުނަ އިތުރަށް މުއްދަތު ލިބިފަ އެވެ. ރަސްމީ ތަޙްްޤީޤީ އިދާރާތަކަކީ އެ ފަންނުގައި ކިޔަވައިގެން ތިބި މީހުން މަސައްކަތްކުރާ ތަންތަނެވެ. މަސައްކަތުގެ ތަޖުރިބާ ހުރި މީހުން ތިބި ތަންތަނެވެ. ވަސީލަތްތައް ލިބެން ހުރި ތަންތަނެވެ. އަދި ބޭރުންނާއި އެތެރެ އިން މަސައްކަތަށް ބޭނުންވާ އެހީ، އިމެއްނެތި ލިބެން ހުރި ތަންތަނެވެ. ސުވާލަކީ ރިޔާސީ ކޮމިޝަނުން ނުވަ މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތައް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަޙްޤީޤީ އިދާރާތަކަށް ނުކުރެވުނީ ކީއްވެ ހެއްޔެވެ. ސަބަބު އެގެން ބޭނުންވެ އެވެ. ބަލަން ބޭނުންވެ އެވެ. ހޯދަން ބޭނުންވެ އެވެ.

ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ހޯދުންތަކުން ވަރަށް ގިނަ ކޮޅުތައް ދައްކައިފި އެވެ. އެ ކޮޅުތައް ބޯމަތިންދާ ވިލާގަނޑެއްހެން ދޫކޮށްލެވޭ ކަށް ނެތެވެ. ކޮމިޝަނުން ދެއްކި ކޮންމެ ކޮޅަކުން، ކަމާ ބެހޭ ފަރާތުން ތަޙްޤީޤެއް ފަށަން ޖެހެ އެވެ. ރާއްޖޭގައި ހިންގި މީހުން މެރުމުގެ އަނިޔާވެރި އަމަލުތަކުގެ ޙަޤީޤަތް ހޯދާށެވެ.

ގޮތްނޭނގޭ މަރުތައް ތަޙްޤީޤް ކުރާ ރިޔާސީ ކޮމިޝަނުން ދެއްކި "ފުލުން ގޮސްފައި ހުރިތަންތަން" ބައްދަން ބައެއް ފަރާތްތަކުން ބަޔާން ވެސް ނެރެފާނެ އެވެ. އެ ބަޔާން އަޅުގަނޑުމެން ކިޔާނަމެވެ. ބަސްދީގަތުން ވެސް ދީފާނެ އެވެ. އަޅުގަނޑުމެން އެ ބަސްދީގަތުންތައް ވެސް ބަލާނަމެވެ. ކަންތައް ނުކުރެވުނު ގޮތުގެ ތަޤްރީރެއް ވެސް ދީފާނެ އެވެ. އަޅުގަނޑުމެން އެ ތަޤްރީރު އަޑުއަހާނަމެވެ. އެކަމަކު މިއިން އެއްވެސް ފަރާތަކުން މިކަމާ ބެހޭ ގޮތުން ދައްކާ ވާހަކަ، މިހާރު އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ ކަށް ނެތެވެ. ރިޔާސީ ކޮމިޝަނުން ކޮށި ރާސްތާ ފެނުމުންނެވެ.

ރާއްޖޭގެ އެއިރުގެ އެއްވަނަ ރައްޔިތު ތަޙްޤީޤްގެ މަގު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ރިޔާސީ ކޮމިޝަނުގެ ހޯދުންތަކުން އެގުނު ކަމުގައިވެ އެވެ. ކީއްވެތޯ އެވެ. ކޮން ފައިދާ އެއް އޮވެގެންތޯ އެވެ. ސިޔާސީ ނުފޯޒެއް ހޯދަންތޯ އެވެ. ހަރުކަށި ވިސްނުން ގެންގުޅޭ ބައެއްގެ ސިޔާސީ އެހީތެރިކަމެއް ހޯދަން ވެގެންތޯ އެވެ؟ އިތުރު ތަޙްޤީޤަކުން އަޅުގަނޑުމެންނަށް އެގެން ބޭނުންވެ އެވެ. ހަމަ އެގޮތަށް ރާއްޖޭގެ އެއިރުގެ ދެވަނަ ރައްޔިތު ނުފުރާ މީހަކު ފުރިކަމަށް ހައްދަވަން ޤާނޫނާ ޚިލާފް ކަންތައްތަކެއް ކުރައްވަން އުޅުއްވީ ކީއްވެތޯ އެވެ. ކޮން ގުޅުމެއް އޮވެގެންތޯ އެވެ. އިސްލާމީ ހަރުކަށި ވިސްނުން ގެންގުޅޭ މީހުންނާއި އެ އިރު ވެރިކަމުގައި ތިބި އިސް މީހުންނާ އެނގިގެން ވެސް ނުވަތަ ނޭނގި ނަމަވެސް ގުޅުމެއް އޮވެދާނެ ބާވަ އެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އަނިޔާވެރިކޮށް މަރާލެވުނު މީހުންގެ ފަހަތުގައި ތިބީ އިސްލާމީ ހަރުކަށި ފިކުރުގެ މީހުން ކަމަށް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކުރިން ވެސް ޤަބޫލުކުރެ އެވެ. އެއްވެސް ހެއްކެއް ނެތި ބައެއްގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވުމުން ނުކުމެދާނެ ޤާނޫނީ މައްސަލަތަކާ ހުރެ ހިމޭނުން ތިބީ އެވެ. އެހެންނަމަވެސް އިސްލާމީ ހަރުކަށި ވިސްނުން ފެތުރުމަށް މިހާރު އެނގިފައި މިވާ މިންވަރަށް، ކަންތައް ރޭވިފައި އޮންނާނެ ކަމަށް ކުޑަކޮށް ވެސް ހީ ނުކުރެވެ އެވެ. ސަރުކާރުގެ ބައެއް މުހިއްމު މަޤާމުތަކުގެ ނިވަލުގައި ތިބެގެން ބައެއް މީހުން އިސްލާމީ ހަރުކަށި ފިކުރު ފަތުރަން މަގު ފަހި ކޮށްދޭ ކަން ވެސް އަޅުގަނޑުމެންނަށް އެގެނ އެވެ. މައްސަލަ އަކަށް ވެފައި އޮތީ އެއްޗެއް ލިޔާ އިރު ހެއްކާ އެކީގައި ކަށަވަރު ކޮށްދިނުމެވެ. ބޭނުންވާ ވަރަަށް ސާބިތު ހެކި ހޯދަން އެ އިރު އުނދަގޫ ވުމެވެ. އިސްލާމީ ހަރުކަށި ވިސްނުން ރާއްޖޭގައި އަށަގަންނަން ފެށި ގޮތާ ބެހޭ ގޮތުން ދީން ކިޔަވައިގެން ތިބި ފަތުވާ ދޭ ބައެއް މީހުން އަޅުގަނޑުމެން ނަށް ކިޔައި ދޭކަށް ނުޖެހެ އެވެ. އެއީ ދުނިޔެވީ ކަމަކަށް ވުމާ އެކު ހަރުކަށި ކަން އަންނަން ފެށި ގޮތް އަޅުގަނޑުމެންނަށް ރަނގަޅަށް އެނގެ އެވެ. މި ކަމުގައި މިހާރުގެ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުން ރާވާ އުނގަންނައިދޭ ތަފާތު ޕުރޮގްރާމްތަކުން ދީނީ ހަރުކަށި ޚިޔާލު ފަތުރާ މީހުންނަށް ފުރުޞަތު ދިނުން ހަނި ކުރެވޭނެ ގޮތެއް ހޯދުމެވެ. މިސާލަކަށް ދަންނަވާ ނަމަ ތަފާތު ގޮތް ގޮތަށް ސަރުކާރުން ބާއްވާ ދީނީ ހައިބަތު ހުރި ޕުރޮގްރާމްތަކުގައި ރައްޔިތުންނާ މުޚާޘަބު ކުރުމަށް ދެވޭ ފުރުޞަތު ހަނި ކުރުމެވެ.

ރިޔާސީ ކޮމިޝަނުން ކުރި މަސައްކަތަށް ދިވެހި ރައްޔިތުން ސާބަސް ދޭން ޖެހެ އެވެ. އެ ކޮމިޝަނުގެ މެމްބަރުންގެ ބިރު ކުޑަ ކަމާއި ހިތްވަރަށް އަޅުގަނޑުމެން އިޙްތިރާމް ކުރަން ޖެހެ އެވެ. އެ ބޭފުޅުންގެ ނިންމެވުން ތައް ޢާއްމު ކުރައްވާފައި ވަނީ، އެ ބޭފުޅުންނަށް ކުރިމަތިވެދާނެ ނުރައްކާތައް ވެސް އެނގިވަޑައިގެން ތިއްބަވަ އެވެ. ނުލިބި، ލަސްވެފައި، ނުހޯދި އޮތް އިންޞާފު ހޯއްދަވާ ދެއްވުމުގެ ޢަޒުމު ގަ އެވެ. ރިޔާސީ ކޮމިޝަނުން ބިރު ކުޑަކަމާ އެކު އެ ކޮމިޝަނުގެ މެމްބަރުން ޖާނުގެ ނުރައްކަލާ ކުރިމަތި ލައްވައިގެން އެ ކުރެއްވި މަސައްކަތުން، މުސްތަޤިއްލު މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުން ޢިބްރަތެއް ލިބިގަންނަން ޖެހެ އެވެ. އެ ތަންތަނުން ނިންމާ ބައެއް ނިންމުންތަކާ މެދު ބައެއް ބާރު ގަދަ ފަރާތްތަކުގެ ހިތްހަމަނުޖެހުމެއް އޮތް ކަމުގައި ވިޔަސް، އެންމެ ބޮޑު ވަރަކަށް ލިބޭނެ އަދަބަކީ ވަޒީފާ ގެއްލުމެވެ. މާލީ ނުރައްކަލެކެވެ. ޖާނީ ނުރައްކަލެއް ނޫނެވެ. ކޮމިޝަނުން ބެލި މަރުތަކަށް ބަލާ އިރު، މީހުން މަރާލެވިފައި ވަނީ ވަރަށް ބޮޑަށް ރޭވިގެން ނެވެ. ބައިނުލްއަޤްވާމީ އަނިޔާވެރި ޖަމާޢަތެއްގެ ޖިނާއީ ވިސްނުން ބޭނުން ކޮށްގެންނެވެ.

ރިޔާސީ ކޮމިޝަނުގެ މެމްބަރުން ދިވެހި ރައްޔިތުން ނަށް އިންޞާފް ހޯއްދަވައި ދެއްވުމަށް އެ ވެ ވަޑައިގެންނެވި ޤުރުބާނީގެ ބަދަލު އެބޭފުޅުން ނަށް އަޅުގަނޑުމެން ދޭން ޖެހެ އެވެ. އެ ބޭފުޅުންނަށް އުމުރު ދުވަހަށް ސިފައިން ނުވަތަ ފުލުހުންގެ ޙިމާޔަތް ދޭން ޖެހެ އެވެ. ދުޝްމަނުން ނަށް ކަމެއް ނުކުރެވިދާނެ ކަމަށް ހީ ނުކުރާށެވެ. ކުށްހީ އަކަށް ވެދާނެ އެވެ.

comment ކޮމެންޓް