ސާކް ސަމިޓުގެ ޕުރޮމޯޝަންގައި ޖީސަސް ކްރައިސްޓްގެ ފޮޓޯ!

ސަތާރަ ވަނަ ސާކް ސަމިޓު ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ޕޯސްޓަރުގައި އީސާއީ ދީން ނޫނީ ކުރިސްޓިއަން ދީން ރަމުޒުގެ ގޮތުގައި ބޭނުން ކުރާ، އީސާގެ ފާނުގެ ސޫރަ ހިމެނޭ ބެނާތަކެއް އެއާޕޯޓްގެ އެކި ތަންތަނުގައި ހަރުކުރަން ފަށައިފި އެވެ.

އައްޑޫގައި މި މަހުގެ 10ން 11 އަށް ބާއްވާ ސާކް ސަމިޓް ޕްރޮމޯޓު ކުރުމަށް، ޖީއެމްއާރު- އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ހިސާބުގައި ހަރުކޮށްފައިވާ މީޑިއަމް ސައިޒުގެ ބައެއް ޕޯސްޓަރުތަކުގައި ވެސް ވަކިން އީސާގެ ފާނުގެ ސޫރައެއް ފެންނަ ގޮތަށް ބެނާތައް ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ސަންއަށް ގުޅާ މިއަދު ޝަކުވާ ކުރި އެވެ. އޭގެ ފޮޓޯ ވެސް ސަން އަށް ވަނީ ލިބިފަ އެވެ.

"ބިލްޑިން ބުރިޖަސް" ތީމަކަށް ބަލައިގެން ފަރުމާކޮށްފައިވާ އެ ވިޝުއަލް އާޓް ކުރެހީ މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ]އެމްއެމްޕީއާރްސީ[ގެ ޑިޒައިނިން ކޮންސަލްޓެންޓް މޫއިންކު ޕްރައިވެޓް ލިމިޓެޑުންނެވެ.
ދިވެހި އެ ކުންފުނީގެ ކުރިއޭޓިވް ޑައިރެކްޓާ އަލީ ސައީދު މިއަދު ވިދާޅުވީ އެކުރެހުން ކުރަހާފައި ވަނީ ކެބިނެޓުން ފާސްކުރި، ސާކުގެ ގައުމުތަކުގެ ތައުލީމާއި ދީނާއި އަދި ޝަގާފަތް ރަމްޒްކޮށްދޭ ފަސްތީމެއްގެ މައްޗަށް ބަލައިގެން ކަމަށެވެ. އެ ކުރެހުމުގައި އީސާގެ ފާނުގެ ސޫރަ ހިމެނީ ސާކުގެ އަށް ގައުމުގައި 10 ދީން ވެސް ޕްރެކްޓިސްކުރާކަން ރަމްޒުކޮށްދިނުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.

"ކޮންމެ ތީމެއް ރެޕްރެޒެންޓް ކުރަންވެގެން އެއީ. ސާކުގެ އަށް ގައުމުން 10 ދީން ވެސް އެބަ އޮންނަކަން އަންގާލަންވެގެން އެއީ. ހަމައެކަނި ދީނެއް ނޫން އެއީ. ފަސް ތީމް އިންނާނެ. އޭގައި ހިމެނޭނެ ސާކުގެ ގައުމުތަކުގައި ބަސް މޮށޭ 1000 ބަސް. ޖެންޑާ ފަދަ ކަންކަން،" މިވަގުތު އައްޑޫގައި ހުންނެވި ސައީދު ވިދާޅުވި އެވެ.
މުޅި ތީމް ޑިވަލޮޕްކޮށް، ކުރެހުންތައް ކުރެހި އިރު ވެސް އިސްކަން ދީފައި އޮންނާނީ ސަރުކާރުގެ މަގުސަދާ އެކު ސާކުގެ މަގުސަދު ވެސް ދައްކުވައިދޭ ގޮތަށް އުފެއްދުންތައް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތީމް ޑިވަލޮޕް ކޮށްފައި މިއިނީ ސާކުގެ އޮބްޖެކްޓިވްސް އާއި ޖެނެރަލް ސެކެރެޓަރީ ނަގާފައި އިން ތީމާއި ސަރުކާރުގެ މަގުސަދާ އެއްކޮށް ގުޅުވާފައި ބިލްޑިން ބުރިޖަސް މި އިންނަނީ. ދެން އޭތީގެ ގުޅުމަށް ބަލާފައި ތީމް ޑިވަލޮޕްކުރީ ސާކުގެ އަށް ގައުމުގެ ގުޅުން ވެސް ދައްކުވައިދޭން،" އުމުރުން 18 އަހަރުގެ އީމާން ރަޝީދު ކުރެހި އެ ކުރެހުމާ ގުޅޭ ގޮތުން ސައީދު ވިދާޅުވި އެވެ. "މިކޮޅުން ވަރަށް ގިނަ ބަޔަކު އަޅައިގަނެގެން ތައުރީފް ވެސް ލިބޭ. މިކޮޅުން ފީޑްބެކް ވަރަށް ރަނގަޅަށް ހުރީ."

އެ ކުރެހުމުގައި އިސްލާމްދީން ވެސް އަދި ބައެއް އެހެންދީންތައް ވެސް ރަމްޒްކޮށްދޭ ނިޝާންތައް ބޭނުންކޮށްފައިވެ އެވެ. އެގޮތުން އިސްލާމް ރަމްޒްކޮށްދިނުމަށް ތާކިހަލެއް އަޅާފައިވާ މީހަކު ދުއާކުރަނިކޮށް ވަނީ ހިމަނާފަ އެވެ. އަދި ބުދުދީނާއި އެހެނިހެން ވެސް ސާކުގެ ގައުމުތަކުގައި ޕްރެކްޓިސް ކުރާ ދީންތަކުގެ ނިޝާންތަކުގެ އަސަރު އެ ކުރެހުމުން ފެނެ އެވެ.
ސާކުގެ ޕުރޮމޯޝަންގެ ކަންތައްތައް ވިލަރެސް ކުރައްވާ އެމްޕީއާރުސީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވީ ވަކިދީނެއްގެ މާނަ ދޭހަވާ ގޮތަށް އޭގައި އެއްޗެއް ހިމަނާފައި ނުވާނެ ކަމަށާއި މިއީ ގައުމީ ކަމެއް ކަމަށެވެ.

"ނޯންނާނެ އެފަދަ އެއްޗެއް. އަޅުގަނޑުމެން މީތި ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކުރީ،" ތޮއްޔިބު ވިދާޅުވި އެވެ.
ތޮއްޔިބު އެގޮތަށް ވިދާޅުވި އިރު އެމްޕީއާރުސީގެ އެމްޑީ އެއްގެ ގޮތުގައި ހުންނަވަނީ ކުރިން މިނިވަން ނޫޙުގައި ނޫސްވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވި ސައިމަން ހޯކިންސް އެވެ. އޭނާގެ ބެލުމުގެ ދަށުން ހެދި ޓޫރިޒަމް ލޯގޯ އާއި ޝިއާރަށް ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފަ އެވެ. އެނގިފައިވާ ގޮތުގައި ސައިމަންއަކީ ޕުރޮމޯޝަންގެ ދާއިރާ އިން ތަޖުރިބާތަކެއް ލިބިފައިވާ އަދި ޑިގުރީ ހޯލްޑަރެއް ވެސް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު