ފައިސާ ދޮވުން ހުއްޓުވުމަށް އެޅޭ ފިޔަވަޅުގައި ތާށި ވަނީ އާދައިގެ މީހާ

އެމްއެމްޕީއާރުސީ އޮފީސް:-- ސަން ފައިލް ފޮޓޯ

ފައިސާ ދޮވުމުގެ މައްސަލަ އަކީ ބޮޑު މައްސަލަ އެއްކަން އަޅުގަނޑުމެން ނަށް މިހާރު އެނގެ އެވެ. ބޭރު ޤައުމުތަކުގެ ބައެއް މުއްސަދިންގެ މެދުގައި މިކަން އޮންނަ ކަން އަބަދު ވެސް ޚަބަރުން އަޅުގަނޑުމެންނަށް އެގެ އެވެ. ޤާނޫނާ އި ޚިލާފަށް ހޯދާ ފައި ހުންނަ ފައިސާ ދޮންނަން، ބައެއް ފައިސާވެރިން ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގާ ކަމުގައިވެ އެވެ. އެ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ބައެއް ޤައުމުތަކުގެ މުއްސަދިން އިންވެސްޓުކުރާ ވާހަކަ އިގެ އަޑު އިވެ އެވެ. އެހެންނަމަވެސް އެކަމުގެ ޙަޤީޤަތް އަޅުގަނޑުމެންނަށް ބެލޭނެ އެއްވެސް ގޮތެއް ނުއޮވެ އެވެ.

ފައިސާ ދޮވުމަކީ ރާއްޖޭގައި ވެސް ހިނގާ ކަމެއް ކަމުގައި ޢާއްމު ވެގެން އައިސްފައި ވަނީ، ރާއްޖޭގެ މުހިއްމު މަޤާމްތަކެއް އަދާ ކުރުމުގެ މަސްއޫލިއްޔަތު އުފުލާ އިސް ވެރިންތަކަކަށް، އެ މީހުން އެހީތެރިކަމަށް އެދުނު ހުރިހާ މާލީ އިދާރާތަކުން ރާއްޖޭގެ ޤާނޫނާ ޚިލާފަށް، އަދި އެތަންތަން ހިންގުމުގައި ކަނޑައެޅިފައި އޮންނަ ޤަވައިދާއި ޚިލާފަށް އެހީތެރިވެ ދިނުމުންނެވެ. ރާއްޖޭގެ ކަންކަން ރަނގަޅު ކުރެވޭނީ ކަންކަމާއި ޙަވާލު ކުރެވިފައި ތިބި މީހުން ނަށް އެ މީހުންގެ ޤާނޫނީ ވާޖިބުތައް ޤާނޫނެއް ގައި ކަނޑައެޅި އެގެން އޮތުމުން ނެވެ. އަދި ޤާނޫނާ ޚިލާފް ވުމުން ދެވޭނެ އަދަބު ވެސް ކަނޑަ އެޅި އެގެން އޮތުމުންނެވެ. ކުންފުނިތަކުގެ ބޯޑުގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާއި ޒިއްމާތައް އެގެން އޮންނަން ޖެހެ އެވެ. އެބޭފުޅުންގެ ޒިއްމާއަކީ ޙާޒިރުވެ ވަޑައިގަންނަވާ ކޮންމެ ޖަލްސާ އަކަށް ދޭ އެތައް ސަތޭކަ ރުފިޔާގެ ޙާޒިރީ ފީ އާއި ކުންފުނިން ދޭ އެހެން ޢިނާޔަތްތަކާ އެކު ބޯޑަށް ހުށައެޅޭ ކޮންމެ އެއްޗަކަށް އާ ބަސް ބުނެ ދިއްކުރާ ކޮންމެ ކަރުދާހެއް ގައި ސޮއިކުރުން ކަމަށް ވެގެން ނުވާނެ އެވެ. ކުންފުނީގެ ބޯޑުން ޤާނޫނާއި ޚިލާފް ނިންމުމެއް ނިންމައިފި ނަމަ އެކަމުގެ ޒިއްމާ ބޯޑުގެ މެމްބަރުން އުފުލަން ޖެހޭނެ ގޮތަށް ޤާނޫނުގައި އޮންނަން ޖެހެ އެވެ. އަދި ކުންފުނިން އެނގި ތިބެ ނިންމާ ނުބައި ނިންމުމެއްގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ޒިއްމާ ވެސް އުފުލަން ޖެހޭނެ އެވެ.

ޤާނުނެއްގައި ނުވަތަ ޤަވައިދެއްގައި އޮފީހެއްގައި ކުރަންވާ ހުރިހާ ކަމެއް ލިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނުލިޔެ ހުންނަ "ޤާނޫނާ"އި ޤަވައިދުތައް ބައިވަރެވެ. އެ "ޤާނޫނާ"އި ޤަވައިދުތަކަށް އަމަލު ކުރެވެނީ މުޖުތަމަޢު ގައި ބަލައިގެންފައި އޮންނަ ޢާއްމު އުޞޫލާ އެއްގޮތަށެވެ. ނުވަތަ މުޖުތަމަޢުގެ ސަގާފީ އާދަކާދަތަކުގެ މިންގަނޑުތަކުގެ ތެރެއިން ނެވެ.

މިހާރު ރާއްޖޭގައި އެންމެ ސަމާލުކަން ދެވޭ ޚަބަރަކީ ރާއްޖޭގެ ކުރީގެ ސަރުކާރުގެ އެންމެ އިސްވެރިންގެ ބޮޑު ޚިޔާނާތުގެ ޚަބަރަށެވެ. އެތައް މިލިއަން ޑޮލަރެއްގެ މައްސަލަ ފަޅާ އެރުމުގެ ކުރިން ވެސް، ރައްޔިތުންގެ ފައިސާ އަށް ޚިޔާނަތްތެރިވިވެރިންގެ ތެރެއިން އިސް އެއް ވެރިއަކު މަރުކަޒީ ބޭންކުގެ އެންމެ އިސްވެރިޔާއާ ބައްދަލު ކުރައްވަން ކޮންމެ ދުވަހަކު ބޭންކަށް ވަޑައިގަންނަވާ ކަން އެނގެ އެވެ. އަދި އެތާގައި އެތައް ވަގުތެއް ހޭދަ ކުރައްވަ އެވެ. ބޭންކުގެ ބައެއް މުއައްޒަފުންގެ ހިތުގެ ތެރޭގައި އޭރު ވެސް އުފެދުނު ސުވާލަކީ ކެބިނެޓުގެ މިނިސްޓަރަކު ކޮންމެ ދުވަހަކު ގަވަރުނަރާ ބައްދަލު ކުރައްވައި ދައްކަވަން އޮންނާނީ ކޮން ވާހަކަ އެއް ބާވަ އެވެ. އެ މިނިސްޓަރަކީ ފައިނޭންސް މިނިސްޓަރަށް ނުވުމާ އެކު އެ ތަން ހިންގުމާ ބެހޭ ގޮތުން ދައްކަވަން ޖެހޭ ވާހަކަ އެއް ނުއޮންނާނެ އެވެ. ފައިނޭންސް މިނިސްޓަރު ގަވަރުނަރާއި ވާހަކަ ދައްކަވަން ބޭނުންފުޅު ވެއްޖެ ހިންދެއްގައި ގަވަރނަރު ވަޑައިގެންނެވުމަށް ދެންނެވޭނީ އެ މިނިސްޓުރީ އަށެވެ. މިނިސްޓަރުގެ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތި، މުސްތަޤިއްލު މުއައްސަސާ އަކަށް، އެ ގޮތަށް ވަޑައިގެންނެވުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމުގައި ގަވަރުނަރަށް ވެސް ދެންނެވޭނެ އެވެ. ނޫންނަމަ އެފަދަ ކަންތައް ނުކުރެއްވުމަށް ވެސް އަންގަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންތޯ އެވެ. ޢާއްމުކޮށް މުޖުތަމަޢުގައި ބަލައިގެންފައި އޮންނަ އިޖްތިމާޢީ ޕުރޮޓޮކޯލް އާ ޚިލާފު ވުމުން އެކަން ބުނެދެވޭ ހިސާބުގައި ތިބޭ ބަޔަކު އެކަން ބުނެދެވެން ވާނެ އެވެ. އަދި އެކަން ހުއްޓުވަން ވާނެ އެވެ. ނުހުއްޓުވުމުގެ ސަބަބުން ނުކުންނަ މައްސަލަތަކުގައި އެ ފަރާތާ މެދު ފިޔަވަޅު އެޅެންވާނެ އެވެ.

މުސްތަޤިއްލު މުއައްސަސާތަކަށް މީހުން ޢައްޔަނު ކުރުމުގައި ޢިލްމީ މީހުންނާއި، ޒުވާނުންނާއި ތަޖުރިބާ ހުރި މީހުން ޢައްޔަނު ކުރުމަށް އިސްކަން ދޭންޖެހޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ބަސްވިކޭ ހިސާބުގައި އުޅުއްވާ މެމްބަރަކު ދާދި ފަހުން ވިދާޅުވި އެވެ. އެ އީ ރަނގަޅު ވާހަކަފުޅެކެވެ. އެހެންނަމަވެސް މިހާރު ވެސް ގިނަ މުއައްސަސާތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ފާސް އޮތް ބޭފުޅުން ނެވެ. ކޮންމެވެސް ވަރަކަށް ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ނެވެ. ބައެއް މާލީ އިދާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނަތް ހިންގުމަށް އެހީތެރިވެ ދެއްވީ ޢިލްމީ ޤާބިލުކަން ނެތިގެންތޯ އެވެ. (އެ ބޭފުޅުން ވިދާޅުވަނީ އެހީތެރިކަން ނުދެއްވާ ކަމަށެވެ. ޤަބޫލުފުޅު ކުރައްވަންތޯ އެވެ؟) ހުނަރު ނެތިގެންތޯ އެވެ. ތަޖުރިބާ ނެތިގެންތޯ އެވެ. ވަޒިފާ ގެއްލިދާނެ ތީވެ އެވެ. ނާޖާއިޒު ފައިދާ ނަންގަވަން އުޅުއްވި ބާރު ގަދަ ބޭފުޅުންގެ ކަޅު ލިސްޓަށް އަރާފާނެ ތީވެ އެވެ. މި ކަމަށް އޮތީ އެންމެ ފަރުވާ އެކެވެ. ޤާނޫނާ ޚިލާފަށް ކަންތައް ކުރި ބަޔަކާ މެދު ފިޔަވަޅު އެޅުމެވެ. އެއްވެސް އިސްތިސްނާ އެއް ނެތި އެވެ. ވެރިކަން ބަދަލު ކުރުމަށް ވޯޓު ލި ބައެއް މީހުން ނުރުހުނަސް އެވެ. މުސްތަޤްބަލުގެ ރަނގަޅަކަށެވެ. މާލީ އިދާރާތަކުގައި ބޮޑު ޚިޔާނާތަށް މަގު ފަހިވާ ގޮތަށް ކަންތައް ކުރި ހުރިހާ މީހުންނާ މެދު ފިޔަވަޅު އެޅެންވާނެ އެވެ. ތެދުފުޅެކެވެ. ކަންދިމާ ކުރާ ގޮތުން އެތަކެއް އަހަރުގެ ތަޖުރިބާ ލިބިފައި ތިބި ބޭނުންތެރި މީހުންތަކެއް ގެއްލިދާނެ އެވެ. ކަމަށް އެކަށީގެންވާ ޢިލްމީ މީހުން ލިބުމަކީ އުނދަގޫ ކަމަކަށް ނުވެ ހިގައިދާނެ އެވެ. އުނދަގޫ މައްސަލަ އަކަށް ވާނީ ތަޖުރިބާ އެވެ. އެ އީ އަހަރުތަކެއްގެ މަސައްކަތަށް ފަހު ލިބޭނެ އެއްޗަކަށް ވާތީވެ އެވެ. ތަޖުރިބާ އަށް ޓަކައި އިޚްލާޞްތެރި ކަމާއި ތެދުވެރިކަން ޤުރުބާން ކޮށްލަން ވީތޯ އެވެ.

ބައެއް މާލީ އިދާރާތަކުން، އެ ތަންތަނުގެ ޤަވައިދާ އެއްގޮތަށް ކަންތައް ކުރާކަން ދައްކަން ރައްޔިތުންނަށް ވަރަށް އުނދަގޫވާ ގޮތަށް ކަންތައް ކުރެ އެވެ. އެތަން ތަނުގައި ހުންނަ އެކައުންޓުތަކަށް ބަލާލުމުން ހަލާލު ގޮތުގައި ހޯދާ ފައި ހުންނަ ފައިސާ ކަން އެގެން އޮންނަ އިރުވެސް، އެ ފައިސާ އިން ޚަރަދެއް ކުރަންޖެހުނަސް، އެ ތަނުން ދަރަންޏަށް، އެތަނުގެ ފައިސާ ބޭނުން ކުރަން އުޅޭ ގޮތަށް ހީވާ ދަރަޖަ އަށް އުނދަގޫ ކުރެ އެވެ. ބައެއް ފަހަރަށް އެ ތަންތަނުން މުއާމަލާތު ކުރާ ގޮތުންނާއި، ކަންތައް ކުރާ ގޮތުން ޓެރަރިޒަމް އާއި ފައިސާ ދޮވުމުގެ މަސައްކަތުގައި އުޅޭ މީހުންނަކީ އެކައުންޓުގައި ކުޑަ ފައިސާކޮޅެއް ގެންގުޅޭ މީހުން ހެން ހީވާ ދަރަޖަ އަށް ކަންތައް ކުރެ އެވެ. މި ގޮތަށް ކަންތައްތައް ކުރަނީ، ބާރު ގަދަ ބައެއް މީހުންނަށް ކުރިން ކަންތައް ކޮށްދެވިފައި ހުރި ގޮތުން، ޤަވައިދާ އެއްގޮތަށް ކަންތައް ކުރާ ކަމަށް ދެއްކުމުގެ ގޮތުން ހީވާ ކަހަލަ އެވެ. މިކަމަށް ހުއްޓުމެއް ގެނެވެން ޖެހެ އެވެ. މިހާރު ބައެއް މާލީ އިދާރާތަކުން ޓެރަރިޒަމް އަށް ފައިސާ ޚަރަދު ކުރާ ގޮތާއި ފައިސާ ދޮންނަ ގޮތް ކަމަށް ބަލާ އުޞޫލެއް ކަމަށް ފެންނަނީ މާލީ އިދާރާގައި މުއާމަލާތް ކުރާ ހުރިހާ ފަރާތަކީ އެކަން ކުރާ މީހުން ކަމަށް ބެލުމެވެ. އެ ކަން ނުކުރާ ކަމަށް ސާބިތު ކޮށްދޭން ވަނީ އެ މުއާމަލާމާތެއް ކުރަން އުޅޭ މީހާ އެވެ. ޙަޤީޤަތުގައި މިކަން އޮންނަންވީ ގޮތަކީ ޝައްކު ކުރެވޭ މުއާމަލާތްތަކާ މެދު ސުވާލު ކުރުމެވެ. މާލީ އިދާރާއެއްގައި އަމިއްލަ ފައިސާ ޖަމަޢަކޮށްފައި ބަހައްޓަނީ ފަސޭހަ އަކަށެވެ. އެ ތަނުން އެ ފައިސާ ނަގަން ވީމާ އުނދަގޫ ކުރާކަށް ނޫނެވެ.

comment ކޮމެންޓް