ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހާއެކު ނިޒާމު ހަރުދަނާވާނެ: ފައްޔާޒު

ބީލަންވެރިންގެ މަހާސިންތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހާއެކު ޓެކުހުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފަައިވާ އިސްލާހުތައް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ބަދަލުތަކާއެކު މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. މިއަދު ފާސްކުރި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާއެކު، 30 ދުވަހުގެ ތެރޭގައި މިހާރު ކޮމިޝަނާ ޖެނނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭނެއެވެ.

މިހާރު ގާނޫނު އެކުލަވާލާފައި އޮތް ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންއަށް ބޯޑުގައި ނަގާ ވޯޓުތަކުގައި ބައިވެރިވެ އެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން ވަކިކުރެވޭނެ އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މިހާރު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޓެކުހުގެ ގާނޫނަށް ގެނައި ބަދަލާއެކު ވިޔަފާރިތަކަށްވެސް ލުއިވާނެ ކަމަށެވެ.

ވިޔަފާރިތަކަށް ލުއިވާނެހެން ޓެކުހުގެ ގާނޫނަށް ގެނައި އެއް އިސްލާހަކީ ޓެކްސްގެ މައްސަލައެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށް ފަހު އިސްތިއުނާފު ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ދައްކަން ޖެހޭ ފައިސާގެ 30 ޕަސެންޓް ދެއްކުމުން އިސްތިއުނާފު ކުރެވޭ ގޮތަށް ގެނައި ބަދަލެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނަށް ގެނައި ބަދަލާއެކު ހަރުދަނާ ޓެކުހުގެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

comment ކޮމެންޓް