އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަކަމަށް އިލްމުވެރިން ވިދާޅުވޭ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުން ފަނޑުޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަމަށް ކުރީގެ ބައެއް އިލްމުވެރިންނާއި މިހާރު ބައެއް އިލްމުވެރިން ވެސް ވިދާޅުވެފައިވާ ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިފަދައިން ވިދާޅުވެ ޓުވީޓެއް ކުރައްވާފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އެދިވަޑައިގަތުމުން، އެކަމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލްއިމާމުއްތަބަރީ އާއި އިބްން ހަޒްމް އަދި ހަސަނުލް ބަޞަރީ ފަދަ އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.

އަދި ހަމަ އެގޮތަށް ޔޫސުފް އަލްޤަރާޟަވީ، އަބްދުލްކަރީމް ޒައިދާން އަދި ސައީދު ރަމަޟާން ފަދަ މިހާރުގެ އިލްމުވެރިން ވެސް އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ކަމަށް ވިދާޅުވެފައިވާ ކަމަށް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައެވެ.

https://sun.mv/123362

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރެއްވީވެސް ރައީސް މައުމޫންގެ ވެރިކަމުގައި، 2007 ވަނަ އަހަރުއެވެ. އެގޮތުން ޝުޖޫންއަކީ އެންމެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި އަންހެން ދެ ގާޒީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ގާޒީއެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅިގެން ދީނީ އިލްމުވެރިން ކަމުގައިވާ އަލީ ޒައިދު އަދިި ޝައިހު ހަސަން މޫސާ ފިކުރީ ވިދާޅުވީ، އެއީ ގުރުއާނާއި ސުންނަތާއި ހިލާފު މުންކަރާތެއް ކަމަށެވެ.

އޭގެ އިތުރުން ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވެސް ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫން، ހަރާމް ކަމެއް ކަމުގައި ބުނެފައެވެ.

comment ކޮމެންޓް