އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް: އެންސްޕާ މިއަދު ވަނީ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 70 މެމްބަރުންގެ ވޯޓާއެކު އެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.

ހާރޫން ހުށަހެޅުއްވި އިސްލާހުގައި ވަނީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާގެ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުމަށެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ 42 މާއްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" މި ލަފްޒު އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރު ކަމަށް އިސްލާހުގައިވެ އެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ހާރޫން ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.

މިއަދު އެ އިސްލާހު ރައީސް ތަސްދީގުކޮށް، މިހާރު ވަނީ ގެޒެޓު ކުރެވިފަ އެވެ. އެހެންކަމުން މިއަދުން ފެށިގެން އެންސްޕާ ބަލަހައްޓައި ހިންގާނީ ޖެންޑާ މިނިސްޓްރީ އިންނެވެ.

comment ކޮމެންޓް