ރިލްވާންގެ މަރު: އަދީބަށް ދައުވާ ކުރެވޭނެ، ޔާމީންއަށް ދައުވާ ނުކުރެވޭ

ރައީސް ޔާމީނާއި އަދީބު: ރިލްވާންގެ މައްސަލައާ އެ ދެމީހުންނާ ގުޅުމެއްވާކަމަށް ރިޔާސީ ކޮމިޝަނުން ބުނޭ --- ފޮޓޯ/ ރައީސް އޮފީސް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކުރުމަށް ފަހު، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ކުރެވޭނެ ކަމަށާއި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދައުވާ ނުކުރާނެ ކަމަށް މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައިވަނީ، އޮގަސްޓް، 7، 2014 ގައެވެ. އޭނާ ގެއްލުނުތާ ފަސް އަހަރުވީއިރު، މިއަދު ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލައާ ގުޅޭ ގޮތުން ގިނަ ކަންކަން ހާމަކޮށްފަ އެވެ.

ރިލްވާންގެ ގެއްލުވާލައި، މަރާލި މައްސަލައާ ގުޅިގެން މައުލޫމަތު ދެއްވުމަށް ރިޔާސީ ކޮމިޝަނުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ، ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ހުރަސް އެޅުމަށް އަދީބާއި ރައީސް ޔާމީން ކަންތައްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

މައްސަލައާ ގުޅިގެން އަދީބަށް ކުރާ ތުހުމަތުތައް!

އަދީބު: ރިލްވާންގެ ތަހުގީގަށް އޭނާ ހުަރަސް އެޅި ކަމަށް ރިޔާސީ ކޮމިޝަނުން ބުނޭ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އަދީބަށް މި މައްސަލައާ ގުޅިގެން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ، ރިލްވާން ގެއްލުވާލި އިރު، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި، އަދި ފަހުން ނައިބު ރައީސްކަމަށް ވަޑައިގެންނެވި، އަދީބު ރިލްވާންގެ ތަހުގީގަށް ހުރަސް އެޅުމަށާއި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ފިލުވުމަށް އެހީތެރިވެދީފައިވާ ކަމުގެ ހެކި ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އަދީބު ފޮނުވައިގެން ފުލުހުންގެ ދެ އިންޓެލް އޮފިސަރަކު އަދީބުގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުމަށް އޭރުގެ އިމިގްރޭގްރޭޝަން ކޮންޓްރޯލާ ހަސަން އަލީގެ އަރިހަށް ގޮސް އެދިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އަދީބު، ރިލްވާންގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުމަށް އެމްއެންޑީއެފްގެ ސީނިއާ އޮފިޝަލަކަށްވެސް ގުޅައިފަައިވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

"ޕާސްޕޯޓު ހޯދުމަށް ބޭނުންވާ މަގުސަދަކީ، ރިލްވާން ރާއްޖެއިން ބޭރަށް ސީރިޔާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ކަމަށާއި ރިލްވާންއާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ހުއްޓުވުމަށް ކަމަށް އިންޓެލް އޮފިސަރުުން ކޮންޓްރޯލާ އަރިހުގައި ބުނެފައިވޭ. އެކަމަށް [އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ] އަލީ ހަސަން ބަޔާން ދެއްވާފައިވޭ،" ސުއޫދު ވިދާޅުވި އެވެ.

މީގެ އިތުރުން ރިލްވާނަށް ފާރަލި މުހައްމަދު ސުއައިދު، ސ. ހުޅުދޫ/އަތިރިއާގެ، ދޫކޮށްލުމަށް މައްސަލަައިގައި އަމަލީ ގޮތުން ބައިވެރިވި، މުނާޒު އަބްދުﷲ (ޓީސީ މުނާއްކޮ) އަދީބަށް މެސެޖް ކުރި ކަން ކޮމިޝަންގެ ތަހުގީގުން އެނގޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އެއާއެކު ހަމަ އެދުވަހު އޭރުގެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީގެ އަރިހުގައި ސުއައިދު ދޫކޮށްލުމަށް އަދީބު މެސެޖަކުން އެދިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ރިލްވާނަށް ފާރަލީ، ސުއައިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އަދީބު އެދުނު ގޮތަށް އަބްދުﷲ ދީދީ ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

"ސުވާލަކީ އަދީބުގެ ކޮން އިންޓްރެސްތެއްތޯ އޮތީ. އަޅުގަނޑުމެނަށް ޑީޑަކްޝަންއެއް ހެދިދާނެ. މިވަގުތު ސްޕެކުއުލޭޓް ކުރާކަށް ބޭނުމެއް ނޫން. ނަމަވެސް މިހުރީ ހަގީގަތްތައް،" ރިލްވާންގެ މައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސުއޫދު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަނައިބު ކަންވެސް ކުރެއްވި ސުއޫދު ވިދާޅުވީ، އެ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، އަދުލުު އިންސާފަށް ހުރަސް އެޅިކަމުގެ ދައުވާ އަދީބުގެ މައްޗަށް ކުރެވޭނެ ކަމަށެވެ. އަދި ޕޮލިސް އިންޓެލް ދެމީހުންނަށް ވެސް ތަހުގީގަށް ހުރަސް އެޅިކަމުގެ ދައުވާ ކުރެވޭނެ ކަމަށާއި މި ތިން މީހުންގެ މައްޗަށް ދައުވާ ކުުރުމަށް ޕްރޮސެކުއުޓާ ޖެނެރަލްގެ ލަފައަކަށް އެދޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މައްސަލައާ ގުޅިގެން ރައީސް ޔާމީނަށް ކުރެވޭ ތުހުމަތު!

ރައީސް ޔާމީން: ރިލްވާންގެ ތަހުގީގުގެ އަމާޒު އަނބުރާލަން އެމަނިކުފާނު މަަސައްކަތް ކުރި ކަމަށް ރިޔާސީ ކޮމިޝަނުން ބުނޭ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީނަށް މިމައްސަލައާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތަކާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ވަކި ދިމާލަށް އަނބުރާލުމަށްޓަކައި އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކަމާ ގުޅޭ ހެކިތައްވެސް އެބަހުރި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ރިލްވާން ގެއްލިގެން ތަހުގީގު ކުރުމުގެ ތެރޭގައި އެ ތަހުގީގު ޑައިވާޓް ކުރުމަށް އޭރުގެ ރައިސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމު މަސައްކަތް ކުރި ކަމުގެ ހެކި ލިބިފައި އެބަހުރި. ކަހީނަކު ބޭނުންކޮށްގެން ނުބަތަ ފަންޑިތަ ހަދާ މީހަކު ބޭނުންކޮށްގެން ރަމަލު ޖަހައި، ފާލު ބަލައި، ފުލުހުންގެ ތަހުގީގުގެ ފޯކަސް އަނބުރާލުމަށްޓަކައި އެތަށް މިތަނަށް ފުލުހުން ދުއްވާފައި އެބަހުރި،"ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ އޯޑަރަށް އޭރުގެ ޕޮލިސް ކޮމީޝަނަރު މެދުވެރިކޮށް، ރިލްވާންގެ ތަހުގީގަށް "ރޭގަނޑު ވާރޭގައި މާފަންނު ހުރި ގެޔަކުން، ވިލިނގިއްޔަށް" އަދި "އެތަންމިތަނަށް ފުލުހުން ދުއްވާފައި"ވާ ކަމަށް ކޮމިޝަނުންގެ ތަހުގީގުން އެނގޭ ކަމަށެވެ.

ރައީސް ޔާމީނަށް މި މައްސަލައާ ގުޅިގެން ދައުވާ ކުރާންނަތޯ "ސަން" އިން ސުވާލުކުރުމުން ސުއޫދު ވިދާޅުވީ މި މައްސަލައިގައި ރައީސް ޔާމީންއާ ސީދާ ގުޅުމެއް ނެތުމުން އެމަނިކުފާނަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ ހެކިތަކުގެ އަލީގައި އަނެއްހެން ރައީސް ޔާމީންއަކާ މިމައްސަލައާ ސީދާ ގުޅުމެއް އޮތްކަމަށް އަޅުގަނޑުމެންނަށް ފާހަގަ ނުކުރެވޭ،" ރައީސް ޔާމީންއަށް ދަައުވާ ނުކުރަނީ ކިއްވެގެންތޯ އެހުމުން ސުއޫދު ވިދާޅުވި އެވެ.

ރިލްވާނަށް ވީގޮތެއް ހޯދުމަށް ނުވަތަ އެ މައްސަލަ ތަހުގީގު ނުކުރާ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރަށް ރިލްވާންގެ އާއިލާއިންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އޭރު ފާޑު ވިދާޅުވަމުން ގެންދެވި އެވެ. ރިލްވާން ހިމެނޭ ގޮތަށް ހަގީގަތް ނުހޯދި ހުރި މަރުތަކުގެ ހަގީގަތް ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި އެ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ވެރިކަމުގެ ފުރަތަަ ދުވަހުގައި ރައީސް ރިޔާސީ ކޮމީޝަން އުފެއްދެވި އެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިލްވާން ގެއްލުނު ރޭ ހުޅުމާލެއިން ރިލްވާން ރަހީނުކޮށް ގަދަކަމުން ކާރަކަށް އެރުވުމަށް ފަހު، ޑިންގީއަކަށް ލައިގެން ގެންގޮސް، އެހެން އުޅަދަކަށް އަރުވައި ރިލްވާން މަރާލާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮފިން ރާވައިގެން ކަމަށްވެސް އެކޮމިޝަނުން ބުނެ އެވެ.

comment ކޮމެންޓް